Advertisement

އެމެރިކާއާއި އިރާނުގެ މަޝްވަރާތައް ބުރާސްފަތި ދުވަހު ޖެނީވާގައި ބޭއްވުމަށް ނިންމައިފި

about 19 hours 0


އެމެރިކާއާއި އިރާނުގެ މަޝްވަރާތައް ބުރާސްފަތި ދުވަހު ޖެނީވާގައި ބޭއްވުމަށް ނިންމައިފި

about 19 hours 0

އެމެރިކާއާއި އިރާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަން ކުޑަކުރުމަށް ބާއްވާ މަޝްވަރާގެ އާ ބުރެއް އަންނަ ބުރާސްފަތި ދުވަހު ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އޮމާންގެ ފޮރިން މިނިސްޓަރު ބަދަރު އަލް ބުސައިދީ ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުސައިދީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަސައްކަތުގައި މި ބުރަކީ "އިތުރު ފިޔަވަޅެއް ކުރިއަށް އެޅުމަށް ލިބޭ އުންމީދީ ފުރުސަތެއް" ކަމަށެވެ.

މި މަޝްވަރާތައް ބާއްވަން ނިންމާފައި މިވަނީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.

އޮމާނުން މިކަން އިއުލާނުކުރުމުގެ ގަޑިއިރުތަކެއް ކުރިން، އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، އީރާނުގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި މަގުސަދެއްގައި ހިންގާ މަޝްރޫއެއްކަން ކަށަވަރުކޮށްދިނުމަށާއި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި، އދ.ގެ ނިއުކްލިއާ އެޖެންސީ އަށް ފުރިހަމައަށް މޮނިޓަ ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ތައްޔާރާ އޮތް ކަމަށެވެ.

ނަމަވެސް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާނުލާނެކަން ފާހަގަކުރައްވައި އަރާގްޗީ ވިދާޅުވީ، އެއީ އިރާނުގެ ސައިންސްވެރިން އަމިއްލައަށް އުފެއްދި ޓެކްނޮލޮޖީއެއް ކަމަށާއި، އެއީ ގައުމުގެ "އިއްޒަތާއި ފަހުރާ" ގުޅިފައިވާ ކަމެއް ކަމަށެވެ.

އަރާގްޗީ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ވާހަކަދެކެވެނީ ހަމައެކަނި ނިއުކްލިއާ މައްސަލައާ ގުޅޭގޮތުންނެވެ. އެމެރިކާގެ ބައެއް އިސްވެރިން އިރާނުގެ މިސައިލް ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންވި ނަމަވެސް، އިރާނުން ބުނަނީ އެހެން އެއްވެސް މައުޟޫއަކަށް ވާހަކަ ނުދައްކާނެ ކަމަށެވެ. އަދި މިފަހަރު އެކުލަވާލާ އެއްބަސްވުން، 2015 ގެ އެއްބަސްވުމަށްވުރެ ފުރިހަމަވާނެ ކަމުގެ އުންމީދު އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްވަރާތަކަށް އުންމީދު އޮތް ނަމަވެސް، ބައެއް ފަރާތްތަކުން ދެކޭގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން، އިރާނުން ކިތަންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އެއްބަސްވުމަކަށް އައުން އުނދަގޫވެދާނެއެވެ.