Advertisement

ޓީ20 ވޯލްޑް ކަޕް: އިންޑިއާ އިން ޕާކިސްތާން ބަލިކޮށް ގަދަ 8 އަށް

16 ފެބުރުވަރީ 2026 - 10:04 0


ޓީ20 ވޯލްޑް ކަޕް: އިންޑިއާ އިން ޕާކިސްތާން ބަލިކޮށް ގަދަ 8 އަށް

16 ފެބުރުވަރީ 2026 - 10:04 0

ކޮލަމްބޯ (ފެބްރުއަރީ 16) - މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުގައި، 61 ލަނޑުން ޕާކިސްތާން ބަލިކޮށް އިންޑިއާ އިން ގަދަ އަށް ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.

މި މެޗަކީ ކުރިން ޕާކިސްތާން ސަރުކާރުން އެދިގެން އެ ޓީމުން ބައިކޮޓްކުރަން ނިންމާފައި އޮތް މެޗެކެވެ. އެއީ، ބަންގްލަދޭޝް ކްރިކެޓް ޓީމާ ދެކޮޅަށް އައިސީސީން ނިންމި ނިންމުމާ އެކު، އެ ޓީމަށް ސަޕޯޓް އޮތްކަން ދެއްކުމުގެ ގޮތުންނެވެ. އެކަމަކު، އައިސީސީއާ އެކު މަޝްވަރާތަކެއް ބާއްވައި، އެންމެ ފަހުން ޕާކިސްތާން ސަރުކާރުގެ ނިންމުން ބަދަލުކޮށް އެ ޓީމުން ރޭގެ މެޗު ކުޅެން ނިންމީ އެވެ.

ކޮލަމްބޯގެ ޕްރެމަދާސާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާނުން ނިންމީ ފީލްޑް ކުރުމަށެވެ. އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވިއިރު، 175 ލަނޑު ހަދާފައިވެ އެވެ. އިންޑިއާ އިން އެންމެ ގިނަ ލަނޑު އެއްކުރީ އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި ކުޅެން އެރި އިޝާން ކިޝަން އެވެ. އޭނާ ވަނީ 40 ބޯޅައިން 77 ލަނޑު ހަދައިފަ އެވެ.

މި އިނިންސްގައި، ޕާކިސްތާންގެ ބޯލަރު، ސާއިމް އަޔޫބް ވަނީ ހަަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، ޕާކިސްތާނުން 18 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 114 ލަނޑެވެ. ޕާކިސްތާނުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އުސްމާން ހާން އެވެ. އެއީ، 44 ލަނޑު ހަދައިގެންނެވެ. މި އިނިންގްސްގައި، އިންޑިއާގެ ހާޑިކް ޕާންޑްޔާ، ޖަސްޕްރީތު ބުމްރާ، އަކްސާ ޕަޓޭލް އަދި ވަރުން ޗަކުރަވަރުތީ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އިން މި ފަހަރު ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެއީ، އެމެރިކާ، ނަމީބިއާ އަދި ޕާކިސްތާން އަތުންނެވެ.

އިންޑިއާގެ އިތުރުން ގަދަ 8 ޔަގީންކުރި އަނެއް ޓީމަކީ ވެސްޓް އިންޑީސް އެވެ.