Advertisement

އެހެން ގައުމުތަކުން ޗާގޯސްއޭ ކިޔަނީ އެތައް ގަރުނެއް ކުރިން ދިވެހިން ފޯޅަވައްސަށް ނަން ދީފައި އޮއްވައި: މުއިއްޒު


އެހެން ގައުމުތަކުން ޗާގޯސްއޭ ކިޔަނީ އެތައް ގަރުނެއް ކުރިން ދިވެހިން ފޯޅަވައްސަށް ނަން ދީފައި އޮއްވައި: މުއިއްޒު

ފޯޅަވައްސަށް އެތައް ގަރުނެއް ކުރިން ދިވެހިން ނަން ދީފައި ވަނިކޮށް ބޭރުގެ އެހެން ގައުމުތަކުން އެކި ނަންނަން ކިޔައައި ޗާގޯސްއަށް އެ ނަން ބަދަލުކުރިނަމަވެސް އެއީ ރާއްޖޭގެ ތަނެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބޭއްވި ތަރާވީހެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ޗާގޯސް ހޯދުމަށް މަސައްކަތް ކުރަނީ އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖެއަށް ލިބުން ހައްގު ތަނެއް ކަމަށް ވިދާޅުވި އެވެ.

"ފޯޅަވައްސަކީ، ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެއް ކުރީ ޒަމާނުގައި، އެތައް ގަރުނެއް ކުރިން ދިވެހިން އެ ތަނަކަށް ފޯޅަވަހީގެ ނަމުން ނަން ދީފައި އޮއްވައި އެހެން ގައުމުތަކުން އެހެން ނަންނަން ކިޔައި ޗާގޯސް ކީ ކަމުގައި ވިޔަސް ދިވެހިންގެެ ތަނެއް ކުރިން،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު ވެސް ހިމަނައިގެން ބެލުމަށް ނިންމެވީ އެގޮތަށް ކަން ކުރެވޭ ހިސާބަށް މި މައްސަލައިގެ ކަންކަން ގޮސްފައިވުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް ގައުމަކާ ހަވާލުކުރާނަމަ، އެ ތަނުގެ ރައިޓްފުލް އޯނަރުންނަކީ (ހައްގުވެރިންނަކީ) ދިވެހިރާއްޖެކަން އަޅުގަނޑު މި ދަނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމާ ބެހޭ ހުރިހާ ފަރާތެއްގައި ދަންނަވަމުން. އެއީ ސިޔާސީ ބޭނުމަށް ކުރާ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އިނގިރޭސިވިލާތުން ޗާގޯސް ގައުމަކާ ހަވާލުކުރާނަމަ ހަވާލުކުރަން ޖެހޭނީ ރާއްޖެއާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ދެ ސިޓީއެއް މެދުވެރިކޮށް އެކަން އިނގިރޭސި ސަރުކާރަށް ދަންނަވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ސިޓީތަކަށް ބެލުމެއް ނެތި އިނގިރޭސި ސަރުކާރުން ވަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމާ އެކު ކުރިއަށް ދިޔުމަށް ނިންމާފަ އެވެ. ނަމަވެސް، ޑިއޭގޯ ގާސިއާގައި އަސްކަރީ ބޭސް ހިންގާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވަނީ އެ ޑީލަށް ފެހި ސިގްނަލް ދިނުމަށް ފަހު އަލުން އަނބުރާ އެކަން ނުކުރުމަށް ގޮވާލާފަ އެވެ.

މުއިއްޒު މިހެން ވިދާޅުވިއިރު އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފަރާޖު ހަމައެކަނި ފަރަންސޭސިން ކުރި ކަމަކީ އެ ރަށްތަކުގެ ދިވެހި ނަންތައް ބަދަލުކުރުން ކަމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބަހުސެއްގައި ވިދާޅުވެފަ އެވެ.

ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.