Advertisement

އިންތިހާބާ ދިމާކޮށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަހަން މުއިއްޒު ނިންމެވި ނިންމެވުމަށް އޭސީސީގެ ބަހެއް ނެތް

17 ފެބުރުވަރީ 2026 - 10:28 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީގެ މެންބަރުން: އެ ކޮމިޝަނުން އިންތިހާބާ ދިމާކޮށް ނަގުދު ފައިސާ ބަހަން މުއިއްޒު ނިންމެވި ނިންމެވުމަށް އެއްޗެއް ބުނެފައެއް ނުވޭ -- ފޮޓޯ: އޭސީސީ


އިންތިހާބާ ދިމާކޮށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަހަން މުއިއްޒު ނިންމެވި ނިންމެވުމަށް އޭސީސީގެ ބަހެއް ނެތް

17 ފެބުރުވަރީ 2026 - 10:28 2

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާގެ "އިނާޔަތެއް" ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމެވި ނިންމެވުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްޗެެއް ބުނަން ދެކޮޅު ހަދައިފި އެވެ.

ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުރެ އެވެ. މުއިއްޒު ނިންމެވީ ކޮންމެ އެޕާޓްމަންޓެއްގެ ވެރި ފަރާތަށް 100،000 ރުފިޔާ ދިނުމަށެވެ. އެހެންކަމުން އެ އެންމެނަށް ފައިސާ ބަހަން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

އިންތިހާބާ ދިމާކޮށް މުއިއްޒު ދެއްވަން ނިންމެވި މި ފައިސާއާ ގުޅޭގޮތުން އަދަދު އިން އޭސީސީއަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ވެސް ބުނެފައެއް ނުވެ އެވެ.

މުއިއްޒުގެ މި ނިންމެވުމާ ގުޅޭ ގޮތުން އޭސީސީއަށް މިހާތަނަށް މައްސަލައެއް ހުށަހެޅިކަން އެނގިފައެއް ނުވެ އެވެ. ނަމަވެސް އޭސީސީއަކީ މިފަދަ މައްސަލަތައް އަމިއްލަ އިސްނެގުމަށް ބަލައި ހުއްޓުވުމުގެ ބާރު ވެސް ގާނޫނުން މަތިކޮށްފައިވާ މުއައްސަސާއެކެވެ.

އެ ނިންމެވުން މުއިއްޒު ނިންމެވީ މުލީއާގޭގައި މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މާލޭގެ ޑަބްލިއުޑީސީގެ ރައީސަކަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާނުގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް އަދި ގަލޮޅު ދެކުނަށް ވާދަކުރައްވާ މިހާރުގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

މި ނިންމެވުން މުއިއްޒު ނިންމެވީ ސިނަމާލެ އާއި މާލޭހިޔާ ތަޅާލައި އާ ފްލެޓް އަޅައިދޭނެ ކަމަށްވީ ވައުދަށް އަމަލީ ސިފައެއް ނައިސް، ފްލެޓްތަކުގެ ސްޓްރަކްޗާ އިންތިހާއަށް ބާވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޭޕްރީލް 4, ގައި ބާއްވަ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް "އިނާޔަތުގެ" ނަމުގައި އިއުލާނު ކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށް، އެއީ ރިޝްވަތު ދިނުން ކަމަށް ބުނަމުންނެވެ.

މި އިނާޔަތް ދިނުމަށް ބަޖެޓުން ހޭދަވާނެ ޖުމުލަ އަދަދެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

މިވަރުގެ ބޮޑު އިނާޔަތް ދޭން މުއިއްޒު ނިންމެވިއިރު، ދޫކުރި ސިނަމާލެ އަދި އެހެން ބައެއް ފްލެޓުތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓު އަދި ބިމަށް ކުރިމަތިލެވޭނެ ކަމަށް ކުރީ ސަރުކާރު އޮތީ ނިންމައިފަ އެވެ.