Advertisement

އިންތިހާބާ ދިމާކޮށް ފްލެޓް ވެރިންނަށް ދޭ އެއްލައްކަ ރުފިޔާއަކީ ރިޝްވަތު ކަމަށް ޝިޔާމް ގަބޫލެއް ނުކުރި

ފިޝަރީޒް މިނިސްޓަރު ޝިޔާމް: ފްލެޓްވެރިންނަށް ޖުމްލަ 16 މިލިއަން ރުފިޔާ ދިނުން ރިޝްވަތު ކަމަށް އޭނާ ގަބޫލެއް ނުކުރައްވާ -- ފޮޓޯ: އަދަދު


އިންތިހާބާ ދިމާކޮށް ފްލެޓް ވެރިންނަށް ދޭ އެއްލައްކަ ރުފިޔާއަކީ ރިޝްވަތު ކަމަށް ޝިޔާމް ގަބޫލެއް ނުކުރި

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް ދޭން މުހައްމަދު މުއިއްޒު ނިންމެވި އެއް ލައްކަ ރުފިޔާއަކީ ރިޝްވަތު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ގަބޫލުނުކުރެއްވި އެވެ.

ޕީއެންސީން ގަލޮޅުގައި މިއަދު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ވޮއިސް އަށް ދިން އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމެވީ އެމަނިކުފާނުގެ ހުންނެވި މަގާމުގެ ގޮތުން ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ދަތި ހާލުގައި އުޅޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުތަކަށް ވެސް އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުތަކުން އެފަދަ ކަންކަން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން ހަމަ ތި ވިދާޅުވި ބޭފުޅުންނަށް [ސިނަމާލެ އާއި މާލެހިޔާ ފްލެޓްވެރިންނަށް] ވެސް އެ ލުއި ނޫނީ އެ އެހީތެރިކަމެއް އެމަނިކުފާނު ފޯރުކޮށްދެއްވީ. އެއީ އެމަނިކުފާނު މިއަދު އެ ހުންނެވި މަގާމުގެ ގޮތުން އެމަނިކުފާނަށް ޖެހިވަޑައިގަންނަވާ ހާލު ދެރަކޮށް އުޅުއްވާ، ދަތި ހާލުގައި އުޅުއްވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވެން. އެގޮތަށް އެހެން ސަރުކާރުތަކުގައި ވެސް ކުރެއްވެން އޮވޭ. އެކަމަކު ނުކުރައްވާ މި އޮންނަނީ އެނގޭތޯ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް ރިޝްވަތު ދޭ ކަމަށް ސިފަކޮށް ވާދަވެރި ސިޔާސީ ޕާޓީތަކުން ވާހަކަތައް ދައްކަނީ ފިތުނަ އުފެއްދުމުގެ ނިޔަތުގައި ކަމަށާއި އެކަމަކު މުއިއްޒު އެކަންކަން ކުރައްވަނީ ހެޔޮ ނިޔަތުގައި ކަމަށެވެ.

މީގެއިތުރުން އިންތިހާބެއް އޮތަސް ނެތަސް މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންނަށް ދިމާވާ އެކި ދަތިތައް ރައްޔިތުން ބޭނުންވާ ގޮތަށް ހައްލުކޮށްދެއްވާ ކަމަށާއި ކަންކަން ކުރައްވަނީ ފިއްލަވައިގެން ގެކޮޅުގައި ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް މިހެން ވިދާޅުވި ނަމަވެސް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ހުންނަ ޖުމްލަ 161 އެޕާޓްމަންޓްގެ ކޮންމެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމެވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ބަލަން ވަނީ ފަށައިފަ އެވެ.

ފްލެޓްތަކުގެ ވެރިންނަށް ދައުލަތުން ދޭނެ ކަމަށް ބުނި ފައިސާ 16.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

މުއިއްޒު ފްލެޓްތަކުގެ ވެރިންނަށް އެ ފައިސާ ދިނުމަށް ނިންމެވީ މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއި ޑަބްލިއުޑީސީ ރައީސަކަށް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓާއެކު ފްލެޓްތަކުގެ ވެރިންނާއެކު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.