Advertisement

ޒަވީ ދެއްކި މެސީގެ ވާހަކަތަކަށް ލަޕޯޓާ އާއި ޓެބާސްގެ ރައްދެއް

about 2 hours 0


ޒަވީ ދެއްކި މެސީގެ ވާހަކަތަކަށް ލަޕޯޓާ އާއި ޓެބާސްގެ ރައްދެއް

about 2 hours 0

ބާސެލޯނާ (މާޗް 9) - ބާސެލޯނާ އަށް ޒަވީ ހެނާންޑޭޒް ކޯޗުކޮށްދިންއިރު، 2023 ވަނަ އަހަރު ލިއޮނަލް މެސީ، އެނބުރި އެ ޓީމަށް ގެންނަން ހަމަޖެހުނު ކަމަށާއި އެ ކަމަށް ހުރަސް އެޅީ ބާސެލޯނާގެ ކުރީގެ ރައީސް ލަޕޯޓާ ކަމަށް ބުނެ، ޒަވީ ދެއްކި ވާހަކަތަކަށް ލަޕޯޓާ އާއި ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ރައްދުދެއްވައިފި އެވެ.

ސްޕެއިނުގެ ނޫހަކަށް ޒަވީ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ނިމުމަށް ފަހު، 2023 ވަނަ އަހަރުގެ ޖޫން މަހު ޕީއެސްޖީއާ އެކު، މެސީ ހަދާފައި އޮތް ކޮންޓްރެކްޓް ހަމަވުމުން، އޭނާ ހުރީ އެނބުރި ބާސެލޯނާ އަށް އަންނަން ތައްޔާރަށް ކަމަށެވެ. އަދި، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެސީއާ އެކު އެ ވާހަކަތައް ދެކެވުނު ކަމަށާއި އެ ކަންކަމަށް ހުރަސް އެޅީ ލަޕޯޓާ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

ޒަވީ ބުނެފައިވަނީ، މެސީ އަލުން ގެންނަން ލަޕޯޓާ ބޭނުންނުވާ ކަމަށާއި އެކަން ނުކުރެވޭނެ ގޮތަށް ދެއްކޭނެ ހުރިހާ ވާހަކައެއް ލަޕޯޓާ ދައްކާނެ ކަމަށެވެ. އަދި، ސްޕެނިޝް ލީގުން ވެސް ބާސެލޯނާގެ މުސާރައިގެ އޮނިގަނޑުގެ ތެރެއިން މެސީ ގެނެވޭ ގޮތެއް އޮތް ކަމަށް ބުނި ކަމަށާއި އެކަމަކު ވެސް ލަޕޯޓާ އެ ގޮތަށް ކުރިއަށްދާން ބޭނުންނުވާތީ މެސީ އަށް އެނބުރި ބާސެލޯނާ އަށް ނާދެވުނީ ކަމަށެވެ.

"އަހަރެން ބޭނުމީ ހަގީގަތް ހާމަކުރަން، މެސީ އެނބުރި ބާސެލޯނާ އަށް ނާންނާނެ ލަޕޯޓާ ހުއްޓައި. މިއީ، ލަލީގާ ނޫނީ ޖޯޖް މެސީ (މެސީގެ އޭޖެންޓް އަދި އޭނާގެ ބައްޕަ) ފައިސާ އަށް ޑިމާންޑްކުރާތީ ނުވެ އޮތް ކަމެއް ނޫން،" ޒަވީ ބުންޏެވެ.

ޒަވީ ބުނީ، ލަޕޯޓާގެ ފަރާތުން ފެނުނު ކަންތައްތަކުގެ ސަބަބުން މެސީއާ ދެމެދު އޮތް ގުޅުމަށް ވެސް އަސަރުކުރި ކަމަށެެވެ. އެކަމަކު، ފަހުން ހަގީގަތް އެނގުމާ އެކު، އެ ހިޔާލުތަފާތުވުންތަކަށް ހައްލު ލިބިފައިވާ ކަމަށެވެ.


ބާސެލޯނާގައި އޭނާގެ ކުޅުންތެރިއެއް އަދި ކޯޗެއްގެ ކެރިއަރު ނިމިފައިވާ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

މި ވާހަކަތަކާ ގުޅިގެން، ލަލީގާގެ ރައީސް ޓެބާސް ވިދާޅުވީ، މެސީ އެނބުރި ގެންނަން ބާސެލޯނާ އިން ކުރި މަސައްކަތުގައި، އެ ކްލަބްގައި އޮތް މުސާރައިގެ އޮނިގަނޑުގެ މައްސަލަތަކުގެ ތެރެއިން ހައްލުތަކެއް ހޯދައިދޭން ލަލީގާ އިން ހުއްދައެއް ނުދޭ ކަމަށެވެ. އަދި، ޒަވީ ދިން އިންޓަވިއުގައި ލަލީގާއާ ބެހޭގޮތުން ދެއްކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޓެބާސް ވިދާޅުވި އެވެ.

ލަޕޯޓާ އަންނަނީ ބާސެލޯނާގެ ރައީސް ކަމުން ދުރުވެ، ކުރިއަށް އޮތް އިންތިހާބުގައި ވެސް ވާދަކުރައްވައި، ކެމްޕެއިން ކުރައްވަމުންނެވެ. އެ ގޮތުން، ޒަވީގެ މި އިންޓަވިއުއާ ގުޅޭގޮތުން ލަޕޯޓާ ވެސް ވަނީ މީޑިއާގައި ވާހަކަ ދައްކަވައިފަ އެވެ.

އެ ގޮތުން، ލަޕޯޓާ ވިދާޅުވީ، 2023 ވަނަ އަހަރުގެ މާޗް މަަސް ތެރޭގައި، އޭނާއާ ބައްދަލުކޮށް ޒަވީ ވަނީ މެސީގެ ވާހަކަ ދައްކާފައި ކަމަށެވެ.

އެކަމަކު، އެ އަހަރުގެ މެއި މަހު، މެސީގެ ބައްޕަ ޖޯޖް، ވަނީ ލަޕޯޓާއާ ބައްދަލުކޮށް، އެ އަހަރު ތެރޭ މެސީ އެނބުރި ބާސެލޯނާ އަށް އައުން ވެގެންދާނީ ބާސެލޯނާ އަށް ބޮޑު ޕްރެޝަރަކަށް ކަމަށް ބުނެފަ އެވެ. އަދި، އެ ހުރިހާ ކަމަކަށް ބަލާފައި، މެސީ ނިންމީ އިންޓަ މިއާމީ އަށް ދިއުމަށް ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.

އޭނާގެ ރައީސް ކަމުގައި، މެސީ ބާސެލޯނާ އަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް އަބަދުވެސް ވާހަކަ ދެއްކެވި، ލަޕޯޓާ ވިދާޅުވީ، 2023 ވަނަ އަހަރު ބާސެލޯނާ އިން މެސީ އަށް ހާއްސަ މެޗެއް ކުޅުމުގެ މަޝްވަރާތަކެއް ކުރި ކަމަށާއި އަދި ބާސެލޯނާގެ ދަނޑު ބޭރުގައި މެސީގެ ސްޓެޗޫއެއް ބަހައްޓަން ވެސް ރޭވުންތަކެއް އޮތް ކަމަށެވެ.

ލަޕޯޓާ ވިދާޅުވީ، މި ހުރިހާ ކަމެއް ކުރަން ބޭނުންވީ، ބާސެލޯނާގެ ދަނޑު ކޭމްޕް ނައުގެ މަސައްކަތް އެއްކޮށް ފުރިހަމަވެ ނިމުމުން ކަމަށެވެ.