ކެއްސުމާއި، އަރިދަފުސް ރޯގާ، އަދި ފުއްޕާމޭގެ ނުރައްކާތެރި ބެކްޓީރިއަލް އިންފެކްޝަންތަކުން ރައްކާތެރިކޮށްދޭނެ "ޔުނިވާސަލް ވެކްސިން" އެއް އެމެރިކާގެ ސްޓެންފޯޑް ޔުނިވަސިޓީން އީޖާދުކޮށްފިއެވެ.
ނޭފަތަށް ޖަހާ މި ސްޕްރޭގެ ސަބަބުން ތަފާތު އެކި ބާވަތްތަކުގެ ބަލިތަކުން ދިފާއުކޮށްދިނުމުގެ އިތުރުން، އެލާޖީތަކަށް ވެސް ލުއި ލިބޭނެ ކަމަށް ދިރާސާކުރި ޓީމުން ބުންޏެވެ.
މި އާ ހޯދުމަކީ ވޭތުވެދިޔަ 200 އަހަރު ވެކްސިން އުފައްދަމުން އައި ގޮތަށް އައި ވަރަށް ބޮޑު ބަދަލެކެވެ. އާދައިގެ ވެކްސިންތަކުން ހަށިގަނޑަށް ދަސްކޮށްދެނީ ވަކި ހާއްސަ ބައްޔަކާ ހަނގުރާމަކުރާށެވެ. މިސާލަކަށް ހިމަބިހި ވެކްސިން މަސައްކަތްކުރާނީ ހަމައެކަނި ހިމަބިއްސާ ދެކޮޅަށެވެ. ނަމަވެސް، ސްޓެންފޯޑްގެ ޓީމުން އުފެއްދި މި ވެކްސިނުން ދިފާއީ ނިޒާމަށް ވަކި ބައްޔެއް ދަސްކޮށްދިނުމުގެ ބަދަލުގައި، ދިފާއީ ސެލްތައް އެކަތި އަނެކައްޗާ މުވާސަލާތުކުރާ ގޮތް ނަކަލުކުރެއެވެ.
މި ސްޕްރޭ ބޭނުންކުރުމުން ފުއްޕާމޭގައި ހުންނަ ވައިޓްބަލަޑް ސެލްތައް ނުވަތަ 'މެކްރޯފޭޖަސް' ބަލިތަކުގެ ދިފާއުގައި ހަރަކާތްކުރަން ތައްޔާރަށެވެ. އެހެންކަމުން، ހަށިގަނޑަށް ވަންނަން އުޅެނީ ކޮންމެ ބާވަތެއްގެ ވައިރަހެއް ނުވަތަ ބެކްޓީރިއާއެއް ކަމުގައިވިޔަސް، ދިފާއީ ނިޒާމު އޮންނާނީ ވަގުތުން އެއާ ހަނގުރާމަކުރަން ތައްޔާރުވެފައެވެ.
ޖަނަވާރުން ބޭނުންކޮށްގެން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، މި ރައްކާތެރިކަން ގާތްގަނޑަކަށް ތިން މަސް ދުވަހަށް ދެމިގެންދެއެވެ. އަދި ވައިރަސްތައް ފުއްޕާމޭގެ ތެރެއިން ހަށިގަނޑަށް ވަނުން 100 އާއި 1,000 ގުނައާ ދެމެދުގެ މިންވަރަކަށް މި ސްޕްރޭގެ ސަބަބުން މަދުކޮށްދެއެވެ.
ސްޓެންފޯޑްގެ ޕްރޮފެސަރު ބާލީ ޕުލެންޑްރަން ވިދާޅުވި ގޮތުގައި، މި ވެކްސިނުން ފްލޫ އާއި ކޮވިޑްގެ އިތުރުން، އާންމު ހުރިހާ ރޯގާތަކަކުންނާއި ޓެސްޓުކުރެވުނު ހުރިހާ ބެކްޓީރިއާތަކުން ވެސް ރައްކާތެރިކޮށްދެއެވެ.
މީގެ އިތުރުން، ގޭތެރޭގެ ހިރަފުހުން ޖެހޭ އެލާޖީތަކާއި އެލާޖިކް އެސްމާގެ އަސަރު ވެސް މި ސްޕްރޭގެ ސަބަބުން ކުޑަވާކަން ވަނީ ފާހަގަކުރެވިފައެވެ.
އޮކްސްފޯޑް ޔުނިވަސިޓީގެ ޕްރޮފެސަރު ޑެނިއެލާ ފެރޭރާ ފަދަ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިއީ އަދި ދިރާސާގެ ކުރީކޮޅުގެ މަރުހަލާއެއް ނަމަވެސް، މިއީ އިންސާނުންގެ ސިއްހަތަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ. އިންސާނުންގެ ހަށިގަނޑުގައި މި ވެކްސިން ޓެސްޓުކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ކުރިއަށް އޮތް ތަނުގައި ބާއްވާނެއެވެ.
Comment