about 2 hours 0
ލީވާން އަލީ ނާސިރު
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު އަދި މާލޭ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ ގޮނޑި އަށް އެމްޑީޕީން ވާދަކުރާ ޒާޔާ
about 2 hours 0
ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާ ގުޅިގެން އެ މުޒާހަރާގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
މައުރޫފުގެ އިތުރުން، ދައުވާކުރުމަށް ފޮނުވާފައި ވަނީ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާ ފާތުމަތު ޒަހިއްޔާ (ޒާޔާ) އަދި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ފުލުހުން ކުރާ މައިގަނޑު ތުހުމަތަކީ، ސުލުހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ މަގުތަކަށް އެއްވެ، އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ދަތިވާނެހެން އަމަލުކުރުމެވެ. މީގެ އިތުރުން، އެ ރޭގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފަ އެވެ.
ދައުވާކުރަން ފޮނުވިކަން މައްސަލަ ރައްދުވާ ފަރާތްތަކަށް ފުލުހުން ލިޔުމުން ވަނީ އަންގައިފަ އެވެ.
އޮކްޓޯބަރު 3 ގައި ބޭއްވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ. -- ފޮޓޯ: އަދަދު
މިކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމުމުން، މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.
އެމްޑީޕީގެ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗުން ފެށުމަށް ފަހު މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރުމުން ފުލުހުން ބާރާއި ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާއަށް ހުރަސް އެޅި އެވެ.
އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލައިފަ އެވެ. އޭގެ އިތުރުން ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރި އެވެ. ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މީހަކަށް ހާޓް އެޓޭކެއް ވެސް ޖެހުނެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން އަށް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަ މީހަކު 15 ދުވަހަށް ބަންދުކުރި އެވެ. އެ ހަ މީހުން ހިމެނޭ ހެން ޖުމުލަ ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ފުލުހުން ކުރިން ފޮނުވި މައްސަލައިގައި ޕީޖީ އޮފީހުން ނިންމާފައި ދައުވާ ނުކުރުމަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން އެދުނީ ގާނޫނު އަދާކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.
Comment