Advertisement

ކޮމިޝަނަރު ނުހޮވިގެން އުޅެނިކޮށް ފުލުހުންގެ މުހިންމު މަގާމަކަށް ބަދަލު ގެނެސްފި

about 1 hour 0

ފުލުހުންގެ މައި މަރުކަޒު:


ކޮމިޝަނަރު ނުހޮވިގެން އުޅެނިކޮށް ފުލުހުންގެ މުހިންމު މަގާމަކަށް ބަދަލު ގެނެސްފި

about 1 hour 0

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު ނުހޮވިގެން އުޅެނިކޮށް، އެ މަގާމަށް މީހަކު އައްޔަން ކުރުމުގައި އިސް ރޯލެއް އަދާކުރާނެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިޔާ ބަދަލުކޮށްފި އެވެ.

ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިޔަކަށް މީގެ ކުރިން ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އެވެ. އެކަމަކު، މިދިޔަ ހަފުތާގައި އޭނާ އެ މަގާމުން ވަކިކޮށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ރަޝީދު ވަނީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިޔަކަށް އައްޔަންކޮށްފަ އެވެ.

ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ވެރިޔާ ބަަދަލުކުރިއިރު، ޕޮލިސް ކޮމިޝަނަރުގެ މަގާމު މި ވަގުތު ހުރީ ހުސްކޮށެވެ. ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ މައްސަލައެއް އޮތްތޯ ބެލުމުގައި ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން އިސް ރޯލެއް އަދާ ކުރާނެ އެވެ.

ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިޔާ ބަދަލުކުރިއިރު، ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތު މިވަގުތު އަދާކުރައްވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އެވެ. ފަރުހާދަކީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވާދަ ކުރައްވާ ބޭފުޅެކެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފަރުހާދަ ވާދަ ކުރައްވާއިރު އޭނާއަށް ތުހުމަތު ކުރެވޭ ސީރިއަސް ޖިނާއީ މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، ރޭޕް ކޭސްއެއްގައި ހިމެނޭ އޭނާގެ ދަރިފުޅު ސަލާމަތް ކުރަން ހެކި ނައްތާލިކަމުގެ ތުހުމަތު ހިމެނެ އެވެ. އަދި މިދިޔަ އަހަރު އޭނާގެ ދަރިފުޅު ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވެސް ފަރުހާދަށް ކުރެވެ އެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަން ނުކުރެވެނީސް، ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑްސްގެ ވެރިޔާ ބަދަލު ކުރީ ކީއްވެތޯ މި ނޫހުން ސުވާލު ކުރުމުން ފުލުހުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

ފަރުހާދުގެ އިތުރުން އެސިސްޓެންޑް ކޮމިޝަނަރު އަހުމަދު ޝިފާން އާއި އަހުމަދު މުހައްމަދު (ޓޫފޯ) ވެސް ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ ފަސްބައި ވެސް ސާފެއް ނޫނެވެ.

ޝިފާންގެ ޑިސިޕްލިން އަދި އެތިކަލް މައްސަލަތަކެއް ފުލުހުންގެ އެތެރެއިން މީގެ ކުރިން ވަނީ ބަލައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އޭނާއަށް ފިޔަވަޅު ވެސް ވަނީ އަޅައިފަ އެވެ. އޭނާގެ މައްސަލަތަކެއް މިފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ޓޫފޯއަކީ ފުލުހުންގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މަގާމުން ވަކި ކުރަން ނިންމި ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާއަށް އަލުން މަގާމު ދިނީ މި ސަރުކާރުންނެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ޖަހާއިރު އެވެ. އެ މަގާމު ހުސްވީ، ކުރީގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ފެބްރުއަރީ 18، ގައި ރިޓަޔާ ކުރެއްވުމުންނެވެ. މިއީ މި ދައުރުގައި ރިޓަޔާ ކުރެއްވި ދެ ވަނަ ޕޮލިސް ކޮމިޝަނަރެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މި ސަރުކާރުން އެންމެ ފުރަތަމަ އައްޔަން ކުރީ އަލީ ސުޖާއު އެވެ. އެކަމަކު، އޭޕްރީލް، 2025، ގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ރިޓަޔާ ކުރައްވައިފަ އެވެ.