17 ފެބުރުވަރީ 2026 - 10:40 0
ނިއު ރޭޑިއަންޓްގެ ކޯޗު އަލީ ސުޒޭން.---- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
17 ފެބުރުވަރީ 2026 - 10:40 0
ކަޕް މުބާރާތެއްގައި އޮންނާނެ އުސޫލަކީ ކޮންމެ ޓީމަކާ ޖެހުނަސް މޮޅުވާން ޖެހޭނެ ކަމަށާއި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރާނަމަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވެސް ބަލިކުރަން ޖެހޭނެ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ނިއު އިން ޕްރެޒިޑެންޓްސް ކަޕް ފުރަތަމަ މެޗުގައި، 1-1 އިން އޮޑި ސްޕޯޓްސް ކްލަބާ އެއްވަރުވިއިރު، ދެ ވަނަ މެޗުން 2-1 އިން ކްލަބް އީގަލްސް ބަލިކޮށް ސެމީ ފައިނަލަށް ދިޔަ އެވެ. އިއްޔެ ހަވީރު އޮޑިން 4-2 އިން އީގަލްސް ބަލިކޮށް، އެ ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ނިއު އަށް ލިބުނީ ދެ ވަނަ އެވެ.
އީގަލްސް އަތުން މޮޅުވި މެޗަށް ފަހު ސުޒޭން ބުނީ، އޮޑި މެޗަށް ފަހު އައިސް އީގަލްސްއާ ދެކޮޅަށް ކުޅުނުއިރު، ޓީމުގެ ކުޅުމުން ފެނުނީ، މެޗުން މެޗަށް ކުޅުންތެރިން ރިކަވާވެފައި ނެތްކަން ކަމަށެވެ. އެ ހުރިހާ ހާލަތަކަށް ބަލައި، އީގަލްސް ބަލިކުރަން ފެނުނީ ރަނގަޅު މަަސައްކަތެއް ކަމަށެވެ.
"މި ކަހަލަ ކަޕް މެޗުތަކުން މެޗަކުން މެޗަކުން ވިން ކުރަމުންދާން ޖެހޭނީ އެއީ ވަކި ރިޒަލްޓެއް މުހިންމެއް ނުވާނެ، ސެމީއެއް އޮތިއްޔާ، ސެމީ އަށް ދިޔައީމަ ނިމުނީ، ފައިނަލެއް އޮތިއްޔާ ފައިނަލަށް ދިޔައީމަ ނިމުނީ، އެ ގޮތަށް ކަޕެއްގައި މެނޭޖްކުރީމަ ރަނގަޅުވާނެ،" ސުޒޭން ބުންޏެވެ.
ސުޒޭން، މި އިންޓަވިއު ދިނުމުގެ ކުރިން ސެމީ ފައިނަލުގައި، ނިއު އިން ކުޅެން ޖެހޭ ޓީމެއް ކަށަވަރެއްނުވެ އެވެ. އެކަމަކު، އެ ދުވަހުގައި ވެސް އޭނާ ބުނެފައިވަނީ، މާޒިޔާ އަތުން މޮޅެއްނުވެ، ނޫނީ އެ ގްރޫޕްގައި ހިމެނޭ ޓީމުތައް އަތުން އެކަނި މޮޅުވެގެން މި މުބާރާތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"މީގެ އަޅުގަނޑުމެންނަށް ގައުމީ މުބާރާތް ހޯދާ ކަމަށްވަންޏާ މާޒިޔާ ބަލިނުކޮށް، ނޫނިއްޔާ، ބުރު ބަލިނުކޮށް، ހަަމައެކަނި މި ގްރޫޕްގައި ހުރި ޓީމުތަކާ ކުޅެގެނެއް ނުވާނެ މިކަމެއް. އެހެންވީމަ، މާޒިޔާއާ ވެސް ކޮންމެވެސް ހިސާބެއްގައި ބަލިކޮށްގެން ކުރިއަށްދެވޭނީ، އެ އަދި އިރާދަކުރެއްވިއްޔާ ނިއު ރޭޑިއަންޓަށް އެކެއް ލިބިއްޖިއްޔާ ރަނގަަޅީ، އަބަދުވެސް ބަލަންޖެހޭނެ މާޒިޔާއާ ތަންކޮޅެއް ދުރުން އުޅެވޭތޯ. އަޅުގަނޑު އަނެއްހެން ދަންނަވަންޏާ މީގެ އަނެއް ގޮތަކަށް ނެތް ޕްރެޝަރެއް ހަމަ، ކޮންމެ ބަޔަކާ ދިމާވިޔަސް،" ސުޒޭން ބުންޏެވެ.
ސެމީ ފައިނަލުގައި ނިއު އާއި މާޒިޔާ ވާދަކުރަން ޖެހޭއިރު، އަނެއް ސެމީގައި ކުޅޭނީ މުޅިން އަލަށް ޕްރެޒިޑެންޓްސް ކަޕެއްގެ ސެމީގައި ވާދަކުރާ އޮޑި އާއި ބުރު އެވެ. ސެމީ ފައިނަލް އޮތީ ހުކުރާއި ހޮނިހިރު ދުވަހުގެރޭގަ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ސުޒޭން ބުނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ނިއު އާއި މާޒިޔާ އަދި އޮޑި އާއި ދެން އޮތް ޓީމުތަކާ މެދުގައި އޮތް ފަރަގު ބޮޑުވާން ޖެހޭ ކަމަށް ދެކޭދެކުން އެއްކޮށް ރަނގަޅެއް ނޫން ކަމަށެވެ.
"މިހާރު މީގެ ވާގޮތަކީ، ނިއު ރޭޑިއަންޓް ނޫނިއްޔާމު އޮޑި، މާޒިޔާ ކަހަލަ އެއްޗަކާ ދެން ތިބި ކޮންމެ ޓީމެއް ތަފާތު ބޮޑުވާންޖެހޭނެ ކަމަށް ގަބޫލުކުރެވުނަސް، ހަގީގަތުގައި މި ޓީމުތަކަކީ އެހާ ތަފާތު ޓީމުތަކެއް ނޫން، މި ޓީމުތަކެއް ތަފާތެއް ނުކުރެވޭނެ ހަމަ، ސީރިއަސް މެޗެއްގައި ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ޓީމުތައް މިއީ،" ސުޒޭން ބުންޏެވެ.
ރެފްރީންގެ ނިންމުންތަކާ މެދު ނިއު އިން ހިތްހަމަނުޖެހުން ފާޅުކުރުމާ ބެހޭގޮތުން ސުވާލުކުރުމުން ސުޒޭން ބުނީ، "ރެފްރީ އަކު ގަސްދުގައި އެއްވެސް ކަމެއް ގޯސްކޮށް ނުކުރާނެ،" ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment