Advertisement

އައިޓީބީގައި ރާއްޖޭގެ ގިނަ ވިޔަފާރިވެރިންނަށް ބައިވެރިނުވެވިދާނެ ކަމުގެ ބިރު!


އައިޓީބީގައި ރާއްޖޭގެ ގިނަ ވިޔަފާރިވެރިންނަށް ބައިވެރިނުވެވިދާނެ ކަމުގެ ބިރު!

އިރާނު ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާތީ، މާޗު 3 ގައި ޖަރުމަނުވިލާތުގެ ބާލިންގައި ފަށާ އައިޓީބީގައި ދިވެހި ސަރުކާރުގެ ވަފުދާއި ރާއްޖޭގެ ގިނަ ވިޔަފާރިވެރިންތަކަކަށް ބައިވެރިނުވެވިދާނެ އެވެ.

ދޯހާ މަގުން ބާލިން އަށް ދިޔުމަށް ދަތުރުކުރި ބައެއް ވިޔަފާރިވެރިން ދޯހާ އެއާޕޯޓުގައި މިހާރު ވެސް ތާށިވެފައި އެބަ ތިއްބެވެ.

"އަޅުގަނޑުމެންނަށް އަދި ނޭނގެ ކޮން އިރަކު ކަމެއް [ބާލިންއަށް] ފުރޭނީ. އެއާޕޯޓުގައި މި ތިބީ. އަށެއްކަ ދިވެހިން އެބަ އުޅޭ،" ދޯހާ އެއާޕޯޓުގައި ތާށިވެފައި ހުރި ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅަކު އަދަދު ނޫހަށް ވިދާޅުވި އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރާއި ސަރުކާރުގެ ވަފުދު ރާއްޖޭން ފުރަން ރާވާފައި ވަނީ މާދަމާ ކަމަށާއި ނަމަވެސް ވައިގެ ދަތުރުތަކަށް ބުރޫއަރާފައި އޮތުމުން ފުރޭނެ ކަމުގެ ޔަގީންކަން އަދި ނެތްކަމަށެވެ.

"މުޅިން އަދި ދަތުރު ކެންސަލެއް ނުކުރޭ. ހާލަތު ވަޒަން ކުރަމުން މިދަނީ. ރާއްޖޭގެ ފަރާތުން ވަރަށް ގިނަ ކަންކަން އިންތިޒާމު ވެސް ކޮށްފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އައިޓީބީ ފެއާގައި ބައިވެރިވުމަށް އޭނާ ވެސް ރާވާފައި އޮތީ މާދަމާގައި ކަމަށެވެ.

"ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ހުއްޓާލާފައި އޮތުމުން މާދަމާ ފުރޭނެ ކަމުގެ ޔަގީން ކަމެއް ނެތް. ގިނަ ބަޔަކަށް މިފަހަރު ފެއާގައި ބައިވެރި ނުވެވިދާނެ،" ފިރާގު ވިދާޅުވި އެވެ.

އައިޓީބީ ފެއާއަކީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް މަންސަ އެވެ. މި އަހަރަކީ އައިޓީބީ ބާއްވާތާ 60 ވަނަ އަހަރު ފުރޭ އަހަރު ކަމަށްވާތީ، ވަރަށް ގިނަ ހަރަކާތްތައް އިންތިޒާމު ކުރެވިފައި ވެ އެވެ.

އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކަށް އިރާނުން ރައްދު ހަމަލާ ދޭން ފެށުމުގެ ގަލްފުގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މައިގަނޑު ދެ ޓްރާންސިޓް ހަބް ކަމުގައިވާ ދުބާއީ އާއި ދޯހާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލާ އެމިރޭޓްސް، ގަތަރު އެއާވޭސް އަދި ފްލައި ދުބާއީގެ ހުރިހާ ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ގަލްފު އެއާގެ ދަތުރުތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

މިކަމުގެ ސަބަބުން ރާއްޖެ އަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު 50 ޕަސެންޓު ދަށްވާނެ ކަމަަށް ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ބުނެ އެވެ.