Advertisement

ގޮންޖެހުންތައް ގިނަ ވިޔަސް ތައްޔާރީތައް ފުރިހަމަވާނެ: ޝިޔާން

15 ޖޫން 2022 - 10:58 0

ޗެސް އެސޯސިއޭޝަންގެ ރައީސް ޝިޔާން ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގޮންޖެހުންތައް ގިނަ ވިޔަސް ތައްޔާރީތައް ފުރިހަމަވާނެ: ޝިޔާން

15 ޖޫން 2022 - 10:58 0

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަގްވާމީ ޗެސް މުބާރާތެއް ބާއްވަން މަސައްކަތްކުރަމުން އަންނައިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުޅިވަރަކަށް ޚާއްސަކުރެވިފައިވާ ރަނގަޅު ވަސީލަތްތައް ނެތުން ކަމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން ވިދާޅުވެއްޖެ އެވެ.

މާދަމާ އިން ފެށިގެން 23 އަށް އއ. އުކުޅަހުގެ ކޮންވެންޝަނަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގައި އޭޝިއާ ސަރަހައްދުގެ ނުވަ ގައުމަކުން 180 ކުދިން ބައިވެރިވާނެ އެވެ.

ސެންޓްރަލް އޭޝިއާ އާއި ދެކުނު އޭޝިއާގެ ކަޒަކިސްތާން، ކިރިގިސްތާން، އުޒްބަކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އިން މި މުބާރާތުގައި ވާދަ ކުރާނެ އެވެ.

މި މުބާރާތާއި ގުޅޭގޮތުން ޗެސް އެސޯސިއޭޝަންގެ ރައީސް ޝިޔާން ވިދާޅުވީ ރާއްޖޭގައި މިވަރުގެ މުބާރާތެއް ބާއްވަން ބަލާއިރު، ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ އެކަށިގެންވާ ވަސީލަތްތައް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ކުޅިވަރުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުޅިވަރަކަށް ހާއްސަ ސްޓޭޑިއަމްތައް ނުވަތަ އިންޑޯ ހޯލްތައް ނެތުމެވެ. އެހެންކަމުން ވަކިން ޚާއްސަކޮށް އިންޑޯ ކުޅިވަރުތަކުން ބާއްވާ ބޮޑެތި މުބާރާތްތައް ބާއްވަނީ އެކި އެކި ބޮޑެތި ހޯލްތައް ކުއްޔަށް ނަގައިގެންނެވެ. އެންމެ ފަހުން ޓީޓީ ބައިނަލްއަގުވާމީ ޖޫނިއާ މުބާރާތް ބޭއްވީ ޔޫތު ސެންޓަރު އިންޑޯ ހޯލުގަ އެވެ.

ޝިޔާން ވިދާޅުވީ މުބާރާތް ބާއްވާ އުކުޅަސް ކޮންވެންޝަނަލް ސެންޓަރުގައި މުބާރާތް ބޭއްވުމަށް ބޭނުންވާ ގިނަ ކަންކަން އެބަހުރި ކަަމަށެވެ. ނަމަވެސް ޗެސް އަށް ބޭނުންވާ ގޮތަށް އެތަން ތައްޔާރު ކުރަން އިތުރު މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.

"ކޮންމެ ކުޅިވަރަކީ ވެސް ވަކި ގޮތަކަށް އެ ކުޅިވަރަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ވަސީލަތްތައް ބޭނުންވާ ކުޅިވަރެއް. މިސާލަކަށް ޓެކްނިކަލް އިކުއިޕްމަންޓް އެ ތަންތަނަށް ގެންގޮސް ބޭނުންވާ ގޮތަށް ހަރުކޮށް ކަންކަން ވެސް ކުރަންޖެހޭނެ. އެ ކަންތައްތައް ކުރުމަކީ ވެސް ވަރަށް ޗެލެންޖިން ކަމެއް،" ޝިޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޯކަލް މުބާރާތްތަކާ ޚިލާފަށް ބައިނަލްއަގްވާމީ މުބާރާތެއް ބާއްވަން ގިނަ ކަންކަން ފުރިހަމަވާން ޖެހޭކަމަށާއި، އެކޮމޮޑޭޝަނުން ފެށިގެން ގޮސް އަންނަ މެހުމާނުންގެ ދަތުރުފަތުރުގެ ކަންކަން ވެސް ހަމަޖައްސަންޖެހޭ ކަމަށެވެ.

"ކޮންވެންޝަން ސެންޓަރުގައި ޑިޕާޓްމަންޓްތައް ހަމަ. އެކޮމޮޑޭޝަން، ގެންގުޅުން، މެޑިކަލް. މިކަހަލަ ބައިވަރު ޗެލެންޖަސް އެބަހުރި. ދެން ބޭނުންވާ މި ކަންކަމަށް މަޝްވަރާ ކުރެވި މިނިސްޓްރީގެ އެހީތެރިކަމާއިއެކު ގިނަ ކަންކަމަށްވަނީ ހައްލު ލިބިފައި" ޝިޔާން ވިދާޅުވި އެވެ.

ޝިޔާން ވިދާޅުވީ މި މުބާރާތުގައި ވާދަކުރާ 180 ކުޅުންތެރިންނާއިއެކު އެ ކުޅުންތެރިންގެ ބެލެނިވެރިންވެސް އަންނާނެކަމަށާއި، ގާތްގަނޑަކަށް ޖުމްލަ މެހުމާނުންގެ އަދަދު 300 އަށް އަރާނެކަަމަށެވެ. އެހެންކަމުން މިހާ ގިނަ މީހުންގެ ދަތުރުފަތުރާއި، އެކި އެކި ކަންކަން ހަމަޖެއްސުމަށް އެ ރަށުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށް ޝިޔާން ވިދާޅުވި އެވެ.

ޗެސް ކަހަލަ ކުޅިވަރެއްގައި ޓެކްނިކަލް ގިނަ ކަންކަން ހިމެނޭއިރު ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު އެ އެސޯސިއޭޝަނާއިއެކު ބައިވެރިވާތީ އެކަންވެސް ޝިޔާން ވަނީ ފާހަގަކޮށްފަ އެވެ.

ވެސްޓާން އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން 35 ކުޅުންތެރިން ވާދަކުރާނެ އެވެ. ފަސް އުމުރުފުރާއަކުން ދިވެހި ކުޅުންތެރިން ވާދަކުރާއިރު، މިއީ މިހާތަނަށް ބައިނަލްއަގްވާމީ ޗެސް މުބާރާތެއްގައި ވާދަކުރާ ދިވެހިރާއްޖޭގެ ރާއްޖޭގެ އެންމެ ބޮޑު ޓީމެވެ.