Advertisement

ޗާގޯސްއަށް ދާން ރާއްޖެ އައި ނައިޖެލް ފަރާޖު: "އަހަރެން ހުއްޓުވީ ދިވެހި ސަރުކާރަށް ޕްރެޝަރު ކޮށްގެން"


ޗާގޯސްއަށް ދާން ރާއްޖެ އައި ނައިޖެލް ފަރާޖު: "އަހަރެން ހުއްޓުވީ ދިވެހި ސަރުކާރަށް ޕްރެޝަރު ކޮށްގެން"

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާއަށް ދަތުރުކުރުމަށް އައިސް ހުރި އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނައިޖެލް ފަރާޖު ހުއްޓުވީ އެ ގައުމުގެ ސަރުކާރުން ދިވެހި ސަރުކާރަށް ޕްރެޝަރު ކޮށްގެން ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ދެކޮޅު ހެދުމުގެ ގޮތުން ޗާގޯސްއަށް ނިސްބަތްވާ ހަތަރު މީހުން އެ އަތޮޅުގައި ދާއިމީ ގޮތެއްގައި ވަޒަންވެރިވުމަށް މިދިޔަ ހަފުތާގައި ވަނީ ގޮސްފި އެވެ. އެ މީހުން އެ ތަނުން ފޭބުމަށް އިނގިރޭސި ސަރުކާރުން އަންގާފައިވާއިރު އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބޮޑުވަޒީރު ކިއެ ސްޓާމާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ.

އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައެއް ސާމާނާއެކު ނައިޖެލް ފަރާޖު ރާއްޖެ އައީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ މީހުންނަށް ބޭނުންވާ ކާނާ އާއި ބޭހާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޯޓެއް ފޮނުވުމަށް ފަރާޖު ދިޔައީ މަސައްކަތް ކުރަމުންނެވެ.

އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރި ވީޑިއޯއެއްގައި ނައިޖެލް ފަރާޖު ވަނީ އޭނާ ހުއްޓުވުމަށް ދިވެހި ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒުއަށް ސްޓާމާގެ ސަރުކާރުން ޕްރެޝަރު ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެ ގައުމުގެ "ދަ ޓެލެގްރާފް" ނޫހަށް ދިން އިންޓަވިއުއްގައި ފަރާޖު ވިދާޅުވި ގޮތުގައި އެ މައުލޫމާތު އޭނާއާ ހިއްސާކުރީ ދިވެހި ސަރުކާރުގެ އިސް އޮފިޝަލެކެވެ.

"އިނގިރޭސި ރައްޔިތަކު އިނގިރޭސިވިލާތުގެ ސަރަހައްދަކަށް ދިޔަ ނުދީ ހުއްޓުވުމަށް މިފަދަ މަސައްކަތެއް ކޮށްފާނެ ކަމަށް އަހަންނަށް ގަބޫލެއް ނުކުރެވޭ. އަހަންނަށް މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، އިނގިރޭސި ދައުލަތުން އަހަންނާ މެދު "ވަރަށް ބޮޑަށް ކަންބޮޑުވެ"، އަހަރުން މިތަނަށް އައީ ކީއްވެގެންތޯ އޮޅުންފިލުވަން ބޭނުންވި،" ފަރާޖު ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެޑްވައިޒަރީ އޮޮޮޕީނިއަންއެއް ނެރެފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މިހާރު މޮރިޝަސް އާއި އިނގިރޭސިވިލާތުގަ އެވެ. ގިނަ މީހުން ބޭނުންވަނީ އެނބުރި ޗާގޯސްއަށް ދިޔުމަށެވެ.

ޗާގޯސްގެ ރަށަކަށް އެރި ހަތަރު މީހުންގެ ތެރެއިން ލީޑަރެއްގެ ގޮތުގައި ހުރި މިސްލީ މިންޑަރިން ބުނި ގޮތުގައި އެ މީހުން މި ވަގުތު އުޅެނީ ޓެންޓުގަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މީހުން އެ މީހުންނާ ބައިވެރިވުމަށް އެ އަތޮޅަށް އަންނާނެ އެވެ.

ޗާގޯސްއަށް ނިސްބަތްވާ ބަޔަކު އެ އަތޮޅަށް ގޮސްފައި މިވަނީ މިވަގުތު އޮތް މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ތަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ.

ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް މުއިއްޒު ދެ ސިޓީއެއް ފޮނުވި އެވެ. އެއް ސިޓީ ނޮވެމްބަރު 2024، ގައި ފޮނުވިއިރު ދެވަނަ ސިޓީ ފޮނުވީ ޖެނުއަރީ 2026، ގަ އެވެ.

އެ ސިޓީތަކަށް ބެލުމެއް ނެތި އިނގިރޭސި ސަރުކާރުން ވަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމާ އެކު ކުރިއަށް ދިޔުމަށް ނިންމާފަ އެވެ. ނަމަވެސް، ޑިއޭގޯ ގާސިއާގައި އަސްކަރީ ބޭސް ހިންގާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވަނީ އެ ޑީލަށް ފެހި ސިގްނަލް ދިނުމަށް ފަހު އަލުން އަނބުރާ އެކަން ނުކުރުމަށް ގޮވާލާފަ އެވެ.

މި ވަގުތު އެ ޑީލް އަދި ފައިނަލް ކޮށްފައި ނުވެ އެވެ. ބެލެވޭ ގޮތުގައި އިނގިރޭސި ސަރުކާރުން އަމަލުކުރާނީ އެމެރިކާއިން ބޭނުންވާ ގޮތަށެވެ.