Advertisement

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމައެއް ނުވޭ!

18 ފެބުރުވަރީ 2026 - 20:40 6

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމައެއް ނުވޭ!

18 ފެބުރުވަރީ 2026 - 20:40 6

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހިޔާލުފުޅެކެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައި އޮތް މަގުސަދެއް ވެސް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށެވެ. ރައްޔިތަކު އެކަމަށް އެދުނީއެއް ނޫނެވެ. އެކަމަށް ބޭނުންވާ ގާނޫނު ފާސްކުރީ އެމަނިކުފާނު ބޭނުންފުޅުވި ގޮތަށް ރަބަރު ސްޓޭމްޕް ޖަހައިދޭ މަޖިލީހުންނެވެ. ހެޔޮ ނަކަތާއި އިރުވަރު ބަލައިގެން މަޖިލީހުން ގާނޫނު ފާސްކޮށްދީފައި އެއޮތީ ރައީސް ބޭނުންފުޅުވި ގޮތަށެވެ. އެވަރުން ވެސް ގާނޫނަށް އަމަލުކޮށްފައި އޮތީ ކަމަކަށް ކަމެއް ކޮށްލާ ގޮތަށެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދިހަ ވަނަ މާއްދާ ކިޔާށެވެ. އެ މާއްދާގައި އޮތީ "މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެއެވެ. އަދި މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި އަދި އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމެނިފައި އޮންނަންވާނެއެވެ." މިހެންނެވެ.

މިމާއްދާގައި ހިމެނޭ ދެ ޖުމުލައިގައި ވެސް އޮތް އޮޕަރޭޓިވް ލަފުޒަކީ 'ހުއްޖަތް' މިބަހެވެ. މި ބަހުގެ މާނައަކީ ކޮބައިތޯ ހޯދަން ބަލާއިރު އެ ގާނޫނުގައި އެ ލަފުޒު މާނަކޮށްދީފައެއް ނެތެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި އޮތީ، ގާނޫނުގައި އޮތް ވަކި ބަހެއްގެ މާނަ ދެނެގަތުމަށްޓަކައި އިތުބާރުހުރި ރަދީފެއްގައި އެ ބަހެއް ބޭނުންކޮށްފައިވާގޮތަށް ބެލިދާނެ ކަމަށެވެ. ދިވެހި ބަހުގެ ރަދީފުގައި 'ހުއްޖަތު' މި ބަހަށް ދީފައިވާ މާނަކުރުންތަކަކީ؛ "(1) ބަހުން ދައްކާ ހެކި، (2) ކަމެއް ސާބިތުކޮށްދިނުމަށް ދައްކާ ދަލީލު، (3) މަކަރު، (4) ދައްކާ ބަހަނާ" މިއެވެ. ގާނޫނުގެ މަގުސަދާ އެކަށީގެންވަނީ މީގެ ތެރެއިން ފުރަތަމަ ދެ މާނަކުރުމެވެ.

އެހެންކަމުން، ގާނޫނުގެ 10 ވަނަ މާއްދާގައި އެ ބުނާ ވާހަކައަކީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ މައްސަލައާ އެއްކޮޅަށް ހުރި ހެކިތަކާއި ދަލީލުތައް ބަޔާންކޮށްދޭންޖެހުން ކަމަށް ނިންމަންޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއެކު ހިމަނުއްވާފައިވާ ކަރުދާހުގައި މި ޝަރުތު ފުރިހަމަވޭ ހެއްޔެވެ؟ ވަކިވަކިން ބަލާލަމާ ހިނގާށެވެ.

ފުރަތަމަ 'ހުއްޖަތު'؛ "ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވާނެ"

ހިޔާލު ހޯދަން ހުށަހެޅި މައްސަލައާ އެއްކޮޅަށް އެ ކަރުދާހުގައި ދެއްކި ފުރަތަމަ ހުއްޖަތަކީ ދެ އިންތިހާބު ބޭއްވުމުން ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް އިތުރުވާނެ ކަމަށެވެ. 'ހުއްޖަތު' ގެ ގޮތުގައި އެއޮތީ ހަމައެކަނި އެ ވާހަކައިގެ ސުރުހީ އެވެ. މިއީ ހުއްޖަތެއް ކަމަށް ފުދޭނީ މި ނިންމުމަށް ވާސިލުވުމުގައި ބޭނުންކުރި ޑޭޓާތަކަށް ރިއާޔަތްކުރެވިގެންނެވެ. ވޯޓުލާ ނިސްބަތް އިތުރުވާނީ ކީއްވެގެން ހެއްޔެވެ؟ މި ދެއިންތިހާބުން ކުރެ ވަކި އިންތިހާބެއްގައި ވޯޓުލާ މީހުންގެ ނިސްބަތް އާދަޔާ ހިލާފަށް މަދުވަނީ ހެއްޔެވެ؟ މި އިންތިހާބުތަކުގައި ކުރިން ވޯޓުލާން ނުކުންނަނީ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ ކިތައް އިންސައްތަ ހެއްޔެވެ؟ އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުން މަދުނަމަ، މަދުވާ ސަބަބަކީ ކޮބައިހެއްޔެވެ؟ މިއިން އެއްވެސް މައުލޫމާތެއް ހިމެނުމެއް ނެތި، ނިކަން ވަނދުގޮތަކަށް ބުނެފައި މިއޮތް ވާހަކައަކީ ގާނޫނުގައި އެބުނާ 'ހުއްޖަތު' ގެ އޮޅިގަނޑު ގިރާކުރާ ކަމެއް ނޫނެވެ. މިއީ ހަމައެކަނި ސަރުކާރުން ދެކޭ ގޮތެވެ.

ދެވަނަ 'ހުއްޖަތު'؛ "ތަރައްގީގެ މަޝްރޫއުތައް ހަލުވިވުމާއި ދައުލަތް ހިންގުން ހަރުދަނާވެގެން ދިއުން"

ދެ އިންތިހާބު އެއްކޮށް ބޭއްވީމާ ކޮލަމާފުށީގެ މަގު ހެދުމުގެ މަޝްރޫއު ހަލުވިވާނެ ގޮތަކީ ކޮބައިކަން ހޭ ހުރި އިންސާނަކު ނިކަން ކިޔައިދީބަލާށެވެ. މީގެ ސައިންސެއް ދަމައެއް ނުގަނެވުނެވެ. ރައްޔިތުން ނިކުމެ އިންތިހާބު ކުރަން މިއުޅެނީ ތަރައްގީގެ މަސައްކަތް ހިންގާނޭ ލޭބަރފޯސްއެއް ހެއްޔެވެ؟ މި ސަބަބުގައި ބުއްދިވެރި ހެކިތަކެއް ހުރިނަމަ އެކަން ސަބަބުގެ ތަފުސީލުގައި ހާމަކޮށްފައި އޮންނަންވާނެ އެވެ. ދެ އިންތިހާބު ވަކިން ބާއްވާތީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ދެ އިންތިހާބު އެއްކޮށްލީމާ އެ ގޮންޖެހުންތައް ގިރާކުރެވޭނޭ ކަމަށް ފެނުނު ގޮތް ބަޔާންކޮށްފައި އޮންނާން ވާނެ އެވެ. ހުއްޖަތު ދެއްކުމަކީ އެއީ އެވެ.

ތިންވަނަ ހުއްޖަތު؛ "ހަރަދު ކުޑަވާނެ"

މިއީ އެއްބަސްވާން ޖެހޭ ވާހަކައެކެވެ. އެއް އިޖުރާއަތެއް ދެފަހަރު ހިންގުމަށް ވުރެ، އެއްފަހަރު ހިންގީމާ ހަރަދު ކުޑަވާނެ އެވެ. އެހެންނަމަވެސް ކުޑަ ވަނީ ކިހައި ހަރަދެއް ހެއްޔެވެ؟ ޑިމޮކްރެސީގެ އަސާސްތައް ހިފެހެއްޓުމަށްޓަކައި މި އިޖުރާއަތުގެ މުހިންމުކަން ވަޒަންކުރެވޭނީ އެކަމަށްޓަކައި ކުރަންޖެހޭ ހޭދައާ އަޅައިކިރައިލީމަ އެވެ. އެ ހަރަދަކީ ސަރުކާރުން ކުރަމުން ގެންދާ އެހެން ހޭދަތަކާ އަޅައިބަލާއިރު ކިހައިވަރެއްގެ ހަރަދެއްތޯ އެނގޭނީ އެކަމަށް ހިނގާ ހޭދަ ވެސް ސާފުކޮށް ބަޔާންކުރި ނަމަ އެވެ. އެހެންވީމާ، ހަމައެކަނި 'އެތައް ތަނަކުން ހަރަދު ކުޑަވާނެ' ކަމަށް ބުނުމަކީ ގާނޫނުގައި އެ ބަޔާންކުރާ 'ހުއްޖަތު' ދެއްކުމުގެ މާނައަށް ފެތޭ ވާހަކައެއް ނޫނެވެ. އެއީ ހަމައެކަނި އުއްމީދީ ވާހަކައެކެވެ. ހުއްޖަތެއް ނޫނެވެ.

ހަތަރު ވަނަ ހުއްޖަތު؛ "އަސާސީ ހަރަދުތައް ކުރުމަށް އިތުރަށް މަގުފަހިވެގެން ދިއުން"

މި ސަބަބުގައި ވެސް އެއްވެސް ތަފުސީލެއް ނެތެވެ. ދެ އިންތިހާބު އެއްކޮށްލީމާ އަސާސީ ހަރަދުތައް ކުރުމަށް 'މަގުފަހިވަނީ' ކިހިނެއްކަން މިތަނުގައި ބުނެދީފައި އޮންނާންވާނެ އެވެ. ދެން އިންތިހާބު ވަކިން ބާއްވަންޖެހޭތީ އަސާސީ ހަރަދުތައް ކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކޮބައިހެއްޔެވެ؟ މި ދައްކަނީ އެވެނިމިވެނި އަސާސީ ހަރަދުތަކުގެ ވާހަކަކަން ވެސް ބަޔާންކުރަންވާނެ އެވެ. މިއިން އެއްވެސް ތަފުސީލެއް ބަޔާންކޮށްފައެއް ނެތެވެ.

ފަސްވަނަ 'ހުއްޖަތު'؛ "އަމާންކަމާއި ސުލްހަވެރިކަން އިތުރުވެ، އިގުތިސާދީ ހަމަޖެހުމަށް މަގުފަހިވެ ބޭރުގެ އިންވެސްޓަރުންނަށް އިގްތިސާދީ ޔަގީންކަން އިތުރުވެގެން ދިއުން"

ފަސް ވަނަ ސަބަބުގައި އޮތީ، އެ ކިޔާފައި، ހަރު އެއްޗަކުން ލަޑަންވީއޭ ހިތަށް އަރާ ކަހަލަ ޖުމުލަ އެކެވެ. ދެ އިންތިހާބު އެއްކޮށްލީމާ އަމާންކަމާއި ސުލްހަވެރިކަން އިތުރުވުމަށް މަގުފަހިވުމުގެ ސައިންސަކީ ކޮބައިހެއްޔެވެ؟ ދެ އިންތިހާބު ވަކިން ބާއްވާތީ ގައުމު ނާމާން ވެއްޖެކަމަށް ދެއްކި ދިރާސާއެއް އޮތީ ހެއްޔެވެ؟ ރާއްޖޭގައި ދެ އިންތިހާބު ވަކިން ބާއްވާތީ ބޭރުގެ އިންވެސްޓަރުންގެ ޝަކުވާތަކެއް ލިބިފައި ހުރީ ހެއްޔެވެ؟ އިންތިހާބުތައް ވަކިން ނުވަތަ އެއްކޮށް ބޭއްވުމާއި އިންވެސްޓަރ ކޮންފިޑެންސާ އޮތް ގުޅުމަކީ ކޮބައިހެއްޔެވެ؟ އެކަމުގެ މައްޗަށް ހުރި އިލްމީ ދަލީލުތަކާއި ދިރާސާތައް ކޮބައިހެއްޔެވެ؟ މިއިން އެއްވެސް ސުވާލަކަށް ޖަވާބެއް ނެތެވެ.

ހުއްޖަތު ދެއްކުމާއި އުއްމީދުތައް ބަޔާންކުރުމުގެ ތަފާތު

ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއެކު މައުލޫމާތު ކަރުދާސް ހިމެނުމުގެ ބޭނުމަކީ، ސަރުކާރުން ބޭނުންވެގެން އުޅެނީ ކޮން ކަމެއްކަން ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުމެވެ. އަދި އެގޮތަށް އަމަލުކުރަނީ ރައްޔިތުންނަށް ކޮން މޮޅެއް ހޯދައިދޭންކަން އޮޅުމެއް ނެތް މިންވަރަށް ސާފުކޮށްދިނުމެވެ. ގާނޫނުގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައި އޮތީވެސް 'ހުއްޖަތު' ދެއްކުމަށެވެ.

'ހުއްޖަތެއް' (argument) ދެއްކުމާއި، 'މަގުސަދެއް ނުވަތަ އުންމީދުތަކެއް' (objectives/aspirations) ބަޔާންކުރުން އެއީ ވަރަށް ވެސް ބޮޑަށް ދެ ކަމެކެވެ. އެ ދެ ލަފުޒުގެ ދެމެދުގައި އޮންނަ ތަފާތަކީ ހަމައެކަނި ލަފުޒީ ތަފާތެއް ނޫނެވެ. މިއީ ބުއްދިވެރި ނިންމުންތައް ނިންމުމާއި، އިޖުރާއީ އިންސާފު ގާއިމުކުރުމުގެ އަސާސާ ވެސް ގުޅިފައިވާ ކަމެކެވެ. ހުއްޖަތަކީ ބުއްދީގެ މައްޗަށް ބިނާވެފައިވާ، ތަރުތީބުކުރެވިފައިވާ ފިކުރެކެވެ. ހުއްޖަތު ބަޔާންކުރުމުގައި، އެ ބަޔާންކުރާ ދައުވާއަކަށް ބާރުދޭ ސަބަބުތަކާއި، ގިނަ ފަހަރަށް ހެކި ނުވަތަ މަންތިގީ ނަތީޖާތައް ހިމެނޭނެ އެވެ. އޭގެ ބޭނުމަކީ ބުއްދިވެރި ގޮތެއްގައި މީހުން ބަލައިގަންނާނޭ ފަދައިން ކަމެއް ސާބިތުކޮށްދިނުމެވެ.

އެއާހިލާފަށް، މަގުސަދުތައް ނުވަތަ އުންމީދުތައް ބަޔާންކުރުމަކީ ވަކި ކަމަކުން ހާސިލުކުރަން ބޭނުންވާ ނުވަތަ ނުކުންނާނޭކަމަށް އުއްމީދުކުރާ ނަތީޖާތަކެއް ހާމަކުރުމެވެ. އޭގައި ބޭނުންވާ ނަތީޖާތައް އިއުލާންކުރި ނަމަވެސް، ހުށަހެޅިފައިވާ ފިޔަވަޅަކުން އެ ނަތީޖާ ހާސިލުވާނެ ސަބަބެއް ނުވަތަ އެހެން ގޮތްގޮތަށްވުރެ އެގޮތް ރަނގަޅުވާ ސަބަބެއް ކޮންމެހެން ބަޔާންކުރާކަށް ނުޖެހެ އެވެ.

ގާނޫނީ ވިސްނުމަކުން ވިސްނާއިރު، ހުއްޖަތެއް ގާއިމުކުރި ކަމަށް ވާނީ ކަނޑައެޅޭ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެއީ މައްސަލައެއް ދެނެގަނެ، އެ މައްސަލައަށް ހައްލެއް ބޭނުންވާ ސަބަބު ތަފްސީލުކޮށްދީ، ހުށަހެޅިފައިވާ ހައްލުން އެ މައްސަލަ ހައްލުވާނެ ގޮތް ސާބިތުކޮށްދިނުމެވެ. މިސާލަކަށް، ދުސްތޫރީ މައްސަލައެއްގައި ވަކީލަކު ހަމައެކަނި ވަކި ގާނޫނަކީ "ޑިމޮކްރަސީ ވަރުގަދަކޮށްދޭ" ގާނޫނެއް ކަމަށް ބުނުމަކުން ނުފުދެ އެވެ. އޭގެ ބަދަލުގައި، އެ ގާނޫނަކީ ދުސްތޫރީ އުސޫލުތަކަށް ފެތޭ އެއްޗެއްކަން ދައްކައި، ކުރީގެ ނިންމުންތަކަށް ރިއާޔަތްކޮށް، އެކަމުގެ ބޭނުންތެރިކަން ވެސް ސާބިތުކޮށްދޭންޖެހެ އެވެ. މިފަދަ ބުއްދިވެރި ގުޅުވުމެއް ނެތްނަމަ، އެއީ ހުއްޖަތެއް ނޫނެވެ. އެއީ ހަމައެކަނި ބުނެލާ ބުނުމެކެވެ.

މަގުސަދުތައް ބަޔާންކުރުން އާންމުކޮށް ފެންނާނީ ގާނޫނުތަކުގެ އިބްތިދާއީ ބައިގައި ނުވަތަ ސިޔާސަތުތަކާއި ތަފުސީލީ ރިޕޯޓްތަކުގަ އެވެ. އޭގައި ބޭނުންކުރަނީ "ހިންގުން ހަރުދަނާކުރުމަށް"، "އެއްބައިވަންތަކަން އާލާކުރުމަށް" ނުވަތަ "ތަރައްގީ އަވަސްކުރުމަށް" ފަދަ އުންމީދީ ބަސްމަގުތަކެވެ. މިފަދަ ބަސްމަގުން ސިޔާސަތުގެ ލަނޑުދަނޑިތައް ސިފަކޮށްދިން ނަމަވެސް، އަޅާ ފިޔަވަޅާއި ލިބޭ ނަތީޖާއާ ދެމެދު އޮތް އިލްމީ ގުޅުން ބަޔާންކޮށެއް ނުދެ އެވެ. ގާނޫނުތައް ފަރުމާކުރުމުގައި މަގުސަދުތަކުން ކަންކަމުގެ ފަސްމަންޒަރު ސާފުކޮށްދީފާނެ އެވެ. ނަމަވެސް، އެއީ ބުއްދީގެ މައްޗަށް ބިނާވާ ދަލީލެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.

މި ތަފާތު ވަކިން ހާއްސަކޮށް މުހިންމުވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުތަކުގެ މައުލޫމާތު ކަރުދާސްތަކުގައިވާ ފަދައިން، އާންމުންނަށް "ހުއްޖަތުތައް" ހުށަހަޅަން ގާނޫނުން ލާޒިމުކުރާ ހާލަތްތަކުގަ އެވެ. މީގެ މާނައަކީ ހަމައެކަނި ބޭނުންވާ ރީތި ނަތީޖާތަކެއް ދެއްކުމުގެ ބަދަލުގައި، އެކި ގޮތްގޮތަށް ބިނާވެފައިވާ ބުއްދިވެރި ދަލީލުތައް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަމެވެ. ހުއްޖަތެއްގެ ސަބަބުން ވޯޓުލާ މީހުންނަށް އޭގެ ނަތީޖާއާއި، ގުރުބާންކުރަންޖެހޭ ކަންކަމާއި، އަދި އެކަމުގެ އަސާސްތައް ވަޒަންކުރުމުގެ ފުރުސަތު ލިބެ އެވެ. ނަމަވެސް، އުންމީދުތައް ބަޔާންކުރުމަކީ ކަމުގެ ފުންމިނަށް ނުބަލައި، ހަމައެކަނި ހިޔާލީ ވިސްނުންތަކެއްގެ މައްޗަށް މައްސަލަ ބިނާކުރުމެވެ. ޑިމޮކްރަސީއެއްގައި އުންމީދާއި ހުއްޖަތް އޮޅުންބޮޅުންވުމަކީ އާންމު މަޝްވަރާތަކުގެ ފެންވަރު ދަށްވެ، ހަގީގީ މައުލޫގެ ބަދަލުގައި ހަމައެކަނި ޝިއާރުތަކަކަށް ކަންކަން ބަދަލުވެގެންދާނެ ކަމެކެވެ.

މަތީގައިވާ ހުރިހައި ކަމަކަށް ބެލުމުން އާދެވޭ ނިންމުމަކީ މިއީ އެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދިހަ ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައި އޮތީ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ގަރާރާއެކު ހިމެނުމަށެވެ. ހުއްޖަތުގެ މާނައަކީ (1) ބަހުން ދައްކާ ހެކި، (2) ކަމެއް ސާބިތުކޮށްދިނުމަށް ދައްކާ ދަލީލުކަން ދިވެހި ބަހުގެ ރަދީފަށް ބެލުމުން އެނގެ އެވެ. ގަރާރާއެކު ހިމަނާފައިވާ ކަރުދާހުގައި 'ހުއްޖަތު' ބަޔާންކުރުމަށް އޮތް ޖާގައިގައި ބަޔާންކޮށްފައި ހުރީ 'މަގުސަދެއް ނުވަތަ އުންމީދުތަކެކެވެ' ހުއްޖަތެއް ނޫނެވެ. އެހެންކަމުން، މިއީ އެ ކަންކަމުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ނިންމުމެއް ނިންމޭނޭފަދަ 'ހުއްޖަތު' ތަކަކަށް ނުވާތީ، ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކީ، ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާކަމަށްޓަކައި ބާތިލު ގަރާރެކެވެ.