about 6 hours 0
ސާއިފް ޝިޔާދު
ނައިޖެލް ފަރާޖު..
about 6 hours 0
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރު ހޯދުމަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އަވަހަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފަރާޖު ވިދާޅުވެއްޖެ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.
އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މިހާރު މޮރިޝަސް އާއި އިނގިރޭސިވިލާތުގަ އެވެ. ގިނަ މީހުން ބޭނުންވަނީ އެނބުރި ޗާގޯސްއަށް ދިޔުމަށެވެ. އެ ނިންމުމާ އެއްގޮތަށް ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ވަނީ އެއްބަސްވުމެއް އެކުލަވާލާފަ އެވެ.
އެ އެއްބަސްވުމަށް އަމަލުނުކުރުމަށް ކޮންޒަވޭޓިވް ޕާޓީ އާއި ރިފޯމް ޕާޓީން އަންނަނީ ބޮޑުވަޒީރު ކިއެ ސްޓާމާގެ ސަރުކާރަށް ގޮވާލަމުންނެވެ. އިއްޔެ ހައުސް އޮފް ކޮމަންސްގައި ވާހަކަ ދައްކަވަމުން ފަރާޖު ވަނީ އެއްބަސްވުމާއެކު ކުރިއަށް ނުދިޔުމަށް ގޮވާލާފަ އެވެ.
ޗާގޯސްއާ ތާރީހީ އަދި އިގުތިސޯދީ ގުޅުންތައް އޮތީ މޮރިޝަސްއާ ނޫން ކަމަށާއި އެ ގުޅުންތައް އޮތީ ދިވެހިރާއްޖެއާ ކަމަށް ފަރާޖު ވިދާޅުވި އެވެ. ހަމައެކަނި ފަރަންސޭސިން ކުރި ކަމަކީ އެ ރަށްތަކުގެ ދިވެހި ނަންތައް ބަދަލުކުރުން ކަމަށް ފަރާޖު ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭ ދިވެހިރާއްޖެއިން އައިސީޖޭއަށް ޗާގޯސްގެ ސިޔާދަތީ ބާރު ހޯދުމަށް އާ މައްސަލައެއް ހުށަހަޅާނެ. އަޅުގަނޑު އެދެން މި ހުރިހާ ކަމެއް މަޑުކޮށްލަދިނުމަށް،" ލޭބާ ޕާޓީގެ ސަރުކާރަށް ފަރާޖު ގޮވާލެއްވި އެވެ.
އެ މައްސަލާގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ދިވެހި ސަރުކާރުން ދެކޮޅު ހަދާ އެއް ސަބަބަކީ އޭގެ ސަބަބުން އިންޑިއާ ކަނޑުގައި ބާރު ގަދަ ކުރުމަށް ޗައިނާ އާއި އިންޑިއާ އާ ދެމެދު ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮތް ކަމުން ކަމަށް ފަރާޖު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ދެކޮޅު ހެދުމުގެ ގޮތުން ޗާގޯސްއަށް ނިސްބަތްވާ ހަތަރު މީހުން އެ އަތޮޅުގައި ދާއިމީ ގޮތެއްގައި ވަޒަންވެރިވުމަށް މިދިޔަ ހަފުތާގައި ވަނީ ގޮސްފި އެވެ.
ދިވެހި ސަރުކާރުން މިކަމުގައި އަމަލުކުރާނެ ވަކި ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެ މީހުންނަށް އެހީގެ ތަކެތި ފޮނުވުމަށް ރާއްޖެއަށް ވެސް މިދިޔަ ހަފްތާގެ ތެރޭގައި ފަރާޖު ވަޑައިގަތެވެ. އެ މީހުންނަށް ބޭނުންވާ ކާނާ އާއި ބޭހާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޯޓެއް ފޮނުވުމަށް ފަރާޖު ދިޔައީ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތަށް ދިވެހި ސަރުކާރު މެދުވެރިކޮށް އިނގިރޭސި ސަރުކާރުން ހުރަސް އެޅި ކަމަށް އޭރު އޭނެ ތުހުމަތު ކުރެއްވި އެވެ. އިނގިރޭސި ބައެއް މީޑިއާތަކުން އެކަން ސިފަކުރީ ސިޔާސީ ސްޓަންޓެއްގެ ގޮތުގަ އެވެ.
އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ. އޭގެ ކުރިން 2019 ގައި، ޗާގޯސްގައި އިނގިރޭސިންގެ ސިޔާދަތީ ބާރު ނުހިނގާނެ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން އޮތީ ކަނޑައަޅައިފަ އެވެ.
ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment