Advertisement

ޒިމްބާބްވޭ އަތުން މޮޅުވެ އިންޑިއާ އިން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި

about 2 hours 0


ޒިމްބާބްވޭ އަތުން މޮޅުވެ އިންޑިއާ އިން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި

about 2 hours 0

ޗެންނާއި، އިންޑިއާ (ފެބްރުއަރީ 27) - ޒިމްބާބްވޭ އަތުން 72 ލަނޑުން މޮޅުވެ، ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފި އެވެ.

ސުޕަ 8 ގެ ގްރޫޕް 1 ގައި އޮތް އިންޑިއާ އިން މި ބުރު ފެށި މެޗުގައި ދެކުނު އެފްރިކާ އަތުން ބަލިވުމުން ޕްރެޝަރު ހާލަތަކަށް ވަނީ ގޮސްފަ އެވެ. ދެކުނު އެފްރިކާ އިން ކުޅުނު ދެ ވަނަ މެޗުން ވެސްޓް އިންޑީސް އަތުން ނުވަ ވިކެޓުން މޮޅުވެ، ސެމީ ފައިނަލުގެ ޖާގައެއް ވަނީ ޔަގީންކޮށްފަ އެވެ. މި ގްރޫޕުން ސެމީ ފައިނަލުގެ އަނެއް ޖާގަ ލިބޭނީ އާދިއްތަ ދުވަހުގެރޭ، އިންޑިއާ އާއި ވެސްޓް އިންޑީސް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އަނެއްކޮޅުން، ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުން މޮޅުވެގެން، ސުޕަ 8 ބުރަށް އައި ޒިމްބާބްވޭ ވަނީ ކަޓައިފަ އެވެ.

ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޓޮސް ދިމާވުމުން ޒިމްބާބްވޭ އިން ނިންމީ ހޮވާށެވެ. މޮޅުވުން މަޖުބޫރު މެޗެއްކަން އެނގިގެން ނުކުތް އިންޑިއާ އިން ވަނީ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަތަރު ކުޅުންތެރިން ނުބައިވެގެން 256 ލަނޑު ހަދައިފަ އެވެ. މިއީ، ޓީ20 ވޯލްޑް ކަޕްގައި ދެ ވަނަ އަށް އެންމެ ރަނގަޅު ސްކޯރިން އިނިންގްސް އެވެ. އެންމެ ގިނަ ލަނޑު ހެދި އިނިންގްސް އަކީ، 2007 ވަނަ އަހަރުގެ މުބާރާތުގައި ކެންޏާއާ ދެކޮޅަށް ސްރީ ލަންކާ އިން ހަ ކުޅުންތެރިން ނުބައިވެގެން ހެދި 260 ލަނޑެވެ.

އިންޑިއާ އަށް އެންމެ ރަނގަޅު ސްކޯއެއް ހަދައިދިން ކުޅުންތެރިންނަކީ 33 ބޯޅައިން 55 ލަނޑު ހެދި އަބިޝޭކް ޝަރުމާގެ އިތުރުން ނުބައިނުވެ، 23 ބޯޅައިން 50 ލަނޑު ހެދި ހާޑިކް ޕާންޑްޔާ އާއި 16 ބޯޅައިން 44 ލަނޑު ހެދި ތިލަކް ވަރްމާ އެވެ.

ޖަވާބުގައި ކުޅެން އެރި ޒިމްބާބްވޭ އަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 184 ލަނޑެވެ. އެ ޓީމުގެ ބްރަޔަން ބެނެޓް ވަނީ 59 ބޯޅައިން 97 ލަނޑު ހަދައިފަ އެވެ. ދެން، އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އަށް ވެސް ހެދުނީ 21 ބޯޅައިން 31 ލަނޑެވެ. އެއީ، ޓީމުގެ ކެޕްޓަން، ސިކަންދަރު ރާޒާ އެވެ.

މި އިނިންގްސްގައި އިންޑިއާގެ އަރްޝްދީޕް ސިންގް ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ.