Advertisement

ގައުމީ ޗެސް މުބާރާތް: ޗެމްޕިއަންކަން ނިހާޔާ އާއި ޝުއާއު އަށް

9 ޖޫން 2024 - 15:52 0


ގައުމީ ޗެސް މުބާރާތް: ޗެމްޕިއަންކަން ނިހާޔާ އާއި ޝުއާއު އަށް

9 ޖޫން 2024 - 15:52 0

މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިންތިޒާމުކޮށް ބޭއްވި, 10 ވަނަ ގައުމީ ޗެސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ނިހާޔާ އަހުމަދު ހޯދިއިރު, ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މުހައްމަދު ޝުއާއު ހޯދައިފި އެވެ.

މިއީ މިހާތަނަށް ބޭއްވުނު އެންމެ ތަރުހީބު ބޮޑު ގަައުމީ ޗެސް މުބާރާތެވެ. މި އަހަރުގެ ގައުމީ ޗެސް މުބާރާތުގައި ދެ ކެޓަގަރީން 111 ކުޅުންތެރިން ބައިވެރިވި އެވެ. އެއީ އަންހެން ކެޓަގަރީގައި 33 ކުޅުންތެރިން އަދި އޯޕަން ބައިގައި 78 ކުޅުންތެރިންނެވެ.

ގައުމީ ޗެސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ގޮތުން، އެ ރަސްމިއްޔާތުގައި ވާހަަކަ ދައްކަވަމުން، ރާފިއު ވިދާޅުވީ، ސްކޫލު ދައުރުން ފެށިގެން ކުޅިވަރުގައި ޝާމިލްވެ އުޅެވޭނެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޅިވަރު ކުރިއެރުވުމަށް ދިގު މުއްދަތުގެ ޕްލޭންގެ ދަށުން ސްކޫލް ދައުރުން ފެށިގެން ކުޅިވަރުގެ ތެރޭގައި ކުދިންނަށް ޝާމިލްވެވޭނެ ގޮތްތައް ހޯދުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަން ވެސް ރާފިއުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"ސްކޫލުގައި ކުޑައިރު, ޑިވެލޮޕްމަންޓްގެ ކަންކަން ވަކި އޭޖު ކެޓަގަރީތަކަށް ބަހާލައިގެން އުމުރުފުރާއާ ގުޅޭނެހެން ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާވާހަކަ އަޅުގަނޑު ދަންނަވާލަން" ރާފިއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ, އެހެން ގައުމީ ޓީމުތަކުގެ ކުޅުންތެރިން ތަމްރީނުތަކަށް ރާއްޖެއިން ބޭރަށް ދާ ގޮތައް ޗެސް ކުޅުންތެރިންނަށް ވެސް އެ ފުރުސަތު ހޯދައިދޭން މިނިސްޓްރީން އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެސޯސިއޭޝަނާ ގުޅިގެން އެ ފުރުސަތު ހޯދައިދޭނެ ކަމަށް ރާފިއު ވިދާޅުވި އެވެ.