Advertisement

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަނުކޮށްފި


އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަނުކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް އެ ކޮމިޝަނުގެ ކުރީގެ ވަކީލު މ. ވޭވަށް، ކިނާރާ، ރިފްއަތު އަބްދުﷲ މިއަދު އައްޔަނުކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާއާ މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ފެބްރުއަރީ 17، ގައި ރައްޔިތުންގެ މަޖިލީހުގައި އެ މަގާމަށް ރިފްއަތު އައްޔަން ކުރުމަށް ނެގި ވޯޓުގައި އޭނާ އައްޔަންކުރަން ފެންނަ ކަމަށް ޖުމްލަ 58 މެންބަރަކު ވޯޓު ދިންއިރު، އޭނާ އައްޔަންކުރަން ނުފެންނަ ކަމަށް އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު ނެތެވެ.

އިލެކްޝަނުގެ މެންބަރަކަށް ރިފްތު އައްޔަންކުރީ އެ ކޮމިޝަނުގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ ދައުރު ފެބްރުއަރީ 21، ގައި ހަމަވާތީ އެވެ.

އިލެކްޝަން ކޮމިޝަނުގައި މިވަގުތު ފަސް މެންބަރުން އެބަ ތިއްވެވި އެވެ. އެއީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދާއި ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދާއި ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ އަދި އަބްދުލްހަސީބު އިސްމާއިލް އެވެ.

ރިފްއަތު އެ މަގާމަށް އައްޔަނުކުރުމާއެކު 2023 ގެ ރިޔާސީ އިންތިހާބުގައި އޮތް ކޮމިޝަން އެއްކޮށް ބަދަލުވީ އެވެ. މިހާރު ކޮމިޝަނުގައި ތިއްބެވި ފަސް މެންބަރުން ވެސް އައްޔަނުކުރީ މުއިއްޒު އެވެ. އަދި އީސީގެ ގާނޫނަށް ބަދަލު ގެނެސް އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ވެސް މިވަގުތު އޮތީ މުއިއްޒުގެ އަތުގަ އެވެ.