Advertisement

ޕޮލިސް ކޮމިޝަނަރު، ނަވީން ރިޓަޔާ ކުރަން ހުށަހެޅުއްވީ މުއިއްޒު އަންގަވައިގެން

15 ފެބުރުވަރީ 2026 - 22:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން އޮތް ރަސްމިއްޔާތެއްގައި ނަވީންއާ މުއިއްޒު ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


ޕޮލިސް ކޮމިޝަނަރު، ނަވީން ރިޓަޔާ ކުރަން ހުށަހެޅުއްވީ މުއިއްޒު އަންގަވައިގެން

15 ފެބުރުވަރީ 2026 - 22:10 0

ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން ރިޓަޔާ ކުރައްވަން ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެގޮތަށް ކަންކުރަން އަންގަވައިގެންކަން އެނގިއްޖެ އެވެ.

ފުލުހުންގެ ވަޒީފާއިން ނަވީން ރިޓަޔާ ކުރައްވަން މިއަދު ހުށަހެޅުއްވީ މުއިއްޒު އަންގަވައިގެންކަން، އެ ކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކަށަވަރު ކޮށްދިނެވެ. ނަމަވެސް، ރިޓަޔާ ކުރައްވަން ނަވީންއަށް މުއިއްޒު އެންގެވި ސީދާ ސަބަބެއް އަދި، މިހައިތަނަށް އެނގިފައެއް ނުވެ އެވެ.

އެހެންމަވެސް، ކޮމިޝަނަރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވާފައިވާކަން ލިޔުއްވައި ފުލުހުންގެ އެގްޒެކެޓިވް ވެރިންނަށް ނަވީން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މަގާމުން ރިޓަޔާ ކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑު ރިޓަޔާ ކުރަން އެދި ހުށަހެޅުމަށް ނިންމައިފިން. ދުވަސްތަކެއް ވަންދެން އަޅުގަނޑު ބޮލު ތެރޭގައި މި ވިސްނުން ގެންގުޅުމަށްފަހު މިއަދު މިކަން ކުރަން މި ނިންމީ ވަރަށް ގިނަ ކަންކަމަށް ވިސްނާ ފިކުރުކުރުމަށްފަހު،" އިނގިރޭސި ބަހުން ލިޔުއްވައި ނަވީން ފޮނުއްވި މެސެޖުގައިވެ އެވެ.

އެ މެސެޖުގައި ނަވީން ވަނީ، މިއީ އޭނާގެ ހިދުމަތުގެ ދައުރު ނިންމައިލުމަށް އެންމެ މުނާސަބު ވަގުތު ކަމަށް ލިޔުއްވައިފަ އެވެ. އަދި، އެ ހިދުމަތުގައި އިތުރު ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މިއަށްވުރެ އެކަމަށް ވަކީން މުނާސަބު ވަގުތެއް އަންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ނަވީން ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުގެ ހިދުމަތުގެ ދައުރު ނިންމާލައި، އިސްމަގާމުތަކުގެ މަސްއޫލިއްޔަތުތައް އޮމާންކަމާއެކު ބަދަލުކުރުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު،" ނަވީން ލިޔުއްވާފައިވެ އެވެ.

މެސެޖު ނިންމަވައިލައްވަމުން ނަވީން ލިޔުއްވާފައި ވަނީ، އެ މަގާމުގައި ހުންނަވައި ދިވެހި ގައުމަށާއި ފުލުހުންގެ މުއައްސަސާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އެނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.