16 ފެބުރުވަރީ 2026 - 23:09 1
އަމަން ހަލީމް
ރައީސް މުހައްމަދު މުއިއްޒު އެހެން ދަތުރެއްގައި ފުރާވަޑައިގަންނަވަނީ: ރައީސް އެ ގައުމަށް ވަޑައިގެންނެވީ ދެ ދުވަހަށް --- ފޮޓޯ: ރައީސް އޮފީސް
16 ފެބުރުވަރީ 2026 - 23:09 1
ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރާ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް މިރޭ ފުރާވަޑައިގެންފި އެވެ.
މުއިއްޒު އެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ، ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސް ދެއްވި ދައުވަތަކަށެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާގެ ވަގުތެއްގަ އެވެ.
ރައީސް އޮފީހުން މުއިއްޒު އަނބުރާ ގައުމަށް ވަޑައިގަންނަވާނީ ބުދަ ދުވަހު ކަމަށެވެ. އަދި، މި ދަތުރުގެ ތެރެއިން ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު، ތާރިގު ރަހުމާނާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މުއިއްޒު ވަނީ ތާރިގުގެ ޕާޓީ، ބީއެންޕީއިން ހޯދި ކާމިޔާބީއާ ގުޅިގެން މަރުހަބާ ދެންނެވި ޕޯސްޓުގައި ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި، ދެ ގައުމުގެ ދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އާއި ބަންގްލަދޭޝްއިން ހާރިޖީ ގުޅުން ގާއިމުކުރީ, އެ ގައުމު އުފެދުނުތާ ހަތް ވަރަކަށް އަހަރު ފަހުން، 1978 ގައި އެވެ.
Comment