about 4 hours 0
އައްޒާމް އަލިފުޅު
އޭއެފްސީ 20 ކޮލިފައިންގައި ގައުމީ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން މުޒްދާން.--- ފޮޓޯ: އަދަދު ސްޕޯޓްސް
about 4 hours 0
އަންނަ މަހު މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކުރިން، ރާއްޖޭގެ ގައުމީ ޓީމުން ސިންގަޕޫރާ އެކު، ދެ މެޗު ކުޅޭ ގޮތަށް އެ ގައުމުގައި ކޭމްޕެއް ފުރިހަމަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބުނެފި އެވެ.
އަންނަ މަހުގެ 23 އިން އޭޕްރީލް 3 އަށް މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޒުވާން ގައުމީ ޓީމުން ޕްރެކްޓިސްތައް ފަށާފައިވާއިރު، އެފްއޭއެމް އިން އެދިގެން ސިންގަޕޫރުން ވަނީ އެ ގައުމުގައި ކޭމްޕެއް ހަމަޖައްސައިދީފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، އަހުމަދު ޒަރީރު، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ މި ވަގުތަށް ބަލާއިރު، ކޭމްޕްގެ މުއްދަތު އޮތީ ހަތް ދުވަހަށް ކަމަށާއި އެހެން ނަމަވެސް، ކޭމްޕްގެ ދުވަސްތައް އިތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަދި، އެފްއޭއެމް އިން އެދިގެން ސިންގަޕޫރު އެފްއޭ އިން ހަމަޖައްސައިދޭ މި ކޭމްޕްގެ އެ ކޮޅުގައި ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސައިދެނީ ސިންގަޕޫރު އެފްއޭ އިން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެެވެ.
ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ސާފް 20 އަހަރުން ދަށުގެ ގައުމީ ޓީމު ތައްޔާރުވަމުން އަންނައިރު، ސިންގަޕޫރާ ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނީ މާޗް 8 އާއި 11 ވަނަ ދުވަހު އެވެ.
މިއީ، ސިންގަޕޫރުން މި އަަހަރު ކުރިއަށް ހުރި އުމުރުފުރާ މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި، ބޭނުންކުރާނެ މެޗުތަކެކެވެ. ރާއްޖޭން މި މެޗުތައް ބޭނުންކުރަނީ ސާފް ޗެމްޕިއަންޝިޕަށް ވާން ޖެހޭ ތައްޔާރީތައް ފުރިހަމަކުރުމަށްޓަކަ އެވެ.
ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރާއިރު، ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާން އެވެ.
ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް އޮތީ މި އަހަރުގެ މާޗް މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށް ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ މެޗުގައި މާޗް 23 ވަނަ ދުވަހުގެރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، މާޗް 25 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މާޗް 27 ވަަނަ ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ.
Comment