about 2 hours 0
ލީވާން އަލީ ނާސިރު
މީގެކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން: ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ނެގުމަށް 26،454 މީހުން ރީ-ރަޖިސްޓްރީކުރި -- ފޮޓޯ: އަދަދު ފައިލް
about 2 hours 0
އަންނަ އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުލުމަށް ޖުމްލަ 26،454 މީހުން ރީ-ރަޖިސްޓްރީކުރި އިރު، ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ އަދަދަށް މީހުން ހަމަނުވެގެން ބޭރު އެއްވެސް ގައުމެއްގައި ފޮއްޓެއް ނުބެހެއްޓޭނެކަން އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު ވިދާޅުވީ ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޝަނުން ކަނޑައެޅި ސްރީލަންކާ އަދި މެލޭޝިއާގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ.
ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު ކަނޑައެޅިފައިވާ އަދަދަށްވުރެ މަދުވުމުން އެ ހުރިހާ ތަނެއްގައި ވޯޓު ފޮށިތައް ނުބަހައްޓަން އިލެކްޝަނުން ވަނީ ނިންމައިފަ އެވެ.
އެތަންތަނަށް ރަޖިސްޓްރީވި މީހުން މިހާރު ފޮށި ބަހައްޓާނެ ކަމަށް ކަށަވަރުވެފައިވާ ތަންތަނަށް އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 20:00 އިން ފެށިގެން ފެބްރުއަރީ 26، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓްރީނުކުރާ މީހުންނަށް ވޯޓުލެވޭނީ ރަށްވެރިވެފައިވާ ރަށުގައި ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
އިލެކްޝަނުން ވޯޓު ފޮށިތައް ނުބަހައްޓާ ތަންތަނުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން މަސައްކަތްކުރާ ރިސޯޓުތައް ހިމެނޭކަން ފާހަގަކުރެވެ އެވެ.
އޭޕްރީލް 4، ގައި ބާއްވާ އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީއަށް މެންބަރުން އިންތިހާބުކުރާނެ އެވެ. އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
Comment