about 2 hours 0
about 2 hours 0
އެމެރިކާ އާއި އިޒްރޭލު އިސްވެ އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ރައްދުގައި އެ ގައުމުން މިސައިލް ހަމަލާތައް ދޭން ފެށުމާ ގުޅިގެން ގަލްފު ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.
ސަރަހައްދީ ހަބަރުތައް ގެނެސްދޭ ގަލްފް ނިއުސްގައި ރިޕޯޓުކޮށްފައިވާ ޔޫއޭއީ އާއި ގަތަރާއި ކުވައިތުގެ އިތުރުން ބަހުރެއިނާއި އިރާގުން ވެސް ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެއާލައިންތަކަށް ވަނީ ފްލައިޓުތައް ކެންސަލް ކުރަން މަޖުބޫރު ވެފަ އެވެ.
ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި ރާއްޖެއަށް ގިނަ ޓޫރިސްޓުންތަކެއް އުފުލާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ހިމެނެ އެވެ.
މެދުއިރުމަތި ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުނީ، އިރާނުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ވެރިންނާއި މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލާއި އެެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިރާންގެ ޕްރެޒިޑެންޝަލް ކޮމްޕްލެކްސް އަދި އިންޓެލްޖިންސް ހެޑްކުއާޓާސްއަށް ވަނީ ބޮން އަޅާފަ އެވެ.
އިރާނުން ރައްދުގައި ދިން ހަމަލާތަކުގައި އިޒްރޭލާއި މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯނާއި މިސައިލް ހަމަލާތައް ވަނީ ފޮނުވާލާފަ އެވެ.
އެތައް ދުވަސްތަކެއް ވަންދެން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނީ އޮމާން މެދުވެރިވެ އެ ގައުމުން އެމެރިކާއާ މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ އިރާނުގެ އަސްކަރިއްޔާ ނެތިކޮށްލުމުގެ ބޭނުމުގައި ފެށި އޮޕަރޭޝަނެއް ކަމަށެވެ.
އެ ގޮތުން ޓްރަމްޕުގެ ޓުރުތު ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ އެއްބަސްވުމެއް ހަދަން އިރާނަށް ތަކުރާރުކޮށް ފުރުސަތު ދިން ނަމަވެސް އިރާނުން ބޭނުން ނުވީ ކަމަށެވެ. ޓްރަމްޕު ވަނީ އިރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތައް އިރާނުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެއީ މިހާރު ކުރަމުން އަންނަ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ދިން ހަމަލާތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
Comment