Advertisement

ފަނަރަ ސާޅީސް ދޭއްގައި ހިފަހައްޓަމުން އައި ޑޮލަރުގެ ކޮންޓްރޯލް އަގު ދޫކޮށްލައި ބޭރު ފައިސާގެ އަގު ފްލޯޓް ކުރަން ވިސްނަނީ

16 ފެބުރުވަރީ 2026 - 09:55 1

މަޓީގެ 36 ވަނަ އަހަރީ އާންމު ބައްދަލުވުމުގެ ތެރެއިން: ގިނަ މެންބަރުން ވަނީ ސަރުކާރުން މަޝްވަރާނުކޮށް ސިޔާސަތު ގެންނަ ކަމުގެ ޝަކުވާކޮށްފަ --- ފޮޓޯ: އަމަން ހަލީމް/އަދަދު


ފަނަރަ ސާޅީސް ދޭއްގައި ހިފަހައްޓަމުން އައި ޑޮލަރުގެ ކޮންޓްރޯލް އަގު ދޫކޮށްލައި ބޭރު ފައިސާގެ އަގު ފްލޯޓް ކުރަން ވިސްނަނީ

16 ފެބުރުވަރީ 2026 - 09:55 1

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިސްނަވަނީ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައި އޮތް ސިޔާސަތު އުވާލައި، މުސްތަގުބަލުގައި ޑޮލަރުގެ ކޮންޓްރޯލް އަގު ދޫކޮށްލަން ކަން ހާމަވެއްޖެ އެވެ.

ގަވަރުނަރު އެގޮތަށް ވިސްނަވާކަން ހާމަވީ އިއްޔެ ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) ގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުން އެކަން އާންމު ކުރުމުންނެވެ.

މަޓީގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ މެންބަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މަޝްވަރާ ބައިގައި، އެ ތަނުގައި ހުންނެވި ލެޝާ ހޮލިޑޭސްގެ މަންދޫބު ވަނީ ޑޮލަރު މާރުކުރުމުގެ ސިޔާސަތާ މެދު އެ ތަނުގައި ތިބި އެކަކު ވެސް ހިތްހަމަނުޖެހޭ ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށް ބުނެފަ އެވެ.

"ސަރުކާރުތަކުން ސިޔާސަތު ހަދާނީ ސަރުކާރަށް ފައިދާވާ ގޮތަށް. ވިޔަފާރިތަކުން ކަންކަން ކުރާނީ ވިޔަފާރިތަކަށް ފައިދާވާ ގޮތަށް. އެކަމަކު މި ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފައި އޮތް އޮތުމާ މެދު އަލުން ވިސްނާލަން ޖެހޭ ކަމަށް ގަބޫލުކުރެވެނީ،" އޭނާ ބުންޏެވެ.

މިހެން ނަމަވެސް، މި ކަންބޮޑުވުމަށް ދެއްވި ޖަވާބުގައި، މަޓީގެ ޗެއާޕާސަންއަކަށް އިއްޔެ ހޮވިވަޑައިގެންނެވި ހުސެއިން އަފީފު (ޗަމްޕާ އަފީފު) ވަނީ، ޑޮލަރު މާރުކުރަން އޭނާގެ މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ. އެހެންވެ، އެ ސިޔާސަތާ މުޅި އިންޑަސްޓްރީ ދެކޮޅު ކަމަށް ނުބުނެވޭނެ ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.

ޑޮލަރު މާރުކުރުމުގެ ސިޔާސަތު އުވާލާނެ ކަމަށް މުނައްވަރު ވިދާޅުވި ކަމަށް އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނީ ފަހުން ސުވާލުކުރި މެންބަރަކު، ޑޮލަރު އަގު ކޮންޓްރޯލްކޮށްފައި އޮތުމުގެ ބޭނުމަކީ ކޮބައިކަން އެނގޭތޯ އެހުމުންނެވެ. އެ މެންބަރު މި ކަންބޮޑުވުން ހިއްސާކުރީ، ޑޮލަރު މާރުކުރަމުންދާއިރު ވެސް ޕެރެލަލް މާކެޓުގައި ނޫނީ އާންމުކޮށް ކިޔާ ގޮތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގަށް ބަދަލެއް ނާންނަ ކަމަށް ފާހަގަކުރަމުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ކުރިން އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް، އަދި އިއްޔެ ވައިސް ޗެއާޕާސަން ކަމަށް އިންތިހާބުކުރި ކްރައުން ކުންފުނީގެ އަހުމަދު ނަޒީރު ވަނީ ޑޮލަރު މާރުކުރަން ޖެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެ ޖަމިއްޔާއިން ގަވަރުނަރާ ބައްދަލުކުރިއިރު، ޑޮލަރު މާރުކުރުމުގެ ސިޔާސަތަކީ ދާއިމީ ސިޔާސަތަކެއް ނޫން ކަމަށް ގަވަރުނަރު ވިދާޅުވި ކަމަށެވެ.

"ގަވަރުނަރު އަޅުގަނޑުމެންނާ ބައްދަލުކުރި ދުވަހު ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ ސިޔާސަތު ވަކި ހިސާބަކުން އުވާލައި، ޑޮލަރުގެ އަގު ފްލޯޓު ކުރާނެ ކަމަށް،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރުގެ މި ވާހަކަތަކަށް ބާރު ދެއްވަމުން އެ ޖަމިއްޔާގެ އަނެއް ވައިސް ޗެއާޕާސަން، ވޮޔޭޖަސް މޯލްޑިވްސްގެ ސަލާހު ޝިހާބު ވެސް ވަނީ އޭނާ ވެސް ބައިވެރިވި އެ ބައްދަލުވުމުގައި ގަވަރުނަރު މިހެން ވިދާޅުވި ކަމަށް ވިދާޅުވެފަ އެވެ. މިހެން ނަމަވެސް އެކަން ކުރަން ވަކި މުއްދަތެއް ނުދޭ ކަމަށް އޭނާ ވެސް ނަޒީރު ވެސް ވިދާޅުވި އެވެ.

ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ދަށުން ނިމުނު އަހަރުގެ ތެރޭގައި 492 މިލިއަން ޑޮލަރު މާރުކުރި އެވެ. މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓުތަކުން މާރުކުރި ފައިސާ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސްގެ ގޮތުގައި އެކަނި ވެސް 1.2 ބިލިއަން ޑޮލަރު ސަރުކާރަށް ލިބުނެވެ.

ސަރުކާރުން ބުނާ ގޮތުގައި ބޭރު ފައިސާގެ ތާށިކަމުގެ މައްސަލަ ހައްލުކުރަން އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. މީގެ ކުރިން މުއިއްޒު ވަނީ އަންނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމަށް ވައުދުވެޑައިގެންފަ އެވެ.