about 10 hours 0
about 10 hours 0
މެޑްރިޑް (ފެބްރުއަރީ 27) - ސްޕެއިނުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބް، އަލްމެރިއާގެ ހިއްސާއެއް، މަޝްހޫރު ފުޓްބޯޅަ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުންފުނިން CR7 ސްޕޯޓްސް އިންވެސްޓްމަންޓްސް ކޮމްޕެނީން ގަނެފި އެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަންނަނީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުއާ އެކު، މިދިޔަ އަހަރު ސޮއިކުރި ދެ އަހަރުގެ ކޮންޓްރެކްޓަށް ފަހު، އޭނާގެ ކުންފުނީގެ މަސައްކަތްތައް ފުޓްބޯޅައިގެ ތެރޭގައި ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން، އަލްމެރިއާގެ 25 ޕަސެންޓް ހިއްސާ ގަތުމަށް ފަހު، ރޮނާލްޑޯގެ ކުންފުނިން ވަނީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތުގެ ފުރަތަމަ ފިޔަވަޅު ކުރިއަށް އަޅައިފަ އެވެ.
އަލްމެރިއާގެ ހިއްސާ ގަތުމާ ބެހޭގޮތުން ރޮނާލްޑޯ ބުނެފައިވަނީ، ފުޓްބޯޅައިގެ ހިދުމަތުގައި ދެމިހުރުމަކީ އަބަދުވެސް އޭނާގެ އަމާޒެއް ކަމަށެވެ. އެ ގޮތުން، ފުޓްބޯޅައިގެ މަސައްކަތްތައް ކުރުމުގައި ކެނޑިނޭޅި ހުރުމުގެ ފެށުމެއްގެ ގޮތުގައި ދަނޑުން ބޭރުން މަސައްކަތް ފެށުމަށް ކުރަމުން އައި އުންމީދު، އަލްމެރިއާ އެކު މި ހާސިލްވީކަން ރޮނާލްޑޯ ވަނީ ފާހަގަކޮށްފަ އެވެ.
ސައުދީ ސަރުކާރުގެ ޑިޕާޓްމަންޓެއް ކަމަށްވާ ޖެނެރަލް އެންޓަޓައިމަންޓް އޮތޯރިޓީ (ޖީއީއޭ) ހިންގަމުން އަންނަ ޗެއާމަން، ތުރުކީ އަލް-ޝެއިހް އަތުން އަލްމެރިއާގެ މެޖޯރިޓީ ހިއްސާ މިދިޔަ އަހަރު ގަތީ ވެސް ސައުދީގެ މަހުޖަނެއްގެ ކުންފުނިންނެވެ. އެއީ، އެސްއެމްސީ ގްރޫޕުންނެވެ. އެއީ، އަލް ނަސްރާ ގުޅުން އޮތް ވިޔަފާރި ވެރިއެއް ކަމަށްވާ އަލް-ހަރޭޖީގެ ކުންފުންޏެކެވެ.
Comment