15 ފެބުރުވަރީ 2026 - 11:12 0
15 ފެބުރުވަރީ 2026 - 11:12 0
މިލާން (ފެބްރުއަރީ 15) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ގޯލާ އެކު، 3-2 އިން ޔުވެންޓަސް ބަލިކޮށް އިންޓަ މިލާނުން ލީގުގެ އެއް ވަަނައިގައި އަށް ޕޮއިންޓުގެ ބޮޑު ލީޑު ދަމަހައްޓައިފި އެވެ.
އިންޓަ އަށް 25 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 24 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް 24 މެޗުން ލިބިފައި އޮތީ 49 ޕޮއިންޓެވެ.
އިންޓަ އިން ރޭ މެޗުގައި ލީޑުނެގީ ޔުވެންޓަސްގެ އަންދްރޭ ކަމްބިއާސޯ އަތުން 17 ވަނަ މިނިޓްގައި ބައިކޮޅަށް ވަން ގޯލުންނެވެ. އެކަމަކު، އޭގެ ނުވަ މިނިޓް ފަހުން، ވެސްޓަން މެކްކެނީ ދިން ބޯޅައަކުން ކަމްބިއާސޯ ވަނީ ލަނޑެއް ޖަހައި ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ.
ޔުވެންޓަސް އަށް މި މެޗުގައި މައްސަލަ ދިމާވީ ފުރަތަމަ ހާފުގެ ފަހުކޮޅު، ދިހަ މިނިޓް ތެރޭ ދެ ރިނދޫ ކާޑާ އެކު ރަތް ކާޑެއް ހޯދި، ޕިއޭރޭ ކަލޫލޫ އަށް ރަތެއް ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުމުންނެވެ.
ރަނގަޅަށް ޑިފެންސްކުރެވޭތޯ މަސައްކަތް ކުރަމުންދިޔަ ޔުވެންޓަސް ކޮޅަށް އިންޓަ އިން ދެ ވަނަ ލަނޑު ޖެހީ 76 ވަނަ މިނިޓްގަ އެވެ. މިއީ، ފެޑެރީކޯ ޑިމާކޯ ދިން ބޯޅައަކުން ޕިއޯ އެސްޕޮސީޓޯ ޖެހި ގޯލެކެވެ. އިންޓަ އިން ލީޑުނެގިތާ މާގިނައިރެއްނުވެ، ޔުވެންޓަސް އިން ދެ ވަަަނަ ފަހަރަށް އެއްވަަރުކުރި އެވެ. މި ފަހަރު މެކްކެނީ ދިން ބޯޅައެއް ގޯލަށް ވައްދާލީ މެނުއަލް ލޮކަޓެލީ އެވެ.
އެެއްވަރުވެގެން މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޒިއެލިންސްކީ ވަނީ ގޯލެއް ޖަހައި އިންޓަ އަށް މުހިންމު ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.
Comment