Advertisement

މެލޭޝިއާގެ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް އެޕްރީލްގައި ބޭނުންކުރަން ފަށަނީ


މެލޭޝިއާގެ ބެސްޓިނެޓުގެ އެކްސްޕެޓް ސިސްޓަމް އެޕްރީލްގައި ބޭނުންކުރަން ފަށަނީ

ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް އަންނަ އެޕްރީލް 1، ގައި ބޭނުން ކުރަން ފަށާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އަދަދު އަށް ވިދާޅުވީ މިހާރު ކުރިއަށްދާ ބެސްޓިނެޓު އެކްސްޕެޓް ސިސްޓަމްގެ ޕައިލެޓް ފޭސް ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިންމައި، ރަސްމީކޮށް އެ ސިސްޓަމް އެޕްރީލް 1، ގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.

"އެމީހުން ޓާގެޓް މިކުރަނީ ޕައިލެޓް ފޭސްގެ ތެރެއިން ހުރިހާ ފައިންޑިންގްސްއެއްގައި ވެސް ގެންނަން ޖެހޭ ބަދަލެއްވިއްޔާވެސް ނިންމާފައި އެޕްރީލް 1، ގައި ލޯންޗުކުރަން ފައިނަލް އެތި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު 20, 2025 ގައި މި ސިސްޓަމްގެ ފުރަތަމަ ފޭސް ފަށާނެ ކަމަށް މިނިސްޓަރު އިއުލާން ކުރެއްވި އެވެ. ނަމަވެސް "ޓެކްނިކަލް" ބަދަލުތަކެއް ގެންނަން ޖެހިގެން އެ ތާރީހަށް މަސައްކަތް ނިމިފައެއް ނުވެ އެވެ. މިހާރު ސިސްޓަމް ޓެސްޓު ކުރަމުންދަނީ ސަރުކާރު ހިއްސާވާ ދެ ކުންފުންޏެއް ބޭނުންކޮށްގެންނެވެ.

ބެސްޓިނެޓު އެކްސްޕެޓް ސިސްޓަމްގެ ހިދުމަތް ފަށާނެކަން ސަރުކާރުން އެކި ތާރީހުތައް މީގެ ކުރިން ވެސް ދީފައިވެ އެވެ.

މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެކްސްޕެޓް ސިސްޓަމެއް ހަދަން އެއްބަސްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހެދި އެއްބަސްވުން ކުރިއަށް ނުގޮސް، ގެއްލުމުގެ ބަދަލު ދޭން ޖެހޭތީ ކަމަށް އިހުސާން ވިދާޅުވެފައިވެ އެވެ.

އިހުސާން އޭރު ވިދާޅުވީ އެ އެއްބަސްވުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދޭންޖެހޭތީ، އެއްފަހަރާ އެ ފައިސާ ދެއްކެން ނެތުމުން އޭގެ ބަދަލުގައި އާ އެކްސްޕެޓް ސިސްޓަމެއް ގާއިމުކުރުމުގެ އެއްބަސްވުމަކަށް ދިޔައީ ކަމަށެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.

ބެސްޓިނެޓް އައު އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝުއަރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ.

މިހެން ހުރި ފައިސާތައް އެއްކޮށްލުމުން އެއްބަސްވުން ހިނގާ 15 އަހަރުގެ މުއްދަތުގެ ތެރޭގައި ބެސްޓިނެޓަށް 6.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެ ވެ އެވެ.