9 މާރިޗު 2026 - 00:03 0
9 މާރިޗު 2026 - 00:03 0
އަހުމަދުއާބާދު، އިންޑިއާ (މާޗް 8) - ނިއު ޒީލެންޑުގެ މައްޗަށް 96 ލަނޑުން ކުރިހޯދައި، އިންޑިއާ އިން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ތަށި ދިފާއުކޮށް ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.
އިންޑިއާ އަކީ ޓީ20 ވޯލްޑް ކަޕެއްގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމެވެ. އަދި، މުބާރާތުގެ ތަށި ތިން ފަހަރެއްގެ މަތިން ހޯދި ފުރަތަމަ ޓީމު ވެސް މެ އެވެ. އިންޑިއާ އިން ވަނީ 2007 ވަނަ އަހަރުގެ ދެކުނު އެފްރިކާގައި ބޭއްވި، އެންމެ ފުރަތަމަ ޓީ20 ކްރިކެޓް ވޯލްޑް ކަޕާއި އެންމެ ފަހުން، 2024 ވަނަ އަހަރު ކެރީބިއަން އައިލެންޑްސްގައި ބޭއްވި ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، މި ފަހަރު އިންޑިއާ އިން އެ ގައުމާއި ސްރީ ލަންކާގައި ހޯސްޓްކުރި ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށް މި ވަނީ އަމިއްލަ ގައުމުގައި ކުޅެގެން، ޓީ20 ވޯލްޑް ކަޕެއް ކާމިޔާބުކުރި ފުރަަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ.
ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގައި ޓޮސް ދިމާވުމުން، ނިއު ޒީލެންޑުން ނިންމީ ހޮވާށެވެ. އިންޑިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 255 ލަނޑު ހެދި އެެވެ. އިންޑިއާ އިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، މުބާރާތުގެ ފެށުން ދަށްކޮށް ދިޔަ ނަމަވެސް ފަހު ތިން މެޗުގައި ތަފާތު ދެއްކި ސަންޖޫ ސެމްސޮން އެވެ. އޭނާ ވަނީ 46 ބޯޅައިން 89 ލަނޑު ހަދައިފަ އެވެ. އަށް ފަހަރު ހަޔަކަށް ޖެހިިއިރު، ފަސް ފަހަރު ހަތަރަކަށް ޖެހި އެވެ.
އިންޑިއާގެ އަބިޝޭކް ޝަރުމާ ނުބައިވީ 21 ބޯޅައިން 52 ލަނޑަށެވެ. އަދި، އިޝާން ކިޝަން ވަނީ 25 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ.
މި އިނިންސްގައި ނިއު ޒީލެންޑުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ހަތަރު އޯވަރަށް ތިން ވިކެޓް ނެގި ޖިމީ ނީޝަމް އެވެ.
މީގެ ކުރިން، އައިސީސީގެ ގިނަ ވޯލްޑް ކަޕް ތަކެއްގެ ފައިނަލުގައި ބަލިވި، ނިއު ޒީލެންޑުން ކުޅެން އަރައި، 19 އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 159 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 26 ބޯޅައިން 52 ލަނޑަށް ނުބައިވި ޓިމް ސެއިފާޓް އެވެ. މި އިނިންގްސްގައި އިންޑިއާގެ ތަފާތަކަށްވީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނެގި ޖަސްޕްރީތު ބުމްރާ އެވެ. އަދި، ތިން އޯވަރަށް އަކްސާ ޕަޓޭލް ވެސް ތިން ވިކެޓް ނެގި އެވެ. އަދި، އިޝާން ވަނީ ތިން ވިކެޓްގައި، ރަނގަޅު ފީލްޑިން އެއްކޮށް، ބޯޅަ ހިފައިފަ އެވެ.
މިއީ، އައިސީ ވޯލްޑް ކަޕެއްގެ ފައިނަލް މެޗު ހޮނިހިރު ދުވަހެއް ނޫން ދުވަހެއްގައި ކުޅެގެން އިންޑިއާ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި، މީގެ ކުރިން، އެ ޓީމުން ތިން ފަހަރު އާދިއްތަ ދުވަހު އައިސީސީ ފައިނަލެއްގައި ކުޅެގެން ވަނީ ބަލިވެފަ އެވެ.
އިންޑިއާގެ ކެޕްޓަން، ސޫރްޔަކުމާރު ޔާދަވް (ސްކައި) ބުނެފައިވަނީ، މި ކާމިޔާބީ ހުރިހާ ގޮތަކުން ވެސް ހާއްސަވާނެ ސަބަބަކީ ގިނަ ކުޅުންތެރިންތަކެއް އަމިއްލަ އަށް އިސްނަގައިގެން ގިނަ ކަންތައްތަކެއް ރަނގަޅުކޮށް، އިންޑިއާގައި މި ތަށި ބަހައްޓަން ކުރި މަސައްކަތް ކާމިޔާބު ކުރުމުން ކަމަށެވެ.
Comment