Advertisement

ދެއްވަދޫން ބޮޑު ފައިނަލަކަށް: ބަރޯސާ ވަަނީ ޓީމުގެ ކޮންފިޑެންސަށް

14 ފެބުރުވަރީ 2026 - 10:06 0


ދެއްވަދޫން ބޮޑު ފައިނަލަކަށް: ބަރޯސާ ވަަނީ ޓީމުގެ ކޮންފިޑެންސަށް

14 ފެބުރުވަރީ 2026 - 10:06 0

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި މި ފަަހަރު، ގއ. ދެއްވަދޫން ފެށިއިރު، އެ ޓީމުގެ ސްކޮޑު އޮތީ ނިސްބަތަށް ބަލާއިރު ވަރަށް ދަށްކޮށެެވެ. ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމާ އެކު ހުރުމާ އެކު، އަތޮޅު ބުރުުގައި ކުޑަ ސްކޮޑެއް ގޮވައިގެން ވެސް ޓީމު ކުރިއަށް ގެންގޮސްދިނެވެ. ޖުމްލަ އެކު، 119 ޓީމެއް ވާދަކުރި މުބާރާތުގެ ފައިނަލުން ދެއްވަދޫން ޖާގަ ހޯދިއިރު، އެ ޓީމުގެ ކޯޗެއްގެ ޒިންމާ ނަގައިގެން ހުރި ހުސެއިން ނިޝާން ބުނީ، އަބަދުވެސް ވިސްނީ ޓީމުގެ ކޮންފިޑެންސް ރަނގަޅުކުރުމަށް ކަމަށެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ދެއްވަދޫން މިރޭ ކުޅޭނީ ހދ. އަތޮޅުގެ ޗެމްޕިއަން، އަދި މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރަނަރަޕް، ނައިވާދޫއާ އެވެ.

"ފައިނަލަށް ދެން ޓީމެއްގެ މެކްސިމަމް ދެވޭތޯ މަސައްކަތް ކުރާނީ، ދެން، އެ ގޮތަށް، މި ޓީމަކީ، އަސްލު، ދެއްވަދޫ އަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ހަމަ އެންމެން، އަހަންނަކީ މި ވަގުތު މި ތާގައި، ދެން ކޯޗެއްގެ ގޮތުގައި ހުރި މީހާ، ދެން، އަނެއްހެން މުޅި ޓީމު މީގަ މި އުޅެނީ، މުޅި ޓީމެއްގެ ގޮތުގައި ހޯދި ކާމިޔާބެއް މިއީ،" ނިޝާން ބުންޏެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި)ގެ އިތުރުން، ހުޒައިފަތު ރަޝީދު (ހުޒޭ)، އަލީ ހައިޝަމް (ޗުމްޕު) އަދި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، ނުލައި އަތޮޅު ބުރު ފަހަނައަޅައި ދެއްވަދޫން ކުރިއަށްދިޔަ އެވެ. އަދި، ޒޯން ބުރުގައި އެ ކުޅުންތެރިންނާ އެކު ދެއްވަދޫން ތަފާތު ފެންނަން ފެށި އެވެ. ނިޝާން ބުނީ، ޓީމު އެކުލަވާލުމުގައި، ގައުމީ ޓީމުގެ ކުޅުންތެރިންގެ ރޯލު އަބަދުވެސް މުހިންމު ކަމަށެވެ.

"ނެޝަނަލް ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ބަލައިގެން ޓީމު ތައްޔާރުކުރީ. އެހެންވީމަ، މި ބެލީ ވީހާވެސް އީޒީ ވޭ އެއްގައި ދަތުރުކުރެވޭތޯ މި ހިސާބަށް، އެ ގޮތަށް މި ދަތުރުކުރީ މި ހިސާބަށް ކާމިޔާބުކޮށް،" އޭނާ ބުންޏެވެ.

ދެއްވަދޫ އަކީ ފުޓްބޯޅައިގައި ކާމިޔާބު މާޒީއެއް އޮތް ރަށެއް ކަން ފާހަގަކޮށް، ނިޝާން ބުނީ، އަމާޒަކީ ފުޓްބޯޅައިން ނުލިބޭ ފަދަ ކާމިޔާބެއް ފުޓްސަލް އިން ހޯދުން ކަމަށެވެ.

"މާދަމާރޭ ފައިނަލް (މިރޭގެ ފައިނަލް) އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ. އެެ ގޮތުގައި ނުކުންނާނީ މި ތަށި ހޯދުމަކީ، ދެއްވަދޫގެ ފުޓްބޯޅަ ކާމިޔާބުގައި ލިބޭނެ އެންމެ ކާމިޔާބީ، އެއީ ފުޓްސަލް މުބާރާތެއްގައި ދެން، އެކަމަކު ވެސް، ވަރަށް ބޮޑު މުބާރާތެއް، ހާއްސަކޮށް 119 ޓީމު ބައިވެރިވާ މުބާރާތެއްގައި ވަރަށް ބޮޑު ކާމިޔާބެއް،" ނިޝާން ބުންޏެވެ.

"ދެން، އަޅުގަނޑުމެން ހުރިހާ މެޗެއްގައި ވެސް ނުކުތީ ކޮންފިޑެންސްގައި މާދަމާރޭ (މިރޭ) ވެސް އިރާދަކުރެއްވިއްޔާ، ހަމަ ކާމިޔާބު ޔަގީންކޮށްގެން ކުރިމަތިލާނީ، އެއީ އަޅުގަނޑުމެން ހުރިހާ މެޗެއްގައި ވެސް އެ ގޮތަށް ވިސްނީ،"

ދެއްވަދޫން ނޮކައުޓް ބުރުގައި ވަނީ، ވ. އަތޮޅުގެ ޗެމްޕިއަން ކެޔޮދޫ، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި، ތ. ތިމަރަފުށި އަދި، ޒޯން އަށެއްގެ ޗެމްޕިއަން، ވިލިމާލެ އަތުން މޮޅުވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތުގެ ފައިނަލް ފަށާނީ މިރޭ 20:30 ގަ އެވެ.