about 13 hours 3
ލީވާން އަލީ ނާސިރު
ހިދުމަތް ޖަމިއްޔާއިން ޝަހީމުއާ ބައްދަލުކުރުން: ފަރީދުގެ ހަނދާނުގައި މާލޭގައި އަޅާ މިސްކިތަށް އަދިވެސް މިނިސްޓްރީން ބިން ދީފައެއް ނުވޭ -- ފޮޓޯ: ހިދުމަތް ޖަމިއްޔާ
about 13 hours 3
ރާއްޖޭގައި އެންމެ ފާހަކޮށްލެވޭ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ އަލްމަރްހޫމް ޝެއިހް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހިދުމަތް ޖަމިއްޔާއިން މާލޭގައި އަޅާ މިސްކިތަށް އަދިވެސް އިސްލާމިކް މިނިސްޓްރީން ބިން ނުދޭކަން އެނގިއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަދަދު އަށް ވިދާޅުވީ މިސްކިތް އަޅާ ބިން ހަވާލުކުރެވޭނީ ފައިނޭންޝަލް ގެރެންޓީ މިނިސްޓްރީއަށް ލިބުމުން ކަމަށެވެ. އެ ގެރެންޓީ ބޭނުންވަނީ ބައެއް ފަހަރު މިސްކިތް އަޅަން ހަވާލުކުރުމުން މިސްކިތް ނޭޅި ދިގުލައިގެންދާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދެން އޭގައި ފައިނޭންޝަލް ގެރެންޓީ ލިބުނީމައޭ އަޅުގަނޑުމެންނަށް ބިން [މިސްކިތް އަޅަން] ހަވާލުކުރެވޭނީ. އެއީ ބައެއް ފަހަރުގައި ބައެއް މީހުން މިސްކިތް އަޅަންވެގެން ބިން ނަގާފައި މިސްކިތް ނޭޅި ގިނަ ދުވަސްވުމުގެ ސަބަބުން އަމްދުން މި މާލޭ އޭރިޔާގައި ވަރަށް ބޮޑެތި ދަތިތައް މީހުންނަށް ދިމާވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މިސްކިތް އެޅުމަށް ފުރަތަމަ މަރުހަލާގައި ބޭނުންވާ ވަރަށް ފައިސާ ހަމަކުރެވިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަހެއްހާ ދުވަސް ތެރޭގައި ބިން ހަމަޖައްސައިދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް މަހެއް ދެ މަހެއް ތެރޭގައި އެބޭފުޅުންނާ ރަސްމީކޮށް ބިން ހަވާލުކުރެވޭވަރުވާނެހެން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝެއިހު ފަރީދަކީ ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީ، އެކަން މިނިސްޓްރީގެ ފަރާތުން ކޮށްދޭން ވަރަށް ބޭނުންވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ހިދުމަތް ޖަމިއްޔާއިން މާލޭގައި ދެ ފަންގިފިލާއަށް ބިނާކުރަން މަސައްކަތްކުރާ އެ މިސްކިތުގައި 2،500 މީހުންނަަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ކުރިން ބުނެފައިވެ އެވެ.
ހިދުމަތް ޖަމިއްޔާއިން ވަނީ އާންމުންގެ އެހީތެރިކަމާއެކު ފައިސާ އެއްކޮށްގެން ޝެއިހު ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ވެސް މިސްކިތެއް ބިނާކޮށްފަ އެވެ.
ޝެއިހު ފަރީދު ކުއްލި ގޮތަކަށް މިދިޔަ އަހަރު ނިޔާވީ ދީނީ ދަރުހެއް ދިނުމަށް މެލޭޝިޔާއަށް ވަޑައިގެންނެވިތަނުން ކުއަލާ ލަމްޕޫރުގަ އެވެ. އޭނާ ނިޔާވީ އެއާޕޯޓަށް މަތިންދާބޯޓު ޖެއްސުމަށް ފަހު އެ ބޯޓުން ފޭބި ވަގުތު އެވެ. ފަރީދުގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައީ މެލޭޝިޔާގަ އެވެ.
ޝެއިހު ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުމުގައި ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އޭރު ބޭއްވި އެއްވުންތަކުގައި ފަރީދު ތަގުރީރު ވެސް ކުރެއްވި އެވެ.
އޭގެ ތެރެއިން ބައެއް އެއްވުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭރުގެ ސަރުކާރުން ޝެއިހު ޖަލުގައި ވެސް ބަންދުކުރި އެވެ. އޯގަސްޓު 12-13 ގެ އެއްވުމުގެ ތެރެއިން ވެސް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނާއި ޓެރަރިޒަމްގެ ކުށުގެ ދައުވާ ވެސް ފަރީދުގެ މައްޗަށް އުފުލި އެވެ.
Comment