Advertisement

ތުލުސްދޫ ކައުންސިލަށް ކުރިމަތިލި ސޫޒަންގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

17 ފެބުރުވަރީ 2026 - 20:00 1


ތުލުސްދޫ ކައުންސިލަށް ކުރިމަތިލި ސޫޒަންގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

17 ފެބުރުވަރީ 2026 - 20:00 1

އަމިއްލަ ގޮތުން ކ. ތުލުސްދޫ ކައުންސިލުގެ ގޮނޑިއަކަށް ވާދަ ކުރަން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެންޑިޑެސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އޭނާއަކީ މިހާރު ވެސް ކައުންސިލްގެ މެންބަރެކެވެ.

ތުލުސްދޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ވާދަ ކުރާ ސޫޒަންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ދަރަންޏެއް ދައްކައި ހަލާސްކޮށްފައިވާ ކަމުގެ ލިޔުމެއް ނެތުމުން ކަމަށް ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސޫޒަންގެ މައްޗަށް 2006 ވަނަ އަހަރު ސާބިތުވެފައިވާ މައްސަލައެއްގައި ސަރުކާރަށް ދައްކަންޖެހޭ 12،000 ރުފިޔާގެ ދަރަންޏެއް އޭނާ ދެއްކި ކަމުގެ ލިޔުން ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ ބެލެވޭނީ ހުކުމާ އެއްގޮތަށް ދަރަންޏަށް ފައިސާ ނުދައްކާ ފަރާތެއްގެ ގޮތުގައި ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.

ނަމަވެސް ސޫޒަން ބުނެފައި ވަނީ އެ ދަރަނި އޭނާ ދައްކައި ހަލާސްކޮށްފައިވާނެ ކަމަށެވެ. އެކަމަކު، މައްސަލައަށް 20 އަހަރުވެފައިވާތީ، އެހާ ކުރީގެ ލިޔުމެއް މިހާރު އޭނާގެ އަތުގައި ނެތް ކަމަށް ސޫޒަންގެ ފަރާތުން ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން ބުނީ ސޫޒަންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏާ ބެހޭ އެއްވެސް މައުލޫމާތެއް ދަރަނި ލިބެންޖެހޭ އިދާރާގައި ނެތް ކަމަށެވެ. އަދި ދަރަނި ދެއްކި ކަމުގެ ލިޔުމެއް ސޫޒަންގެ އަތުގައި ނެތުމަކީ ދަރަނި ނުދައްކާ އޮތް ކަމަށް ބެލެވޭނެ ހެއްކެއް ނޫން ކަމަށް ވެސް ކޯޓުން ކަނޑައެޅި އެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2026 ގައި ފާތިމަތު ސޫޒަންގެ ކެންޑިޑޭޓުކަން ގަބޫލުކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނު 21 ވަނަ މާއްދާގެ ބ. އަށް ހަވާލާދީ އެ މާއްދާގެ ޅ. ގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް އަމުރުކުރަން،" ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެ އެވެ.