މިލާން (މާޗް 9) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ވާދަވެރި އިންޓަ މިލާން 1-0 އިން ބަލިކޮށް، އޭސީ މިލާނުން ލީގުގެ ރޭހުގައި އުންމީދެއް ހޯދައިފި އެވެ.
އިންޓަ އަށް ރޭގެ މެޗުން މިލާންގެ މައްޗަށް ކުރިހޯދައިގެން ލީގުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ރޭ މިލާނުން މި ހޯދި މޮޅާ އެކު، އެ ޓީމުން މި ވަނީ ލީގުގެ އެއް ވަނައިގައި އޮތް އިންޓައާ ދެމެދުގައި އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް އިންޓަ އަށް 28 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މިލާނަށް 28 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނަޕޯލީގެ 28 މެޗުން 56 ޕޮއިންޓް އޮތްއިރު، ހަތަރު ވަނައިގައި އޮތް ކޯމޯ އާއި ފަސް ވަނައިގައި އޮތް ރޯމާ އަށް ވަނީ 28 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަ ވަނައިގައި އޮތް ޔުވެންޓަސްގެ އޮތީ 28 މެޗުން 50 ޕޮއިންޓެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 35 ވަނަ މިނިޓްގައި ކާމިޔާބުކުރީ މިލާންގެ ފުލްބެކް، ޕާވިސް އެސްޓޫޕީނިއަން އެވެ. މިއީ، ޔޫސުފް ފޮފާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެސްޓޫޕީނިއާން ކާމިޔާބުކުރި ގޯލެކެވެ. މިލާނުން ލީޑުނެގުމުގެ ކުރިން، އިންޓަ އަށް ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތުގެ ބޭނުން އެ ޓީމުގެ އާރްމީނިއާ މިޑްފީލްޑަރު، ހެންރިކް މިކިތާރްޔަން އަށް ނުހިފުނެވެ.
ދެ ވަނަ ހާފުގައި މިލާނަށް ލީޑުފުޅާކުރަން ފޮފާނާ ފޮނުވާލި ހަމަލާ ކާމިޔާބު ނުވިއިރު، އިންޓަގެ ފެޑެރީކޯ ޑިމާކޯ އަށް ލިބުނު ފުރުސަތުގެ ބޭނުން ވެސް ނުހިފުނެވެ.
އިންޓަ އިން ބަލިވެފައި މި ވަނީ ޖެހިޖެހިގެން އަށް މެޗުން މޮޅުވެފައި ވަނިކޮށެެވެ. އިންޓަ، އެންމެ ފަހުން ބަލިވީ ވެސް މިލާން އަތުންނެވެ. އެއީ، ލީގުގައި މިދިޔަ ނޮވެމްބަރު މަހު އެވެ.
Comment