Advertisement

"ސިޓީގެ މައްސަލަ ކޮޅެއްގައި ނުޖެހި އޮތުމަކީ ޕްރިމިއާ ލީގަށް ދެރައެއް"

about 9 hours 0


"ސިޓީގެ މައްސަލަ ކޮޅެއްގައި ނުޖެހި އޮތުމަކީ ޕްރިމިއާ ލީގަށް ދެރައެއް"

about 9 hours 0

ލަންޑަން (ފެބްރުއަރީ 27) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ގުޅޭ ކަންކަމާ ހިލާފުވެފައިވާ 115 މައްސަލައެއްގެ ކަންކަން ކޮޅެއްގައި ނުޖެހި އޮތުމަކީ އިނގިރޭސި ޕްރިމިއާ ލީގަށް ދެރައެއް ކަމަށް ސްޕެނިޝް ލަލީގާގެ ރައީސް، ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

ސިޓީން 2009-2018 އާ ދެމެދު އެފްއެފްޕީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާ ގުޅޭ 115 މައްސަލައިގެ ސަބަބުން ސިޓީ އަށް ދައުވާކުރުމުގެ ކަންކަން ފެށިގެން ދިޔައީ، މިދިޔަ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަަހުގަ އެވެ.

އޭގެ ފަހުން، އެ މައްސަލައިގެ އަޑުއެހުންތައް އެކި ފަހަރު މަތިން ބޭއްވުމަށް ފަހު، މިނިވަން ކޮމިޝަނެއްގެ ދަށަށް އެ މައްސަލަ ގެނެސް، ސިޓީގެ ހާޒިރުގައި ގިނަ ކަންކަމާ 2024 ވަަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ޑިސެމްބަރާ ދެމެދު ސުވާލުކުރެވުނެވެ. މިދިޔަ އަހަރު ތެރޭ އެ މައްސަލައިގައި ނިންމާ ގޮތެއް އިއުލާނުކުރާނެ ކަމަށް ބެލެވުނު ނަމަވެސް އަދިވެސް އޮތީ ނިންމި ގޮތެއް ހާމަނުކުރެވި އެވެ.

"މި މައްސަލަ ދިގުލައިދިއުމެއް ނޫން މައްސަލަ އަކީ، މި މުޅި ހާލަތުގެ ތެރޭގައި ލީގު ކުރިއަށްދާން ޖެހުން، ޕްރިމިއާ ލީގު ކަހަލަ ބޮޑެތި ވަރުގަދަ ގަވާއިދުތަކެއް ހެދިފައި އޮތް މުބާރާތެއްގެ ތެރޭގައި މި ވަރުގެ ކަންކަމުގެ މައްސަލަތަކެއްގެ ވާހަކަ ދެކެވި، ތަހުގީގެއް މިހާ ދިގުލައި ދިއުމަކީ ލީގަށް ރަނގަޅު ގޮތެއް ނޫން،" ފިނޭންޝިއަލް ޓައިިމްސް ބިޒްނަސް އޮފް ފުޓްބޯލް ސަމިޓްގައި ވާހަކަ ދައްކަވަމުން ޓެބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ކަމަށް އަަވަސް ހައްލެއް އައުމަކީ، ސިޓީ އަށް ވެސް ރަނގަޅު ގޮތުގައި ކުރިއަށްދިއުމަށް ފަސޭހަތަކެއް ވާނެ ކަމެއް ކަމަށެވެ.

ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވްއާ އަމާޒުވި ސުވާލުތަކަށް ދިން ޖަވާބުގައި، ރިޗާޑް މާސްޓާސް ވިދާޅުވީ، ސިޓީގެ މައްސަލައިގެ ވަގުތުތައް މިހާރު އޮތް ގޮތާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އޭނާ އަށް އޮތް ކަމެއް ނޫން ކަމަށެެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ސިޓީގެ މައްސަލައިގައި މެއި މަހުގެ ކުރިން ގޮތެއް ނިންމައި އިއުލާނުކުރުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، މިދިޔަ ދެތިން ދުވަހު އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި އެއް ވާހަކަ އަކީ، ސިޓީ އަށް 40-60 ޕޮއިންޓް ގެއްލޭފަދަ ނިންމުމެއް އަތުވެދާނެ ކަމަށެވެ. އެ ފަދަ ނިންމުމެއް އައުމުގެ މާނަ އަކީ، އެ ޓީމު ޕްރިިމިއާ ލީގުން ރެލިގޭޓްވުމުގެ ފުރުސަތު އޮތުމެވެ.