Advertisement

އެހެން އެންމެން ފަތުރަނީ ދޮގު ކަމަށް ބުނެ މުއިއްޒުގެ ނިންމުން ދިފާއުކުރަން އޭޖީ އޮފީހުން ބަޔާނެއް ނެރެފި

about 2 hours 0

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


އެހެން އެންމެން ފަތުރަނީ ދޮގު ކަމަށް ބުނެ މުއިއްޒުގެ ނިންމުން ދިފާއުކުރަން އޭޖީ އޮފީހުން ބަޔާނެއް ނެރެފި

about 2 hours 0

ކުރިއަށް އޮތް އޭޕްރީލް 4، 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ، އެޓާނީ ޖެނެރަލް އޮފީހުން، ރައީސް މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދިފާއުގައި ބަޔާނެއް ނެރެފިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މުއިއްޒު ބޭނުން ވެގެން އެ މަނިކުފާނުގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އަށް ގެނައި ބަދަލާ ގުޅިގެން އެ ބިލް ތަސްދީގުކުރަން ފެނޭތޯ ބެލުމަށް ނަގާ ވޯޓު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނާ އަޑުތައް ގަދަވެ، އަދި އެ ވޯޓު ހުއްޓުވައި ދިނުމަށް ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައި ވަނިކޮށް، އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ވަނީ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށްޓަކައި ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާގުޅޭ ގޮތުން އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަމަށެވެ.

ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ގާނޫނީ ވަކީލު އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ ހުށަހެޅި މި މައްސަލާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ހިމަނާފަ އެވެ.

"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" ދައުވާ ފޯމުގައި ބުނެފައިވެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ރެފެރެންޑަމްގައި އަހަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެޓާނީ ޖެނެރަލް ގަބޫލު ކުރައްވީ ފެންނަ ނުފެންނަ ވޯޓުގައި އަނހާފައިވާ ސުވާލު ގާނޫނުއަސާސީއާ އެއްގޮތް ކަމަށެވެ.

"ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިޞްލާޙުން ޤާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާޙުކޮށް ތަޢާރަފުކުރާ އުޞޫލަށް ޢަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ޤާނޫނުއަސާސީއިން މިކަމާގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީކަމަށް ބެލެވޭނެ،" ބަޔާނުގައިވެ އެވެ.