16 ފެބުރުވަރީ 2026 - 07:50 0
ސީއެޗްއެސްއީ މާލޭގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.،އެމްވީ
16 ފެބުރުވަރީ 2026 - 07:50 0
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ކުޅޭ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ފުރިހަމަ ރެކޯޑަކާ އެކު ސީއެޗްއެސްއީ މާލޭން ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (އޭއައިއެސް)ގެ ސީއެޗްއެސްއީ މާލޭން ކުރިހޯދީ 1-4 އިންނެވެ.
ދެ ވަނަ ހާފުގައި މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެންދިޔައިރު، ސީއެޗްއެސްއީ މާލޭން ލީޑުނެގީ އަހުމަދު މިކްޔާލް (މިކީ) ޖެހި ޕެނަލްޓީންނެެވެ. އަހުމަދިއްޔާ އިން ނަތީޖާ ހަމަހަމަކުރީ ވެސް ޕެނަލްޓީ އަކުންނެވެ. މި ލަނޑު ޖެހީ އަލީ އަލާން އެވެ.
ސީއެޗްއެސްއީ މާލޭން ދެ ވަނަ ފަހަރަށް ލީޑުނެގި ލަނޑު ޖެހީ އިސްމާއިލް ޝާމިލް އެވެ. އަދި، މުހައްމަދު ޝާއިމް އިބްރާހިމް ފާއިޒް ޖެހި ލަނޑުން ސީއެޗްއެސްއީ މާލޭން ލީޑުފުޅާކުރިއިރު، މެޗުގެ ފަހު ލަނޑު ޖެހީ މޮޅު ކުޅުންތެރިޔާ މިކީ އެވެ. އޭނާ އަކީ 19 އަހަރުން ދަށުގެ ޓީމާއި އޮޑި ސްޕޯޓްސް ކްލަބްގެ ވެސް ކުޅުންތެރިއެކެވެ.
ސީއެޗްއެސްއީ މާލޭގެ މިކީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ،.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ
ހަތަރު ޓީމު ވާދަކުރި މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ ވެސް ސީއެޗްއެސްއީ މާލެ އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު މިކީ އަށް ލިބުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަހުމަދު އެވެ. އޭނާ އަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިއެކެވެ.
ސީއެޗްއެސްއީ މާލޭގެ ކޯޗަކީ، މާޒިޔާގެ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ.
މިއީ، ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އެކުލަވާލުމުގައި ވެސް މުހިންމު މުބާރާތެކެވެ.
ޒުވާން ގައުމީ ޓީމުގެ ކޯޗަކީ، ގައުމީ ސީނިއާ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީ އެވެ. އޭނާ ވަނީ މި މުބާރާތުގެ ހުރިހާ މެޗެއް ބަލައި، އެނަލައިސިސްތައް ހަދައިފަ އެވެ.
Comment