20 ފެބުރުވަރީ 2026 - 10:58 0
20 ފެބުރުވަރީ 2026 - 10:58 0
ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ކުޅުނު ނޮކައުޓް ޕްލޭއޮފް މެޗުގައި ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ، މެޗުގެ ތެރެއިން ރެއާލްގެ ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކޮށްލިއިރު، މިއީ، ފާއިތުވި އަށް އަހަރު ތެރޭ، ވިނީޝިއުސް އަށް ކުރިމަތިވި ނަސްލީ ތަފާތު ކުރުމުގެ (ރޭސިޒަމްގެ) 20 ވަނަ މައްސަލަ އެވެ. މި މައްސަލައިގެ އެންމެ ބޮޑު ތަފާތަކީ، ޕްރެސްޓިއާނީގެ ފަރާތުން އެ އަމަލު ފެނުމާ އެކު، ވިނީޝިއުސް ވަނީ ޕްރޮޓޮކޯލްގައި އޮންނަގޮތަށް އަމަލުކުރުމަށްޓަކައި، މެޗުގެ ރެފްރީ ފްރަންކޮއިސް ލެޓެކްސިއާގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ.
ބެންފީކާ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 50 ވަނަ މިނިޓްގައި ވިނީޝިއުސް އެވެ. މިއީ، ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ވިނީޝިއުސް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ. މި ލަނޑުގެ އުފާފާޅުކުރުމަށް ފަހު، ވިނީޝިއުސްއާ ދިމާލަށް ނަސްލީ ގޮތުން ދިމާކުރުމަށް ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ ބުނި އެއްޗެއްގެ ސަބަބުން މެޗުގެ ރެފްރީ ފްރަންކޮއިސް ލެޓެކްސިއާ އަށް އެކަން އަންގައި، ރެއާލްގެ ކުޅުންތެރިން ދަނޑުން ފޭބި އެވެ. އެ ކަމާ ހުރެ 10 މިނިޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަތައް ކުރިމަތިވި ވިނީޝިއުސްއާ ދިމާކޮށްލުމުގައި ބެންފީކާ ސަޕޯޓަރުން ވެސް ބައިވެރިވި އެވެ. އެ ގޮތުން، ކޯނަރު ނެގުމަށް ދިއުމާ އެކު އެތައް ފަހަރެއް މަތިން ބެންފީކާ ސަޕޯޓަރުން ވަނީ ދަނޑަށް އެއްޗެހި އުކައިފަ އެވެ.
މެޗަށް ފަހު، ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ، ސަޕޯޓަރުން ނުރުހުންވާންޖެހޭ ހާލަތަށް ކަންތައްތައް ދިޔައީ ވިނީޝިއުސްގެ އަމަލުތައް ހުރި ގޮތުން ކަމަށެެވެ. ޕްރެސްޓިއާނީއާ ހަވާލާދީ ޕޯޗުގީސް އަދި ދެކުނު އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރާ ފަދަ އިބާރާތެއް ޕްރެސްޓިއާނީ ބޭނުމެއް ނުކުރާ ކަމަށެވެ. އަދި، ވިނީޝިއުސްއާ ދިމާލަށް ޕްރެސްޓިއާނީ ބުނެފައިވަނީ، "ރާމާމަކުނެކޭ" އެއް ނޫން ކަމަށާއި ބުނީ "ބްރަދާ" އޭ ކަމަށް ވެސް އެ ހަބަރުތަކުގަިއ ވަނީ ހިމަނައިފަ އެވެ.
މީގެ ކުރިން، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލި ގިނަ މައްސަލަތަކެއް ސްޕެނިޝް ލީގުން ބަލާފައިވާއިރު، ސްޕެއިނުގެ ކޯޓުތަކުގައި ވެސް މައްސަލަ ހިނގައި، ހުކުމް ވެސް ވަނީ އިއްވައިފަ އެވެ. އެ ގޮތުން، 2021 ވަނަ އަހަރުގެ އެލް ކްލަސިކޯ މެޗެއްގައި ބާސެލޯނާގެ ސަޕޯޓަރަކު، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް ބެލި ނަމަވެސް އެ ސަޕޯޓަރު ހޯދޭނެ ގޮތެއްނުވެ، މައްސަލަ ފައިލްކުރި އެވެ. އޭގެ އެއް އަހަރު ފަހުން، ރެއާލް މަޔޯކާ ސަޕޯޓަރުން ވަނީ ވިނީޝިއުސް އަކީ، "ރާމާމަކުނެއް" ކަމަށް ބުނެ އަޑުގަދަކޮށް، އޭނާއާ ދިމާލަށް ދޮންކެޔޮ ތޮށި އުކައިފަ އެވެ. އެ މައްސަލަ ވެސް ބެލި ނަމަވެސް އެއްވެސް ފިޔަވަޅެއް ނޭޅުނެވެ.
އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން 2022 ވަނަ އަހަރު ސްޓޭޑިއަމުން ބޭރުގައި ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރި ނަމަވެސް އެ މައްސަލަ ވެސް އެކަށީގެންވާ ގޮތަކަށް ނުބެލި ނިމުނީ އެވެ. އެކަމަކު، އޭގެ އަހަރެއް ފަހުން، ވިނީޝިއުސްގެ ނަމުގައި ހަދާފައި އޮތް ޖާޒީއެއް ލައްވާފައި އޮތް ބުދެއް ދަންޖައްސާފައި ބްރިޖެއްގައި އެލުވި މައްސަލަ ވަަރަށް ހޫނުވެ، އެ މައްސަލަ ބަލައި، އެތުލެޓިކޯގެ ސަޕޯޓަރުންގެ ގްރޫޕުގެ ހަތަރު މެމްބަރަކަށް ޖަލު ހުކުމެއް އިއްވި އެވެ.
ވެލެންސިއާއާ ދެކޮޅަށް 2023 ވަނަ އަހަރު ރެއާލުން ކުޅުނު މެޗުގައި، ވެލެންސިއާގެ ސަޕޯޓަރުން ވިނީިޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ މައްސަަލައިގައި ތިން ސަޕޯޓަރަަކަށް ފިޔަވަޅު އެޅި އެެވެ. އެއީ، އަށް މަހުގެ ޖަލު ހުކުމަކާއި ދަނޑަށް ނުވަދެވޭ ގޮތަށް ދެ އަހަރުގެ ސަސްޕެންޝަނެެކެވެ. އަދި، 2024 ވަނަ އަހަރު އެތުލެޓިކޯ އަށް ނިސްބަތްވާ ހަތަރު މީހަކު ސޯޝަލް މީޑިއާގައި ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލި މައްސަލައިގައި ހައްޔަރުކޮށް ފިޔަވަޅު އެޅި އެވެ.
މި އަހަރު ތެރޭ ހިނގި ކަަންކަމަށް ބަލާއިރު، މިދިިޔަ ފެބްރުއަރީ މަހު، ރެއާލުން ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗު ވަގުތު ކޮޅަކަށް ހުއްޓާލަން ޖެހުނީ ވިނީޝިއުސްއާ ނަސްލީގޮތުން ދިމާކޮށްލުމުންނެވެ. އަދި، ދާދި ފަހުން، އަލްބަސެޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް، އެ ކްލަބްގެ ސަޕޯޓަރުންގެ ބަޔަކު ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކޮށްލި އެވެ.
Comment