ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ނޯމަލައިޒިން ކޮމިޓީގެ މެމްބަރު އިސްމާއިލް ސިމަން އާއި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް މެޗު ކޮމިޝަނަރު، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)، ސާފްގެ މުހިންމު ކޮމިޓީތަކަކަށް އިންތިހާބުވެއްޖެ އެވެ.
އެ ގޮތުން، އައްޑޯ އިންތިހާބުވެފައިވަނީ ސާފްގެ އެޕީލްސް ކޮމިޓީގެ މެމްބަރު ކަމަށެވެ. އަދި، ސިމަން ވަނީ ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމުގެ އިތުރުން، އިލެކްޓޯރަލް ކޮމިޓީގެ މެމްބަރު ކަމަށް ވެސް އިންތިހާބުވެފަ އެވެ.
ސިމަން އާއި އައްޑޯ މި ކޮމިޓީތަކަށް އިންތިހާބުވީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ. ސިމަން އާއި އައްޑޯ، މި ކޮމިޓީތަކުގައި މަސައްކަތްކުރައްވަން ޖެހޭ ދައުރު ފުރިހަމަވާނީ 2030 ވަނަ އަހަރު އެވެ.
ގާނޫނީ ވަކީލެއް ކަމަށްވާ ސިމަން އަކީ ފީފާ އިން 2024 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ނިންމައި، އެ ކޮމިޓީ އަށް އައްޔަނުކުރި މެމްބަރެކެވެ. ސިމަން ވަނީ، ނޯމަލައިޒިން ކޮމިޓީގެ ދައުރު، މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އަދާކުރިއިރު، އެ ކޮމިޓީގައި ހިމެނިގެން މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީގެ މަތީ ފަންތީގެ ގިނަ މެޗުތަކެއްގެ މެޗު ކޮމިޝަނަރުކަން ކުރައްވާފައިވާ އައްޑޯ އަކީ، ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކެއް ފަރިތަ ބޭފުޅެކެވެ. ގިނަ އަހަރުތަކެއް ވަންދެން، ފާހަގަކޮށްލެވޭ ބޮޑެތި ގިނަ މެޗުތަކުގައި މެޗު ކޮމިޝަނަރުކަން ކުރައްވާފައިވާ އައްޑޯ ވަނީ އެ މަސައްކަތުން މިދިޔަ އަހަރަށް ފަހު ރިޓަޔާކުރައްވައިފަ އެވެ.
އައްޑޯ ވަނީ 2023 ވަނަ އަހަރު ޗައިނާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަކަށް މަސައްކަތް ކުރައްވައިފަ އެވެ.
Comment