Advertisement

ޗެސް އެސޯސިއޭޝަނާ ގުޅޭ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބަލަނީ

19 ފެބުރުވަރީ 2026 - 10:43 0

މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ނޫހު: އޭނާގެ މައްޗަށް ހިޔާނާތުގެ ބޮޑު ތުހުމަތުތަކެއް ކުރެވޭ،---- ފޮޓޯ: އަދަދު ސްޕޯޓްސް


ޗެސް އެސޯސިއޭޝަނާ ގުޅޭ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބަލަނީ

19 ފެބުރުވަރީ 2026 - 10:43 0

މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ)ގެ ރައީސް، ނޫހު އަލީއާ ގުޅޭ މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ތިލަވެ، އެ ކަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބަލަމުން އަންނަ ކަމަށް ވިދާޅުވެއްޖެ އެވެ.

ޗެސް އެސޯސިއޭޝަނުން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކަންތައްތައް ކުރިއަށްނުދާތީވެ، ޗެސްގެ ކްލަބްތަކުގެ ކަންބޮޑުވުންތައް އިންތިހާ އަށް ބޮޑުވެ، އެކަން ފާޅުކުރަމުންދިޔަ ނަމަވެސް ޗެސް އެސޯސިއޭޝަނުން އެ އަށް އެކަށީގެންވާ އެއްބާރުލުމެއް ފުރަތަމަ ނުދިނެވެ. އެކަމަކު، ފަހުން، އެސޯސިއޭޝަނުން ޖެހުނީ، ކްލަބްތަކުގެ އެދުނު ގޮތަށް، ޗެސް އެސޯސިއޭޝަންގެ ބޭންކް ސްޓޭޓްމަންޓް ދީފަ އެވެ.

އެ ގޮތުން، ޗެސްގެ މައުލޫމާތުތައް އިންޓަނެޓްގައި ޝާއިއުކުރާ ވެބްސައިޓް، މޯލްޑިވްސްޗެސްއޯއާރްޖީގައި ޕޯސްޓްކޮށްފައިވާ ޗެސްގެ މާލީ ކަންބޮޑުވުންތަކުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު، އެސޯސިއޭޝަންގެ ރައީސް ނޫހު ވަނީ، ގަވަރަންނަންސްގެ އުސޫލުތަކާ ހިލާފަށް އެސޯސިއޭޝަންގެ ފައިސާ ބޭނުކޮށްފަ އެވެ.

އެ ގޮތުން، ޗެސް އެސޯސިއޭޝަނުގެ ބެންކް ސްޓޭޓްމަންޓް އިން ދައްކާ ގޮތުގައި، 2025 އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް، ސްޕޯޓްސް މިނިސްޓްރީން، ޗެސް އެސޯސިއޭޝަނަށް، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، 1,528,001 ރުފިޔާ ޖަމާކޮށްދީފައިވެ އެވެ. މި ފައިސާ ޖަމާކޮޮށްދީފައިވަނީ، ނުވަ ޓްރާންސެކްޝަނެއް މެދުވެރިކޮށެވެ.

ޗެސް އެސޯސިއޭޝަން ހިންގުމަށް ދައުލަތުން ލިބުނު މި 1.5 މިލިއަން ރުފިޔާގެ ތެރެއިން، އެސޯސިއޭޝަންގެ ރައީސް ނޫހުގެ އަމިއްލަފުޅު އެކައުންޓާއި އާއިލީ ގޮތުން ގުޅޭ މެމްބަރުންގެ އެކައުންޓުތަކަށް ޖުމްލަ އެކު، 1.46 ރުފިޔާ (މީގެ ތެރެއިން ނޫހުގެ އަމިއްލަ އެކައުންޓަށް 44 ޓްރާންސެކްޝަން މެދުވެރިކޮށް 1.3 މިލިއަން ރުފިޔާ)، ފޮނުވާފައިވާކަން ސްޓޭޓްމަންޓުން ފެނެ އެވެ.

ނޫހު އާއި އޭނާގެ އާއިލާ އަށް ފޮނުވާފައިވާ މި ފައިސާ އަކީ، ސަރުކާރުން އެސޯސިއޭޝަނަށް ލިބުނު ފައިސާގެ ތެރެއިން 96 ޕަސެންޓް ފައިސާ އެވެ.

ނޫހު އާއި އާއިލާ އަށް ފޮނުވި މި ފައިސާގެ ތެރެއިން، ޗެސް އެސޯސިއޭޝަންގެ އެކައުންޓަށް އަނބުރާ، ނޫހު އާއި އާއިލާގެ އެކި މެމްބަރުންގެ ފަރާތުން 227،680 ރުފިޔާ ލިބިފައިވެ އެވެ. އެއީ، އެކައުންޓުން ބޭރުވި ފައިސާގެ އަދަދަށް ބަލާއިރު މަދު އިންސައްތަ އެކެވެ. ބާކީ ފައިސާ އަށް ވީ ގޮތުގެ މައުލޫމާތު ލިބޭނެ ވަރަށް ލިޔެކިޔުންތައް ނެތުމާ އެކު، މިއީ ސީރިއަސް ބޮޑު މައްސަލައެއް ކަމަށް ޗެސް އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން ތުހުމަތު ކުރެ އެވެ.


ތުހުމަތުތަކަށް ނޫހު ކުރައްވަނީ އިންކާރު، "ހިޔާނާތްތެރިއެއް ނުވަން"

މިއީ ޗެސް އެސޯސިއޭޝަންގެ ލީޑަޝިޕާ ނޫހު ހަވާލުވެވަޑައިގަތް ދެ ވަނަ ފަހަރެވެ. ދެ ވަަނަ ފަހަރަށް އިންތިހާބުވީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

ނޫހު މީޑިއާ އަށް ވިދާޅުވީ ހިޔާނާތްތެރިވި ކަމަށް ބުނެ، އޭނާގެ މައްޗަށް އެ ކުރެވެނީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށާއި އަމިއްލަ އެކައުންޓަށް ފައިސާ އެ ގޮތަށް ވަދެފައި ހުރި ކަމުގައި ވިޔަސް، އެއީ އެސޯސިއޭޝަނުގެ ބޭނުމަށްޓަކައި ކޮށްފައިވާނެ ކަންކަން ކަމަށެވެ.

އަދި، އޭނާ އާއި އާއިލާ މެމްބަރުންގެ އެކައުންޓަށް ގިނަ ޓްރާންސެކްޝަންތަކެއް މެދުވެރިކޮށް ފައިސާ ފޮނުވާފައިވަނީ، ބައިނަލްއަގުވާމީ މުބާރާތްތަކުގެ ދަތުރުތަކަށާއި އެސޯސިއޭޝަންގެ އިދާރީ ބޭނުމަށާއި ޗެސް އެތުލީޓުންގެ ބެލެނިވެރިން އެދިގެން ބޭރު ފައިސާ ގަންނަން ބޭނުންކުރި ފައިސާ ކަމަށެވެ. އަދި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ދާއިރު، ރާއްޖޭގައި ޑޮލަރު ލިބުމަށް ހުރި ދަތިތަކުގެ ސަބަބުން އެސޯސިއޭޝަނުން ގަންނަނީ ޔޫރޯ ކަމަށް ވެސް ނޫހު ވަނީ ވިދާޅުވެފަ އެވެ.

މިއީ، ރާއްޖޭގެ އެހެން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް އަމަލުކުރާ ގޮތެއް ކަމަށް ނޫހު ވިދާޅުވި ނަމަވެސް، އެހެން އެސޯސިއޭޝަންތަކުން އެކަން ކުރަނީ އެ ގޮތަށް ނޫންކަމަށް "އަދަދު ސްޕޯޓްސް" އިން ހޯދި މައުލޫމާތުން އެނގިފައިވެ އެވެ. އަދި، އެހެން އެސޯސިއޭޝަންތަކުގެ މާލީ މުއާމަލާތު ކުރުމުގައި، އެސޯސިއޭޝަންގެ ރައީސް އާއި އާއިލާ މެމްބަރުންގެ އަމިއްލަ އެކައުންޓަށް ފައިސާ ފޮނުވައިގެން ހަރަދުކުރުމުގެ ބަދަލުގައި، ގަވަރްނަންސްގެ އުސޫލުގެ ތެރެއިން، ލިޔެކިޔުންތަކާއި ވައުޗަރުތައް ބެލެހެއްޓޭނެ ނިޒާމެއްގެ ތެެރެއިން، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއާ ވެސް މަޝްވަރާކޮށްގެން ކުރާ ކަމަށް ގިނަ އެސޯސިއޭޝަންތަކުން ވަނީ ބުނެފަ އެވެ.

ނޫހު، ދެން، ވިދާޅުވީ، ޗެސް އެސޯސިއޭޝަނުން ކްލަބްތަކަށް އެސޯސިއޭޝަންގެ ބޭންކް ސްޓޭޓްމަންޓް ދިނުމަކީ ވެސް އުސޫލުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި، އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި، ދެކެވޭ ވާހަކަތައް ބޭރުތެރޭގައި ދައްކާތީ އެކަމާ ވެސް ނޫހު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.


ޗެސް އެސޯސިއޭޝަނުން ނޫހު އަށް ފިޔަވަޅު އަޅައިފި، ސްޕޯޓްސް ކޮމިޝަނަރު މައްސަލަ ބަލަނީ

ތުހުމަތުތަކާ ގުޅިގެން ޗެސް އެސޯސިއޭޝަންގެ އިދާރީ ކަންކަމުން ނޫހު ވަނީ އެކަހެރިކޮށްފަ އެވެ. ޗެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ނިންމުމަކުން އެޅި މި ފިޔަވަޅާ ގުޅިގެން ވެސް ނޫހުގެ ހިތްހަމަނުޖެހުންތަކެއް ހުރިއިރު، އޭނާ ވިދާޅުވީ، އެއީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެކަމަކު، ހިންގާ ކޮމިޓީން މި ފިޔަވަޅު އެޅީ ގަވާއިދުގެ ތެރެއިން ކަމަށް ބުނެ އެވެ.

ޗެސް އެސޯސިއޭޝަނުގައި މިހާރު ކުރިމަތިވެފައި އޮތް ހާލަތާ ގުޅިގެން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަށް ދެއްވި ޖަވާބުގައި، ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވީ، ޗެސް އެސޯސިއޭޝަނާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި، މި މައްސަލަ ބެލުމުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، މިކަމާ ގުޅުންހުރި ހުރިހާ މައުލޫމާތެއް ކޮމިޝަނާ އޮފް ސްޕޯޓްސް އޮފީހަށް ފޮނުވުމަށް ޗެސް އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ، ކުރެވެނީ ސީރިއަސް ތުހުމަތުތަކެއް ކަމަށްވާތީވެ، މި މައްސަލައިގައި ސީދާ އެއްޗެއް ބުނެވޭނީ، ކަމުގެ ފުރިހަމަ މައުލޫމާތު އެެއްކޮށް ބަލައިގެން ކަމަށެވެ. އަދި، މުހިންމު ކަމެއްގެ ގޮތުގައި ޗެސް އެސޯސިއޭޝަންގެ އޮޑިޓެއް ކުރުމަކީ މި ކަމުގައި ކުރިއަށްދިއުމަށްޓަކައި ބަލާއިރު މުހިންމު ފިޔަވަޅެއް ކަމަށް ތޮލާލް ދެކިލައްވަ އެވެ.