about 2 hours 0
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް -- ފޮޓޯ: އަދަދު
about 2 hours 0
ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފުގެ ކާރަށް އެރަށުގެ ޕީއެންސީގެ ސަޕޯޓަރުންތަކެއް ރޭ މެންދަމު މަގުމަތިން ދިމާކޮށް ހުރަސް އެޅުމުން ފުލުހުންގެ ހިމާޔަތް ހޯދަން ޖެހިއްޖެ އެވެ.
އާތިފު އަދަދު ނޫހަށް ވިދާޅުވީ އޭނާ ކާރުގައި މީހަކާ ބައްދަލުކުރުން ދަނިކޮށް ޕީއެންސީގެ މެންބަރުންތަކެއް ކާރު ވަށާލައިހުރަސް އެޅި ކަމަށެވެ.
"އެހެންވެ، އަޅުގަނޑު ފުލުހުންގެ ހިމާޔަތް ހޯދަން ޖެހުނު. މިހާރު މި ހުރީ ގޭގައި،" އާތިފު ވިދާޅުވި އެވެ.
"މިފަދަ ނާތަހުޒީބު އަމަލުތައް ޕީއެންސީގެ މެންބަރުން އެ ކުރަނީ އިންތިހާބުން ބޮޑުތަނުން ބަލިވާނެކަން އެ މީހުންނަށް އެނގޭތީ."
އާތިފަށް ހިމާޔަތް ދިން ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.
"މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭތީ، މޭޔަރަަށް ހިމާޔަތްދިނުމުގެ ގޮތުން، މިވަގުތު ފުލުހުންގެ ހިމާޔަތުގައި، ޕޮލިސް ސްޓޭޝަންއަށް ގެނެވިފައިވާ ކަމަށް. މައުލޫމާތު ޔަގީންކުރެވޭ މިންވަރުން، ޕޮލިސް މީޑިއާ އިން އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެކަމުގައި ދަންނަވަން،" ޕޮލިސް މީޑިއާ ގުރޫޕްގައި އެ މުއައްސަސާގެ ތަރުޖަމާނު އަހުމަދު ޝިފާނު ރޭ މެންދަމު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޝިފާނު ވަގުތުން ޖަވާބު ދެއްވި ނަމަވެސް، ވަޓްސްއެޕް ގްރޫޕުގައި ނޫސްވެރިން ކުރާ ސުވާލުތަކަށް އޭނާ އާންމުކޮށް ޖަވާބެއް ނުދެއްވަ އެވެ.
މައުލޫމާތު ޔަގީންކުރެވޭ މިންވަރުން، ޕޮލިސް މީޑިއާ އިން އިތުރު މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށް ޝިފާނު ވިދާޅުވެފައި ވާއިރު އާތިފުގެ މައްޗަށް ކުށެއްގެ ތުހުމަތުކޮށް ތަހުގީގެއް ނުފަށާ ކަމަށް އާތިފު ވިދާޅުވެފައިވެ އެވެ.
އާތިފަށް ހުރަސްއެޅި ޕީއެންސީގެ މެންބަރުންގެ މައްސަލައެއް ބަލާކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
މި ސަރުކާރުގެ ސިޔާސަތުތަކަށާއި އަދި ސީދާ ރައީސް މުހައްމަދު މުއިއްޒު އަށް ވެސް އާތިފު ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
އަދަދު ނޫހުން ގެނެސްދޭ "ފެންނަނުފެންނަ" ޕްރޮގްރާމުގައިއާތިފު ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން 150 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުއްދަ ނުދީ، އެ ސިޓީގެ ތަރައްގީ އަށް ހުރަސް އަޅާފައިވާ ކަމަށެވެ.
ކައުންސިލްތަކުން ރަށު ތަރައްގީ އަށް ހުރަސް އަޅާނެ ކަމަށް ވިދާޅުވުމަކީ ބުއްދި ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށާއި ރަށު ތަރައްގީ އަށް ހުރަސް އަޅާފައި ވަނީ މި ސަރުކާރުން ކަމަށް އާތިފު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު މިއަދުވެސް ދައްކަފާނަން ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން ހުރަސް އަޅައިގެން ކުޅުދުއްފުށީގައި ނުވެ ހުރިކަންކަން، މިއަދުވެސް މި ވަގުތުގައި ވެސް ދައްކަފާނަން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މުއިއްޒު ބޭނުންވާއިރު، އެކަމަށް ވެސް އާތިފު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މިކަހަލަ ތާކުންތާކުނުޖެހޭ ވާހަކަ ދައްކައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވެގެން ދިވެހިރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑު ކޮށްލައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުން މިދަނީ،" ފެންނަ ނުފެންނަ ވޯޓަށް އާއެނކޭ ބުނުމަކީ ދިވެހިންނަށް ލިބޭނެ ގެއްލުމެއްކަން ފާހަގަ ކުރައްވައި އާތިފު ވިދާޅުވި އެވެ.
"ހެޔޮނުވާނެ ހަގީގަތުގައި އެއްވެސް ދިވެއްސަކު މިކަމާ ބައިވެރިވެ މި މަޅީގައި ޖެހެން."
Comment