about 3 hours 0
about 3 hours 0
ލިވަޕޫލުން (ފެބްރުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބެންޖަމިން ސެސްކޯ ޖެހި ހަމައެކަނި ގޯލުން އެވަޓަން 1-0 އިން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން މުހިންމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މި މޮޅާ އެކު ޔުނައިޓެޑުން ވަނީ ހަތަރު ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަަަގައި، ތިން ވަނައިގައި އޮތް އެސްޓަން ވިލާއާ ތިން ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ތިން ވަނައިގައި އޮތް ވިލާ އަށް 27 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޔުނައިޓެޑަށް 27 މެޗުން 48 ޕޮއިންޓް ލިބިފައިވެ އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އާއި ހަ ވަނައިގައި އޮތް ލިވަޕޫލަށް 27 މެޗުން ލިބިފައި އޮތީ 45 ޕޮއިންޓެވެ.
އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެވަޓަން ކޮޅަށް ލަނޑު ޖަހަން ޔުނައިޓެޑްގެ އަމަދު ޑިއާލޯ ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ އެވަޓަންގެ ޖޭމްސް ޓަކޯސްކީ އެވެ.
ޔުނައިޓެޑުން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ 71 ވަނަ މިނިޓްގައި ސެސްކޯ އެވެ. ބެންޗުން ކުޅެން އެރި ސެސްކޯ މި ލަނޑު ޖެހީ ބްރަޔަން އެމްބެއުމޯ ދިން ބޯޅައަކުން ހަމަޖެހިލައިފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އެމްބެއުމޯ އަށް މަތިން މި ބޯޅަ ފޯރުކޮށްދިނީ އެ ޓީމުގެ މަޓެއުސް ކޫންޏާ އެވެ. ކޫންޏާ މި ބޯޅަ ފޮނުވާލިއިރު، ސެސްކޯ ހުރީ އެވަޓަން ހާފުގަ އެވެ. ރަނގަޅު ތަނަަށް ދުވެފައި އަރައި ސެސްކޯ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
އެވަޓަން އިން އެއްވަރުކުރަން ގިނަ އެޓޭކްތަކެއް ކުރި މި މެޗުގައި އެ ޓީމުން ގިނަ ކޯނަރުތަކެއް ހޯދި އެވެ. އެކަމަކު، ޔުނައިޓެޑްގެ ގޯލްކީޕަރު ސެން ލަމެންސް ވަނީ އެ ބޯޅަތައް ހުއްުޓުވައިފަ އެވެ. އަދި، އޭރިއާބޭރުން އެވަޓަންގެ ޑިފެންޑަރު، މައިކަލް ކީން ފޮނުވާލި ބޯޅަ ވެސް ލަމެންސް ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑަށް ދެ ވަނަ ލަނޑު ޖަހައިދޭން ސެސްކޯ އަށް ލިބުނު ފުރުސަތުގައި، ފޮނުވާލި ބޯޅަ އެވަޓަން ކީޕަރު، ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
ވަގުތީ ކޯޗަކަށް ޔުނައިޓެޑާ ހަވާލުވެ، މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މި ވަނީ މޮޅުވެފަ އެވެ.
Comment