Advertisement

ރަމަޟާން މަހު އިސްލާހީ ބަދަލު ފަށަންވީ އަމިއްލަ ނަފުސުން: މުއިއްޒު

18 ފެބުރުވަރީ 2026 - 08:09 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް


ރަމަޟާން މަހު އިސްލާހީ ބަދަލު ފަށަންވީ އަމިއްލަ ނަފުސުން: މުއިއްޒު

18 ފެބުރުވަރީ 2026 - 08:09 2

މި ރަމަޟާން މަސް ބައްދަލުކުރުމުގެ މުނާސަބަތުގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، މުޖުތަމައަށް ގެންނަން ބޭނުންވާ ކޮންމެ ހެޔޮ ބަދަލެއްގެ ފެށުމަކީ އަމިއްލަ ނަފުސު ކަމުގައި ކަނޑައެޅުމަށް އިލްތިމާސް ކުރައްވައިފި އެވެ.

މުއިއްޒުގެ ހިތާބުގައި ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް ފޮނުއްވަމުން ވިދާޅުވީ، ރޯދަ ފަރުޟުކުރެއްވުމުގެ އަސްލު މަގުސަދަކީ ތަގުވާވެރިވުން ކަމަށާއު މި މަހަކީ ކުށްފާފަތަކުން ދުރުހެލިވެ، ތެދުމަގުގައި ސާބިތުވުމަށް ލިބޭ "ހެޔޮކަމުގެ މޫސުމެއް" ކަމަށެވެ.

އިޖުތިމާއީ އިލްމުވެރިންގެ ބަސްފުޅުތަކަށް އަލިއަޅުއްވާލައްވަމުން މުއިއްޒު ވިދާޅުވީ، އާއިލާއަކަށް، މުޖުތަމައަކަށް ނުވަތަ ގައުމަކަށް ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެންމެ ފުރަތަމަ އެ ބަދަލުގެ އަމަލީ ނަމޫނާއަކަށް ވާންޖެހޭނެ ކަމަށެވެ.

"އޭރުން ތިމާގެ ކިބައިން ފެށުނު ފެށުން އާއިލާއަށް، މުޖުތަމައަށް އަދި މުޅި ގައުމަށް ފޯރައެވެ،" މުއިއްޒު ވިދާޅުވި އެވެ.

މި ބަރަކާތްތެރި މަސް ބައްދަލުކުރިއިރު މުޖުތަމައުން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަމުގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވީ ދީނީކަންކަމާއި، އާދަކާދައިގެ ކަންކަން އަދި އުސޫލާއި ޤާނޫނާއި ގަވާއިދަށް ބޯލެނބުމެވެ.

"ފަސްވަގުތު ނަމާދުކުރާ މުޖުތަމަޢެއް އަޅުގަނޑުމެން ބޭނުމެވެ. ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިހުތިރާމުކުރާ މުޖުތަމައެއް އަޅުގަނޑުމެން ބޭނުންވެއެވެ. މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ސިއްހީ ގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ މުޖުތަމައެއް އަޅުގަނޑުމެން ބޭނުންވެއެވެ. ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް އަޅުގަނޑުމެން ދެކެން ބޭނުން،" މުއިއްޒު ވިދާޅުވި އެވެ.

ރަމަޟާން މަހަކީ އަހުލާގީ އެންމެ މަތިވެރި ފިލާވަޅުތައް އުނގަންނައިދޭ "މުރުޝިދެއް" ކަމަށް ރައީސް ވިދާޅުވިއެވެ. އަޅުކަންތައްތަކުން ވަގުތަށް ކަމޭހިތުމާއި، ޒިކުރުތަކުން ހިތާއި ރޫޙު ހެޔޮކަންކަމުގައި ހޭދަކުރަން ދަސްކޮށްދޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރޯދަ ވީއްލުމާއި ހާރުދަން ފަދަ އިޖުތިމާއީބައްދަލުވުންތަކަކީ އާއިލީ ކުލުނާއި ލޯބި އަށަގަންނުވައިދޭ މުހިންމު ވަސީލަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިތާބު ނިންމަވާލައްވަމުން ރައީސް ވަނީ، މި އަހަރުގެ ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި އަމިއްލަ ނަފުސު އެ ބަދަލާ އެއްގޮތަށް، ދީނީ އަދި ގައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.