Advertisement

ކޯމޯއާ އެއްވަރުވެ މިލާނަށް ލީގުގެ ރޭހުގައި ވެއްޓުމެއް

19 ފެބުރުވަރީ 2026 - 11:44 0


ކޯމޯއާ އެއްވަރުވެ މިލާނަށް ލީގުގެ ރޭހުގައި ވެއްޓުމެއް

19 ފެބުރުވަރީ 2026 - 11:44 0

މިލާން (ފެބްރުއަރީ 19) - އިޓާލިއަން ލީގުގައި ރޭ ކޯމޯއާ 1-1 އިން އެއްވަރުވެ، ލީގުގެ ރޭހުގަައި ވާދަކުރަމުން އަންނަ އޭސީ މިލާނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެެވެ.

މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އޮތް އިންޓަގެ ލީޑު ވަނީ ހަތް ޕޮއިންޓަށް ކުޑަވެފަ އެވެ. ރޭ މިލާން މޮޅުވި ނަމަ އިންޓަގެ ލީޑު ކުޑަވާނީ ފަސް ޕޮއިންޓަށެވެ. އިންޓަ އިން އެއް ވަނައިގައި އޮތީ 25 މެޗުން 61 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާނުން ވަނީ 25 މެޗުން 54 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 25 މެޗުން 50 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗު މިލާންގެ ދަނޑު ސެން ސީރޯގައި މި މަހު ކުރީކޮޅު ކުޅެން ތާވަލުކުރި ނަމަވެސް ވިންޓަ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތާ ހެދި ޖެހުނީ ފަސްކުރާށެވެ. މި މެޗު، އޮސްޓްރޭލިއާގެ ޕާތުގައި ކުޅެން ވެސް ރޭވި އެވެ. އެކަމަކު، އެކި ސަބަބުތަކާ ހުރެ އެ ގޮތަށް ވެސް ކުރިއަށްނުދިޔަ އެވެ.

ގިނަ އަހަރުތަކަކަށް ފަހު، އިޓަލީގެ ފުރަތަމަ ޑިވިޝަނަށް އައިސް ކޯމޯ އިން މި ފަހަރު ސެސްކް ފަބްރެގަސްގެ ކޯޗުކަމުގައި ކުޅެމުން އަންނައިރު، ރޭ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ކޯމޯގެ ލަނޑު ޖެހީ ހުނަރުވެރި ޒުވާން ތަރި، ނިކޯ ޕަޒް އެވެ.

ދެ ވަނަ ހާފުގައި މިލާނުން ކުރިއަށް ޖެހި ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ރަފައެލް ލެއާއޯ އެވެ. މިލާނުން 1985 ގެ ފަހުން ފުރަތަމަ ފަހަރަށް ކޯމޯ އަތުން ބަލިނުވެ ސަމާލަތްވި ކަމުގައި ވިއިިރު، މޮޅުވެވޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އަނެއްކޮޅުން، މިލާނުގެ ކޯޗު މަސިމޯ އަލެގްރީ އަށް ވަނީ މެޗުގެ 80 ވަނަ މިނިޓްގައި ރަތެއް ދައްކައި ދަނޑުން ފޮނުވާލަައިފަ އެވެ.

ކޯމޯ، މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 25 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.