ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން ކެބިނެޓު ބައްދަލުވުމެއްގައި: ސަރުކާރުން ބުނަނީ ހަނގުރާމައާ ގުޅިގެން ދިމާވެދާނެ ކަންކަން ދެނެގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފި އެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ވިދާޅުވީ މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި، ކުރިމަތިވެދާނެ ކަންކަން ހައްލުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި އެކުލަވާލި ކޮމިޓީއެއް ކަމަށެވެ.
މުއިއްޒު އެކުލަވާލެއްވި ނުވަ ވަޒީރުންގެ ކޮމިޓީގެ ޗެއާއަކީ، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. ރައީސް އޮފީހުން ބުނީ ކަމާގުޅޭ މައުލޫމާތުތައް މި ވުޒާރާތަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.
މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން އެކުލަވާލި ކޮމިޓީ
ވަޒީރުންގެ ކޮމިޓީ އެކުލަވާލި ހަބަރު އާންމުކުރިތަނާހެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއަށް ކޮށްފާނެ އަސަރުތައް ވަރަށް ގާތުން ބަލައި، ދިރާސާކުރަމުން އަންނަ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަަށަވަރު ކޮށްދިނުމަށް ކަމަށެވެ. އަދި، މުދާ އާންމުކޮށް މުދާ އެެތެރެކުރާ މާކެޓުތަކާއި ރޫޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"މިގޮތުން، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މެދުއިރުމަތީ ހަނގުރާމައިގެ އަސަރު ރާއްޖެއަށް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ސަބަބަކީ، މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެ ގައުމުތަކުން ދަތުރުކުރާ ފްލައިޓުތައް ކެންސަލް ކުރުމެވެ. މި ފްލައިޓުތައް ކެންސަލް ކުރުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުން ނުފުރިފައި އެބަތިއްބެވެ.
ޓޫރިޒަމް މިނިސްޓްރީން އަންނަނީ ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ގުޅިގެން ޓޫރިސްޓުންގެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މިނިސްޓްރީން ވަނީ މާދަމާ ފުރަން ތިބި ޓޫރިސްޓުންގެ ފްލައިޓު ފުރާތޯ ކަށަވަރުކުރުމަށް ފަހު ނޫނީ އެއާޕޯޓަށް ޓޫރިސްޓުން ނުފޮނުވަން ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް އިލްތިމާސްކޮށްފަ އެވެ.
Comment