about 11 hours 1
ސާއިފް ޝިޔާދު
އާޓިފިޝަލް ބީޗުގައި ބޭއްވި މެނިފެސްޓޯ ލޯންޗިން ޖަލްސާގައި ޣަފޫރު ވާހަކަ ދައްކަވަނީ. ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި --- ފޮޓޯ: އެމްޑީޕީ
about 11 hours 1
ރާއްޖޭގައި އަގުހެޔޮކޮށް ގެނެސްފައި ހުރި ތެލުގެ ޝިޕްމަންޓުތަކެއް ހުއްޓައި ތެލުގެ އަގުބޮޑުކޮށްގެން ދުވާލެއްގެ މައްޗަށް ރައްޔިތުންގެ އަތުން 3.5 މިލިއަން ރުފިޔާ މުއިއްޒުގެ ސަރުކާރުން ފޭރެމުންދާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްްވި ޖަލްސާއެއްގައި އެމްޑީޕީން ވަނީ އެޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެ ޕާޓީން މާލެ ސިޓީއަށް ހުށަހަޅާ މެނިފެސްޓޯ ލޯންޗުކޮށްފަ އެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާޣެ މެންބަރު ޣަފޫރު ވަނީ ތެލުގެ އަގު ސަރުކާރުން ބޮޑުކުރީ ވަގު ޖަހައިގެން ކަމަށް ވިދާޅުވެފަ އެވެ.
މީގެ ދެ ދުވަސްކުރިން އެސްޓީއޯގައި ހުސް ތާނގީއެއް ހުއްޓަސް ތެޔޮ އަޅާފައި ހުންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި ހަތަރު ބޯޓު ރާއްޖެއަށް ތެޔޮ ހިފައިގެން މިސްރާބު ޖަހާފައިވާ ކަމަށް ވެސް ވިދާޅުވި ކަމަށް ޣަފޫރު ފާހަގަކުރެއްވި އެވެ.
"ރާއްޖެއަށް އަގުބޮޑު ތެޔޮ އަންނާނީ އެޕްރީލް އެއްވަނަ ދުވަހުގެ ފަހުން. ނަމަވެސް [ރައީސް އެހެން ވިދާޅުވިތާ] ދެ ދުވަސް ފަހުން 3.50ރ. ތެޔޮ ލީޓަރަކުން އަގުބޮޑުކޮށްފި. ރާއްޖޭގެ ރައްޔިތުން އެ ދަނީ ދުވާލަކު 3.5 މިލިއަން ރުފިޔާ ހަރަދުކުރަމުން، އަގުބޮޑު ތެލަށް،" ޣަފޫރު ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ ތެލުގެ މައްސަލައާ މެދު އެއްވެސް ކަންބޮޑުވުމެއް އަދި ނެތް ކަމަށް ވިދާޅުވެފަ އެވެ.
"28 ފެބުރުވަރީގައި ވެސް އޮމާނުން ފުރައިފި، އަޅުގަނޑުމެންގެ އިތުރު ޝިޕްމަންޓެއް އިނގޭތޯ. ދެން، އިތުރު ޝިޕްމަންޓެއް ހޯދުމުގެ މަސައްކަތް ރޭގައިވެސް ފަށައިފިން. މި ވަގުތުވެސް އެބަހުރި، ނިއަރލީ މަންތަކަށް ވާވަރަށް ފިއުލް އިނގޭތޯ. ދެން، ރާއްޖޭގައި ސްޓޮކް ކުރެވޭނޭ އެންމެ މެކްސިމަމް އެބަހުރި ސްޓޮކް ކޮށްފައި، މިހާރުވެސް ރާއްޖޭގައި،" މާޗު ދެވަނަ ދުވަހު މުއިއްޒު ވިދާޅުވި އެވެ.
އެހެން ނަމަވެސް މާޗު ފަހެއްގައި އެސްޓީއޯއިން ވަނީ ވަރަށް ބޮޑަށް ތެލުގެ އަގު ކުއްލިއަކަށް ބޮޑުކޮށްފަ އެވެ. އެ ދުވަހު ޕެޓްރޯލް ލީޓަރަކުން 2.51ރ. ބޮޑުކުރިއިރު ޑީސަލް ލީޓަރަކުން 3.62ރ. ބޮޑުކުރި އެވެ.
"ވަގު ޖަހައިގެން ރައްޔިތުންގެ އަތުން ދުވާލެއްގެ މައްޗަށް 3.5 މިލިއަން ރުފިޔާ އެދަނީ ފޭރެމުން. އެއީ މި ސަރުކާރަކީ. މި ސާފު ހިސާބަކުން ފެންނަން އޮތް ވާހަކަ. ވިދާޅުވީ ތާނގީތައް ފުރިފައޭ، އެސްޓީއޯގައި ހުސް ފީފާއެއް ހުއްޓަސް ހުރީ [ތެޔޮ] އަޅާފައޭ،" ޣަފޫރު ވިދާޅުވި އެވެ.
ރައްޔިތުން ލައްވައި އަގުބޮޑު ތެލަށް ސާރުކާރުން ހޭދަކުރުވަމުންދާތީ ޣަފޫރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
އެމެރިކާ-އިރާނު ހަނގުރާމައާ ގުޅިގެން ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާ އެކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ ވަރަށް ބޮޑުވަމުންނެވެ.
Comment