Advertisement

ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުގެ މައްސަލަތަކެއް ތަހުގީގުކުރަނީ

about 1 hour 0


ބަންގްލަދޭޝްގެ ކްރިކެޓް ބޯޑުގެ މައްސަލަތަކެއް ތަހުގީގުކުރަނީ

about 1 hour 0

ޑާކާ، ބަންގްލަދޭޝް (މާޗް 19) - ބަންގްލަދޭޝްގެ ކްރިކެޓް ބޯޑް (ބީސީބީ)ގެ މައްސަލަތަކެއް ތަހުގީގު ކުރުމަށް ޓަކައި، ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓަރު، އަމީނުލް ހައްގު އަންގަވައިގެން ކޮމިޓީ އަކުން ވަނީ މަސައްކަތް ފަށައިފި އެވެ.

މި މަހު 11 ވަނަ ދުވަހު، މިނިސްޓަރު ހައްގު ވަނީ، ބީސީބީން މިދިޔަ އަހަރު ބޭއްވި އިންތިހާބާއި ގުޅޭ މައްސަލަތަކާއި އެ ބޯޑުގައި ހިންގަމުން އަންނަ ގަވާއިދާ ހިލާފު ކަންތައްތަކެއް ބެލުމަށްޓަކައި، ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. މި ކޮމިޓީން މަސައްކަތް ފެށުމާ އެކު، ބީސީބީން ވަނީ މިއީ ކުޅިވަރުގެ އުސޫލާ ހިލާފަށް ސަރުކާރުން، ކްރިކެޓް ބޯޑުގެ ތެރެއަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

އެކަމަކު، ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓަރު، ހައްގު ވިދާޅުވީ، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޓީން ބީސީބީގެ މި ތަހުގީގު ރަސްމީ 15 ދުވަސް ތެރޭ ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި، އެ ރިޕޯޓް ލިބުނުހާ އަވަހަކަށް ދެން ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)އާ އެކު މަޝްވަރާތައް ފަށާނެ ކަމަށް ހައްގު ވިދާޅުވި އެވެ.

"އަހަރެމެންނަށް އެނގޭ މި ދެކެވޭ ވާހަކަތައް. އަހަރެމެންނަށް އެނގޭ މިދިޔަ ސަރުކާރުން ބަންގްލަދޭޝް ކްރިކެޓް ބޯޑަށް ނުފޫޒު ފޯރުވި ކަމުގެ ވާހަކަތައް، އެހެންވީމަ، މި ކޮމިޓީން މި ބަލަނީ، ކަންކަން ހިނގައިދިޔަ ގޮތް،" މީގެ ކުރިން ބަންގްލަދޭޝްގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރެއްވި ހައްގު ވިދާޅުވި އެވެ.

މީގެ އިތުރުން، ހައްގު އަންނަނީ، ދާދި ފަހުން، ސްރީ ލަންކާ އާއި އިންޑިއާގައި ކުރިއަށްދިޔަ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ބަންގްލަދޭޝް އިން ބައިވެރިނުވި މައްސަަލަ ވެސް ބަލަން މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އެ ކަމަށްޓަކައި، ވަކި ކޮމިޓީއެއް އެކުލަވާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ.

އިންޑިއާއާ އެކު އޮތް، ސިޔާސީ މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅުނީ ލަންކާގަ އެވެ. ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އައިސީސީ އަށް ބަންގްލަދޭޝް ކްރިކެޓް ބޯޑުން ހުށަހެޅި ނަމަވެސް އެ ގޮތަށް އެކަމެއް ނުވެ، އެންމެ ފަހުން، ބަންގްލަދޭޝް އިން މުބާރާތުގައި ނުކުޅެ، އެ ޖާގަ އައިސީސީން ދިނީ، ސްކޮޓްލެންޑަށެވެ.