18 ފެބުރުވަރީ 2026 - 10:41 0
18 ފެބުރުވަރީ 2026 - 10:41 0
ލިޒްބަން (ފެބްރުއަރީ 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގައި ރޭ ބެންފީކާގެ ކުޅުންތެރިންނާއި ސަޕޯޓަރުން ރެއާލްގެ ވިނީޝިއުސް ޖޫނިއާއާ ދިމާކޮށްލިޔަސް އޭނާ ޖެހި ގޯލުން 1-0 އިން ރެއާލުން ބެންފީކާ އަތުން ފުރަތަަމަ ލެގުގައި މޮޅުވެއްޖެ އެވެ.
ބެންފީކާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ 50 ވަނަ މިނިޓްގައި ވިނީޝިއުސް އެވެ. މިއީ، ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ވިނީޝިއުސް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ. މި ލަނޑުގެ އުފާފާޅުކުރުމަށް ފަހު، ވިނީޝިއުސްއާ ދިމާލަށް ނަސްލީ ގޮތުން ދިމާކުރުމަށް ބެންފީކާގެ ޖިއަންލޫކާ ޕްރެސްޓިއާނީ ބުނި އެއްޗެއްގެ ސަބަބުން މެޗުގެ ރެފްރީ ފްރަންކޮއިސް ލެޓެކްސިއާ އަށް އެކަން އަންގައި، ރެއާލްގެ ކުޅުންތެރިން ދަނޑުން ފޭބި އެވެ. އެ ކަމާ ހުރެ 10 މިނިޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ނަސްލީ ގޮތުން ދިމާކުރުމުގެ މައްސަލަތައް ކުރިމަތިވި ވިނީޝިއުސްއާ ދިމާކޮށްލުމުގައި ބެންފީކާ ސަޕޯޓަރުން ވެސް ބައިވެރިވި އެވެ. އެ ގޮތުން، ކޯނަރު ނެގުމަށް ދިއުމާ އެކު އެތައް ފަހަރެއް މަތިން ބެންފީކާ ސަޕޯޓަރުން ވަނީ ދަނޑަށް އެއްޗެހި އުކައިފަ އެވެ.
މި މެޗުގައި ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ތަކުރާރުކޮށް ރެފްރީ ލެޓެކްސިއާގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރިގޮތުން އޭނާ އަށް ދެެ ރީނދޫ ކާޑާ އެކު ރަތެއް ދެއްކި އެވެ.
ރޭގެ މޮޅާ އެކު، ގަދަ 16 ބުރަށް ދިއުމަށް ރެއާލަށް ވަނީ ފުރުސަތު ބޮޑުވެފަ އެވެ. އެއީ، އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން އެއްވަރުކޮށްލައިގެން ވެސް ރެއާލަށް އަނެއް ބުރަށް ދެވޭނެ އެވެ.
ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޕީއެސްޖީން ވަނީ ފަހަތުން އަރައި 3-2 އިން މޮނާކޯ ބަލިކޮށްފަ އެވެ. މި މެޗުގައި މޮނާކޯގެ އަލެކްސަންޑާ ގޮލޯވިން އަށް ދެ ވަނަ ހާފުގައި ރަތެއް ދެއްކިއިިރު، ޕީއެސްޖީ މޮޅުވި ގޯލު ޖެހީ އެ ފަހުންނެވެ. ގަލަސަތަރާއި އިން 5-2 އިން ޔުވެންޓަސް ބަލިކުރިއިރު، އެ ޓީމުން ވެސް މި މެޗުގެ ފަހު 23 އަކަށް މިނިޓް ކުޅުނީ ކަބާލަށް ދެއްކި ރަތަކާ އެކު ކުޅުންތެރިއަކު މަދުކޮށެެވެ. މިއީ، ޗެމްޕިއަންސް ލީގުގައި ގަލަސަތަރާއި އެއް މެޗެއްގައި ފަސް ގޯލު ޖެހި ފުރަތަމަ ފަަހަރެވެ. އަނެއްކޮޅުން، ޗެމްޕިއަންސް ލީގުގެ އެއް މެޗެއްގައި ޔުވެންޓަސް ކޮޅަށް ފަސް ގޯލު ވަން ފުރަތަމަ ފަހަރެވެ.
އިޓަލީގެ އެޓަލަންޓާ އަތުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން މޮޅުވީ 2-0 އިންނެވެ.
Comment