Advertisement

ކުދި ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ ދައްކަން ނުޖެހޭ ބިލު ތަސްދީގުކޮށްފި


ކުދި ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ ދައްކަން ނުޖެހޭ ބިލު ތަސްދީގުކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ބިދޭސީ މުވައްޒަފުންގެ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

އެ ބިލުގައިވާ ގޮތުން ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖައުކޮށް، ކޯޓާ ފީ ދެއްކުމުގައި ބައެއް ފަރާތްތައް އިސްތިސްނާކުރެވެ އެވެ. އެގޮތަށް އިސްތިސްނާކުރަނީ ކޮން ބައެއްކަން ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުންނެވެ.

މިދިޔަ ފެބްރުއަރީ މަހު އިއްވި ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ ވީ 20 އަށްވުރެ މަދުން ބިދޭސީން ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ގާނޫނު ބަދަލުކުރައްވާނެ ކަމަށެވެ. މި އިސްލާހު ފާސްކުރީ އެކަމަށް ފަހިކުރުމަށެވެ.

"ހަމައެއާއެކު 20 ކޯޓާއަށްވުރެ މަދުން ބިދޭސީ ކޯޓާ ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ މިއަހަރު މާޗު މަހުން ފެށިގެން ދައްކަން ނުޖެހޭގޮތަށް ހަމަޖެއްސުމަށް ސަރުކާރުން ބޭނުންވޭ. މިކަން ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު މި އިއްޒަތްތެރި މަޖިލީހުގެ މިހާރުގެ ފުރަތަމަ ދައުރުގެ ކުރީކޮޅު ހުށަހަޅާނެ ވާހަކަ ދަންނަވަން،" މުއިއްޒު ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވި އެވެ.

މިއަދު ތަސްދީގުކުރި ބިލުގައި ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން ދެ އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވެސް މިހާރު އަމަލުކުރަން ފަށާފައިވާ މި ބިލުގެ ދަށުން ވަނީ ކަނޑައަޅައިފަ އެވެ.

މި ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ.