Advertisement

ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވާނެ


ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީރެޖިސްޓްރީވުމުގެ މުއްދަތު މާދަމާ ހަމަވާނެ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް ރީ-ރެޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.

މި ވޯޓަށް ރީރެޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ ފެބްރުއަރީ 18 ވަނަ ދުވަހުން ފެށިގެންނެވެ. މި މުއްދަތު ހަމަވާނީ ފެބްރުއަރީ 22 (މާދަމާ) ގެ މެންދުރުފަހު 3:00 އަށެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އަލުން ރަޖިސްޓްރީވާން ހުށަހަޅަން ޖެހެނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަންޏެވެ.

ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ދިރިއުޅުން ބަދަލުކޮށްފައި ވާއިރު، އަލަށް ވޯޓުލާން ޖެހޭ މީހުން މާލެއަށް ނުވަތަ ދާއިމީ ރަށްވެހިކަން އޮތް ތަން ފިޔަވައި އެހެން ތަނެއްގައި ވޯޓުލާނަމަ ރީރެޖިސްޓްރީކުރަންޖެހެ އެވެ.

ވޯޓުލާންޖެހޭ މަރުކަޒު އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުން ބެލޭނެ އެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާނީ ކޮން ސުވާލެއް؟

މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް މަސައްކަތް ކުރަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފާސްކޮށްފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މި ގޮތަށް ނިންމީ ފެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ގަރާރަށް ބަހުސްކުރުމަށް ފަހުގަ އެވެ.