about 5 hours 0
މަހްފޫޒް ސައީދު
about 5 hours 0
"ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ" އަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އަސްކަރީ ކުރިމަތިލުންތަކެއް ހިންގާ ކޮންމެ ފަހަރަކު އަޑުއިވޭ އިބާރާތެކެވެ. އެމެރިކާއާއި އިސްރޭލުން ގުޅިގެން އީރާނަށް ހަމަލާދޭން ފެށުމުން ވެސް ދުނިޔޭގެ މީޑިއާތަކުން އަނެއްކާ ވެސް މި ސުރުހީ ފެންނަން ފަށައިފި އެވެ.
މި ވާހަކައެއް އަޑުއިވި ގަތް ބިރަކުން މިކަމުގެ އެކޮޅުމިކޮޅު ބަލާލަން ހިތަށް އަރައިފި އެވެ. ބޭނުމަކީ އަމިއްލަ ހިތަށް ހަމަޖެހުމެއް ހޯދުމެވެ. ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިގެން ދިއުމަކީ ބިރުވެރިކަމެކެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަމީންދީދީ ލިޔުއްވި 'ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި' މި މަޒުމޫނުތައް ކިޔާފައި ހުރި ކޮންމެ ދިވެއްސަކު ވެސް މިކަމަކާ ސިހި ހަލާކުވާނެކަން ގައިމެވެ. އެފަދަ ހަނގުރާމައެއްގެ ނުސީދާ އަސަރުތަކާ އެންމެ ފުރަތަމަ ކުރިމަތިލާންޖެހޭނޭ އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމައެއް ވެގެންދާނީ އަމިއްލަ އެއްވެސް އުފެއްދުންތެރިކަމެއް ނެތް، އިމްޕޯޓަށް ބަރޯސާވާ، ދިވެހިރާއްޖެ ފަދަ ގައުމެއްގެ ނިމުމަށެވެ. ރާއްޖެއިން ގެންގުޅޭ ދޯހަޅި ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން މިހާރު ވެސް ރާއްޖެއަކީ ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރި ގައުމެކެވެ. ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ ރާއްޖޭގެ ރައްޔިތުންގެ ކަންކަން ބެލެހެއްޓޭނޭ ގާބިލުކަން ހުރި ސަރުކާރެއް ރާއްޖެއަކު ނެތެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް އެ އިހުތިރާމެއް ވެސް މިހާރަކު ނެތެވެ.
މިކަމަކާ ގަތް ބިރަކުން، ދުނިޔޭގެ ފުރަތަމަ ބޮޑުހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމަ ފެށި ފުޅާވެގެން ދިޔަ ގޮތުގެ މައްޗަށް ލިޔެފައި ހުރި ލިޔުންތަކާއި، ނަޒަރިއްޔާތައް ކިޔާލީމާ ހިތަށް ކުޑަ ފިނިކަމެއް ލިބިއްޖެ އެވެ.
ތެދެކެވެ. މި ހަމަލާތަކުގެ ސަބަބުން ފަނާކުރަނިވި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދުމަކީ ބުއްދިގަބޫލުކުރެވޭ ކަމެކެވެ. ނަމަވެސް ތާރީހަށް ބަލާއިރު، މިފަދަ ކޮންމެ ހަނގުރާމައަކީ "ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް" ބަދަލުވާ ހަނގުރާމަތަކެއް ނޫނެވެ. މިހާރު ކުރިއަށްދާ ހަމަލާތަކުގެ ނުރައްކާ އޮތް މިންވަރު ރަނގަޅަށް ވަޒަންކުރުމަށްޓަކައި، ވިހިވަނަ ގަރުނުގައި ހިނގި ދުނިޔޭގެ ދެ ބޮޑު ހަނގުރާމަ ފެށިގެން އައި ގޮތާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ އިލްމީ ނަޒަރިއްޔާތަކަށް ރިއާޔަތްކުރަން ޖެހެ އެވެ.
ފުރަތަމަ ބޮޑު ހަނގުރާމައަކީ ދުނިޔޭގެ ފެންވަރުގައި ރޭވިގެން ފެށުނު ކަމެއް ނޫނެވެ. އެއީ 1914 ވަނަ އަހަރުގެ ޖޫން މަހު އާޗްޑިއުކް ފްރާންޒް ފާޑިނަންޑް އަވަހާރަކޮށްލުމާ ގުޅިގެން ބަލްކަން ސަރަހައްދުގައި އުފެދުނު ކުޑަ މައްސަލައަކުން ފެށުނު ކަމެކެވެ.
އާޗްޑިއުކް ފްރާންޒް ފާޑިނަންޑަކީ އޮސްޓްރިއާ-ހަންގޭރީގެ ވަލީއަހުދެވެ. މީލާދުން 1863 ވަނަ އަހަރު އުފަންވި ފާޑިނަންޑަށް މި މަގާމު ލިބިވަޑައިގަތީ، އޭރުގެ ވަލީއަހުދު ޕްރިންސް ރޫޑޮލްފް 'އަމިއްލައަށް' މަރުވުމާ ގުޅިގެންނެވެ. ސިޔާސީ ގޮތުން ބަލާއިރު، ފާޑިނަންޑަކީ ކޮންޒަވޭޓިވް ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، ރަސްކަމުގެ ތެރޭގައި އިސްލާހީ ބަދަލުތައް ގެނައުމަށް އޭނާ ތާއީދުކުރެއްވި އެވެ. ހާއްސަކޮށް ސްލާވިކް ދަރިކޮޅުގެ މީހުންނަށް އަސާސީ ހައްގުތައް ދީ، އެމީހުން ބާރުވެރިކުރުވުމަށް އޭނާ ބޭނުންފުޅުވި އެވެ.
ޖޫން 28، 1914 ގައި، އޭރު އޮސްޓްރިއާ-ހަންގޭރީގެ ބައެއްގެ ގޮތުގައި އޮތް ސަރަޖޭވޯއަށް ކުރެއްވި ޒިޔާރަތެއްގައި، ފާޑިނަންޑާއި އޭނާގެ އަނބިކަނބަލުން ސޯފީ އަވަހާރަކޮށްލެވުނެވެ. މި ހަމަލާ ދިންކަމަށް ވަނީ "ޔަންގް ބޮސްނިއާ" ގްރޫޕާ ގުޅުން އޮތް ބޮސްނިއާގެ ސާބް ނޭޝަނަލިސްޓެއް ކަމަށްވާ ގަވްރިލޯ ޕްރިންސިޕް އެވެ. މި ހާދިސާގެ ސަބަބުން "ޖުލައި ކްރައިސިސް" ގެ ނަމުން މަޝްހޫރުވި ސިޔާސީ ނުތަނަވަސްކަން އުފެދި، ގައުމުތަކުގެ މެދުގައި ބަދަލުކުރެވުނު އިންޒާރުތަކާއި އަސްކަރީ ތައްޔާރީތަކުގެ ނަތީޖާއެއްގެ ގޮތުން، ސީދާ ފުރަތަމަ ބޮޑު ހަނގުރާމަ ފެށިގެން ދިޔަ އެވެ.
ފާޑިނަންޑަކީ ހަނގުރާމައިގެ ދުވަސްވަރު ފަހުން ފެނިގެންދިޔަ އިސް ލީޑަރުން ފަދަ ދުނިޔޭގެ ފެންވަރުގެ ނުފޫޒުގަދަ ބޭފުޅެއް ނޫން ނަމަވެސް، އޭނާ އަވަހާރަކޮށްލުމަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އޭރު އުފެދިފައި އޮތް އިއްތިހާދީ ނުތަނަވަސްކަމުގެ ބޮޑު އަލިފާންގަނޑު ރޯކޮށްލި ކުލަވަރަކަށް ވެގެންދިޔަ އެވެ.
އޮސްޓްރިއާ-ހަންގޭރީއާއި ސާބިއާއާ ދެމެދު އުފެދުނު މި ހަމަނުޖެހުން ދުނިޔޭގެ ބޮޑު ކާރިސާއަކަށް ބަދަލުވީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އޮތް ވަރުގަދަ އިއްތިހާދުތަކުގެ ސަބަބުންނެވެ. އޮސްޓްރިއާ-ހަންގޭރީން ކުރިއަށް ދިޔައީ ޖަރުމަނުގެ އެހީތެރިކަމާއެކުގަ އެވެ. ސާބިއާއަށް ރަޝިޔާގެ ތާއީދު ލިބުނެވެ. ރަޝިޔާގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ފަރަންސޭސިވިލާތަށް ވެސް ހަނގުރާމައިގެ ތެރެއަށް ވަންނަން މަޖުބޫރުވި އެވެ. އަދި ޖަރުމަނުން ބެލްޖިއަމަށް އަރައިގަތުމުން އިނގިރޭސިވިލާތަށް ވެސް އެ ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހުނެވެ.
މި ހަނގުރާމައިގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ގައުމުތަކުގެ މެދުގައި އޮތް އިއްތިހާދުތަކުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވާން މަޖުބޫރުވުމެވެ. އޭރުގެ ލީޑަރުންނަށް ވިސްނިފައި އޮތީ، އެ ހަނގުރާމައަކީ ކުޑަ ސަރަހައްދެއްގެ ތެރޭގައި ކޮންޓެއިންކޮށްގެން ހިންގޭނޭ ހަނގުރާމައެއް ކަމަށެވެ. އެހެންނަމަވެސް މަދު ހަފުތާތަކެއްގެ ތެރޭގައި ޔޫރަޕްގެ ހުރިހާ ބޮޑެތި ބާރުތަކެއް ހަނގުރާމައިގެ ތެރެއަށް ވަދެ، އިސްތިއުމާރީ ބާރުތަކުގެ ސަބަބުން މި ހަނގުރާމަ އެފްރިކާ، މެދުއިރުމަތި އަދި އޭޝިއާއަށް ފެތުރިގެން ދިޔަ އެވެ.
ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އައީ ތަފާތު ގޮތަކަށް ކަމަށް ވިޔަސް، އެ ހަނގުރާމަ ފުޅާވެގެން ދިޔައީ ކުރީގެ ހަނގުރާމައާ އެއްގޮތް އުސޫލުތަކަކުންނެވެ. މީލާދުން 1939 ވަނަ އަހަރު ޖަރުމަނުން ޕޮލެންޑަށް އަރައިގަތުމުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ހަނގުރާމަ އިއުލާނުކުރި އެވެ. ހަނގުރާމަ އިތުރަށް ވަރުގަދަވީ ޖަރުމަނުން މުޅި ޔޫރަޕަށް ފެތުރިގަނެ، އިޓަލީއާއި ޖަޕާނާއެކު "އެކްސިސް" އިއްތިހާދު އުފެއްދުމުންނެވެ. މި ހަނގުރާމަ މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ ޖަޕާނުން އެމެރިކާގެ ޕާލް ހާބަރަށް ހަމަލާދިނުމުންނާއި، ޖަރުމަނުން ސޯވިއެޓް ޔޫނިއަނަށް އަރައިގަތުމުންނެވެ.
ސަރަހައްދީ ހަނގުރާމައެއް ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުވީ އެކި ބައްރުތަކުގެ ބޮޑެތި ބާރުތަކުން ސީދާ އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއަށް ވަނުމުންނެވެ. މި ހަނގުރާމައިގައި އިއްތިހާދުތައް އޮތީ ވަރަށް ސާފުކޮށް ވަކިވެފައި، އަދި ފިކުރީ ގޮތުންވެސް ދެކޮޅުވެރިކަން އިންތިހާއަށް ގޮސްފަ އެވެ.
ބޮޑު ހަނގުރާމައެއް ފެށިދާނެތޯ ބެލުމަށް ބައިނަލްއަގުވާމީ ގުޅުންތަކުގެ 'ރިއަލިސްޓް' ތިއަރީ ބޭނުންކުރުން
ބައިނަލްއަގުވާމީ ގުޅުންތަކުގެ އިލްމީ ނަޒަރިއްޔާތައް ބޭނުންކޮށްގެން މިހާރުގެ ހާލަތު ވަޒަންކުރާއިރު، ބޮޑެތި ބާރުތަކުން އަމަލުކުރާނީ ވަރަށް ބޮޑަށް ވިސްނައިގެންކަން އެނގެ އެވެ. ކެނެތު ވޯލްޓްޒް ފަދަ 20 ވަނަ ގަރުނުގެ ނުފޫޒު ގަދަ ތިއަރިސްޓުންގެ ނަޒަރިއްޔާގައި ބުނަނީ ދުނިޔޭގެ ނިޒާމުގައި ބޮޑެތި ބާރުތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ އެބައިމީހުންގެ އަމިއްލަ ސަލާމަތަށް ކަމަށެވެ. ނިއުކްލިއާ ހަތިޔާރު ހުރި ގައުމުތަކެއްގެ މެދުގައި ސީދާ ކުރިމަތިލުމަކަށް ދިއުމަކީ އެންމެންނަށްވެސް އޮތް ނުރައްކަލަކަށް ވާތީ، ކޮންމެ ގައުމަކުން ވެސް އެފަދަ ހަނގުރާމައަކަށް ދިއުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާނެ އެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިން ކަމުގައި ވިޔަސް، އެއީ މުޅި ސަރަހައްދު ހިފުމުގެ ބަދަލުގައި ވަކި ހާއްސަ މަގުސަދުތަކެއް ހާސިލުކުރަން ދޭ ހަމަލާތަކަކަށް ވުން ގާތެވެ. އީރާނުން ރައްދު ހަމަލާ ދޭނެ އެވެ. މިހާރު ވެސް އެ ދަނީ ހަމަލާ ދެމުންނެވެ. ނަމަވެސް ނިއުކްލިއާ ބާރުތަކާ ސީދާ ކުރިމަތިލުމަކަށް ދިއުމަކީ އީރާނަށް އޮތް ނުރައްކަލެއްކަން އެ ގައުމަށް އެނގޭނެ އެވެ. އަދި އީރާނުގެ އާންމު ރައްޔިތުންގެ ތާއީދު އެ ގައުމުގެ ސަރުކާރަށް ނެތުމަކީ ވެސް ކުރިމަތިވާނޭ ގޮންޖެހުމެކެވެ. ހަމައެފަދައިން، ރަޝިޔާއާއި ޗައިނާއިން މިކަމުގެ ތެރެއަށް ވަނުމުގެ ކުރިން އެ ގައުމުތަކުގެ އަމިއްލަ ސަލާމަތާއި އިގުތިސާދަށް ވާނެ ގޮތް ވަޒަންކުރާނެ އެވެ. ރަޝިއާ މިހާރު ވެސް އެއޮތީ ހަނގުރާމައެއްގެ ތެރޭގަ އެވެ. އެ ގައުމާ ގުޅުން ރަނގަޅު، ބާރުގަދަ ގައުމުތައް މަދެވެ.
ނަވާރަ ވަނަ ގަރުނުގެ ކުރީކޮޅާ ހިލާފަށް، މިއަދު ދުނިޔޭގައި އޮތް އިއްތިހާދުތަކަކީ މަޖުބޫރުން ހަނގުރާމައިގެ ތެރެއަށް ވަންނަން ޖެހޭ ފަދަ އުސޫލުތަކެއް އޮތް އިއްތިހާދުތަކެއް ނޫނެވެ. އީރާނާއެކު ރަޝިޔާއާއި ޗައިނާގެ ގާތް ގުޅުމެއް އޮތް ނަމަވެސް، އީރާނަށް ހަމަލާއެއް ދީފިނަމަ އެ ގައުމުތަކުން ސީދާ ހަނގުރާމައަށް ވަންނާނެ ކަމުގެ އެއްބަސްވުމެއް ނެތެވެ. އަދި ނޭޓޯގެ ގައުމުތަކުންވެސް އިރާގާއި އަފްގާނިސްތާނުގެ ހަނގުރާމައަށްފަހު، މެދުއިރުމަތީގެ ހަނގުރާމަތަކަށް ވަނުމަށް ޖެހިލުންވެ އެވެ. އަމުދުން މިއީ އެމެރިކާއިން އިސްނަގައިގެން ހިންގި ހަނގުރާމައަކަށްވާތީ، މި ހާލަތުގައި ނޭޓޯ ޗާޓަރުގެ 5 ވަނަ މާއްދާގެ ބޭނުމެއް ވެސް ނުހިފޭނެ އެވެ.
ނޭޓޯ ޗާޓަރުގެ 5 ވަނަ މާއްދާގައި ބުނަނީ، ނޭޓޯގެ މެންބަރު ގައުމަކަށް އެހެން ގައުމަކުން ހަމަލާދީފިނަމަ، އެއީ މުޅި ނޭޓޯއަށް ދިން ހަމަލާއެއްކަމުގައި ބަލަންވާނެ ކަމަށެވެ. ތާރީހުގައި މި މާއްދާގެ ބޭނުން ހިފާފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ މަޝްހޫރު 'ނުވައެއް އެގާރަ" ހަމަލާއަށް ފަހު އެވެ. އެފަހަރު އަފުގާނިސްތާނު ސުންނާފަތިކޮށްލުމަށް ނޭޓޯއިން އެމެރިކާއަށް ވާގިވެރިވި އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން ބައިވެރިވި އެ ހަނގުރާމަ ވެސް ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުވެގެން ނުދެ އެވެ.
ތޯމަސް ޝެލިންގްއާ ގުޅުވައި ބަޔާންކުރާ "އެސްކަލޭޝަން ލެޑަރ" ނުވަތަ މަސްލަހަތު ގޯސްވަމުންދާ މަރުހަލާތަކުގެ ތިއަރީގައި، ހަނގުރާމައާއި ހަމަނުޖެހުންތައް ސިފަކޮށްފައިވަނީ ތަރުތީބުން އަންނަ ސިލްސިލާ ފިޔަވަޅުތަކެއްގެ ގޮތުގަ އެވެ. ދައުލަތްތަކުން ކުއްލިއަކަށް ފުރިހަމަ ހަނގުރާމައަކަށް ވަނުމުގެ ބަދަލުގައި، ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ގެންދާނީ ކޮންމެ މަރުހަލާއެއްގައި ކުރިމަތިވެދާނެ ނުރައްކާތަކަށް ރިއާޔަތްކޮށްގެންނެވެ.
މިސާލަކަށް، ވަކި އަމާޒުތަކަކަށް ދެވޭ ވައިގެ ހަމަލާއަކަށް ބަދަލުހިފުމުގެ ގޮތުން މިސައިލް ހަމަލާތަކެއް އަތުވެދާނެ އެވެ. އަދި އޭގެ ސަބަބުން ސައިބަރ ހަމަލާތަކާއި، ނުސީދާ ހަމަލާތައް (proxy attacks) ނުވަތަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަވެގެން ހިނގައިދާނެ އެވެ. މިފަދަ ކޮންމެ ފިޔަވަޅަކީވެސް، ކަންކަން ހައްލުކުރުމަށް ނުވަތަ މަސްލަހަތު އިޔާދަކޮށް ހަމައަކަށް އެޅުވުމަށް ލިބިގެންދާ ފުރުސަތެކެވެ.
އެސްކަލޭޝަން ލެޑަރ ތިއަރީ ބިނާވަނީ ކޮންމެ ހަރުފަތެއްގައިވެސް މަޝްވަރާކޮށްގެން ހަމަލާތައް ހުއްޓާލުމުގެ ފުރުސަތު އޮތުމުގެ މައްޗަށެވެ. އެހެންވީމާ، މިހާރު އެކުރިއަށްދާ ހަމަލާތައް ފުޅާވެ، ތިންވަނަ ބޮޑު ހަނގުރާމައަކަށް ބަދަލުވާނަމަ ވާނީ އޭގެ ކުރިއަށް އަދި ވަރަށް ގިނަ ކަންކަން ތަރުތީބުވެގެންނެވެ. މިސާލަކަށް ރަޝިޔާ ނުވަތަ ޗައިނާ ފަދަ ބޮޑު ބާރަކުން އެމެރިކާއާ ދެކޮޅަށް ސީދާ ހަނގުރާމައަށް ނުކުމެއްޖެ ނަމަ ވަރަށް ބޮޑަށް ހާލަތު ގޯސްވެގެން ދާނެ އެވެ. އެހެންނަމަވެސް މިއީ އެ ގައުމުތަކަށް ވެސް ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމަކަށް ވާތީ، އެ ގައުމުތަކުން މިފަދަ ފިޔަވަޅެއް އެޅުމަކީ ވަރަށް ދުރު ކަމެކެވެ.
މަތީގައިވާ ހުރިހައި ސަބަބުތަކަށް ބަލާއިރު، މިއީ ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ވުމުގެ ބަދަލުގައި، ސަރަހައްދީ ފެންވަރުގެ ވަރުގަދަ ހަނގުރާމައަކަށް ވުމަކީ މި ހަމަލާތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާއެކެވެ. މީގެ ސަބަބުން މެދުއިރުމަތީގައި ހަމަނުޖެހުން ބޮޑުވެ، ތެލުގެ ވިޔަފާރިއަށާއި ކަނޑުދަތުރުފަތުރަށް ބުރޫއަރައި، ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުތައް ކުރާނެ އެވެ. ނަމަވެސް ބޮޑެތި ބާރުތަކުން ސީދާ އެއްގައުމު އަނެއް ގައުމާ ހަނގުރާމަ ނުކުރާހާ ހިނދަކު، މިއީ ދުނިޔޭގެ ބޮޑު ހަނގުރާމައަކަށް ބަދަލުވުމުގެ ފުރުސަތު ކުޑަ އެވެ.
ތާރީހުން ސާބިތުވާ ގޮތުގައި ދުނިޔޭގެ ބޮޑު ހަނގުރާމަތައް އުފެދެނީ ހަމައެކަނި އަނިޔާވެރިކަމާއެކު ދޭ ހަމަލާތަކުގެ ސަބަބަކުން ނޫނެވެ. ގައުމުތަކުގެ މެދުގައި އޮންނަ ހަރުކަށި އިއްތިހާދުތަކާއި، ބޮޑެތި ބާރުތަކުން ކަންކަން ވަޒަންކުރުމުގައި ހަދާ ގޯސްތަކަކީ ވެސް ބޮޑެތި ހަނގުރާމަތައް ފެށުމުގައި ބޮޑު ދައުރެއް އަދާކުރާ ކަންކަމެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާއަކީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލާނެ ބޮޑު ނުރައްކަލެކެވެ. ނަމަވެސް، ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމަ ފެށުނު އިރު އޮތް ފަދަ ހާލަތްތަކެއް މިއަދަކު ނެތެވެ. އެހެންކަމުން، ބޮޑެތި ބާރުތަކުން މި ހަމަނުޖެހުމުގެ ފައިދާ ނެގުމަށްޓަކައި، މިކަމުގެ ތެރެއަށް ސީދާގޮތުން ނުވަންނަހައި ހިނދަކު ތިންވަނަ ބޮޑު ހަނގުރާމައަކަށް މިކަން ބަދަލުވުމުގެ ފުރުސަތު ކުޑަ އެވެ.
އެހެންނަމަވެސް، މިއީވެސް ރާއްޖެއަށް އެހާ ހެޔޮ ހަބަރެއް ނޫނެވެ. ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމެއްގެ ސީދާ އަސަރުކުރާނޭ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މިކަން ދަނެގެން އަޅުގަނޑުމެންގެ ސަރުކާރުން ވެސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. މި ހަމަލާތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނޭ އިގުތިސާދީ ދަތިތަކަކީ ކޮބައިތޯ ބަލައި، ރައްޔިތުން އަމަލުކުރަންޖެހޭނޭ ގޮތުގެ ފުރިހަމަ އިރުޝާދުތައް ފޯރުކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމެކެވެ. އެކަމަކު، އަދި ސަރުކާރުން ހޭ ވެސް އަހައި ނުލަ އެވެ.
Comment