Advertisement

ދައުވާކޮށްގެން ނުހުއްޓުވޭނެ، ރިފަރެންޑަމްގައި މުއިއްޒަށް ރައްޔިތުން 'ނޫނެކޭ' ބުނާނެ: މައުރޫފް ޒާކިރު

މައުރޫފް އާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން، ލޯކަލް ކައުންސިލް އިންތިހާބުގައި ތ. އަތޮޅު ދިޔަމިގިލީގައި. -- ފޮޓޯ: އެމްޑީޕީ


ދައުވާކޮށްގެން ނުހުއްޓުވޭނެ، ރިފަރެންޑަމްގައި މުއިއްޒަށް ރައްޔިތުން 'ނޫނެކޭ' ބުނާނެ: މައުރޫފް ޒާކިރު

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވި ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާ ގުޅިގެން އެ މުޒާހަރާގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފުލުހުން ވަނީ ފޮނުވައިފަ އެވެ.

މައުރޫފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވި ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ. ދައުވާކުރަން ފޮނުވިކަން އިއްޔެ އެންގިއިރު ވެސް އޭނާ ހުންނެވީ ކެމްޕޭނުގައި ތ. އަތޮޅުގަ އެވެ.

"އަޅުގަނޑުގެ މައްޗަށް ދައުވާކުރުމަކީ އަޅުގަނޑުމެންގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެޅޭނެ ހުރަހެއް ނޫންކާއި، ރިފަރެންޑަމްގައި ރައްޔިތުން [ރައީސް މުއިއްޒަށް] 'އާނއެކޭ' ނުބުނާނެކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަން އެބަޖެހޭ،" މައުރޫފު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވުމާ ގުޅިގެން އެ ޕާޓީގެ ކުރީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ މިއީ މި ސަރުކާރުގެ ބާކީ އޮތް ދުވަސްތަކުގައި ރާއްޖެއިން ފެންނާނެ މަންޒަރު ކަމަށާއި، ކޮންމެ އިންތިހާބަކާ ދިމާކޮށް އިދިކޮޅު ފަރާތްތަކަށް ބިރު ދައްކާ، އިންޒާރުދީ، ދަތިކުރުމަކީ މި ސަރުކާރުގެ ސްޓްރެޓެޖީ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ ދައުވާތައް ހުއްޓާލާނެ ކަމުގެ ވައުދާއެކު ކަމަށާއި، ނަމަވެސް މިހާރު ފެންނަމުން މިދަނީ އެމަނިކުފާނުގެ އަނިޔާވެރި ސިފަ ކަމަށެވެ.

"މީގެ ސަބަބުން މައުރޫފް ޒާކިރެއް ވެސް އަދި އެމްޑީޕީއެއް ވެސް ނުހުއްޓުވޭނެ،" މީކާއީލް ވިދާޅުވި އެވެ.